ޕާކިސްތާނުގައި ހަތިޔާރު ހިފައިގެން އުޅެނިކޮށް ގައްދޫ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި
މަތީގައި ކަނާތުން ވާތަށް: މޫސާ ޔޫސުފް، އަލީ ޝަފީގް، މުހައްމަދު ޒުހުރީ، ޔޫސުފް މުހައްމަދު (ތިރިން ކަނާތުން ވާތަށް:) އަލީ ފާއިޒު، އަބުދުﷲ ސަމީރު، އަހުމަދު އަޝްރަފް، ޔޫސުފް އިޒާދީ.
ޕާކިސްތާނުގައި ހަތިޔާރާއި އެކު ހަރަކާތްތެރިވަމުން ދަނިކޮށް ގައްދޫ ރީގަލް މުހައްމަދު ޒުހުރީ ޕާކިސްތާނު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިއަދު މެންދުރުފަހު ކޯސްޓް ގާޑް ބިލްޑިންގގައި މިކަމާއިބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ އަމީން ފައިސަލް ވިދާޅުވިގޮތުގައި ޕާކިސްތާނުގެ ވަޒަރިސްތާނުގައި ހަތިޔާރު އަޅައިގެން އުޅެނިކޮށް ފުލުހުންވަނީ ނުވަ ދިވެއްސަކު ހައްޔަރުކޮށްފައެވެ. އެ ނުވަ މީހުންނަކީ މުހައްމަދު ޒުހުރީގެ އިތުރުން މ. ނިކޯސިއާ ޔޫސުފް އިޒާދީ 36 އަހަރު، ހދ. ވައިކަރަދޫ ކަޝްމީރުވާދީ އަޙްމަދު އަޝްރަފް 32 އަހަރު، ށ. ޅައިމަގު ފެންފިޔާޒުގޭ ޢަބްދުﷲ ސަމީރު 39 އަހަރު، ހދ. ވައިކަރަދޫ ވައިޖެހޭގޭ ޢަލީ ފާއިޒް 32 އަހަރު، އަދި އެޑްރެހާއި ޢުމުރު ނޭނގޭ އާރިފް އަޙްމަދު، ލ. ކަޅައިދޫ މިރުސްމާގޭ މޫސާ ޔޫސުފް 31 އަހަރު، ރ. ކަނދޮޅުދޫ ބަށިމާގޭ ޢަލީ ޝަފީޤް 26 އަހަރު، އަދި ލ. ކަޅައިދޫ ވެސްޓް ހައުސް ޔޫސުފް މުޙައްމަދު 52 އަހަރެވެ.
ޒުހުރީގެ އާއިލާގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ޒުހުރީ ފުރައިގެން ގޮސްފައިވަނީ އާއިލާއަށް އެނގިގެން ނޫންކަމަށާއި މިޚަބަރު ލިބުމާއި ގުޅިގެން އިމިގްރޭޝަނަށް ގުޅައިގެން އޭނާ ފުރައިފައިވޭތޯ ޔަގީންކޮށްފައިވާ ކަމަށެވެ.
މިކަމާއި ބެހޭގޮތުން ކޯސްޓްގާޑް ބިލްޑިންގގައި މިއަދު މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ އަމީން ފައިސަލް ވިދާޅުވިގޮތުގައި، މިމީހުން ހައްޔަރުކުރިކަމުގެ މައުލޫމާތު ޕާކިސްތާނުން ދިވެހިސަރުކާރަށް އިއްޔެ ދިންނަމަވެސް މީގެތެރެއިން ދެމީހަކު މިދިޔަ މާރޗްމަހުގެ 11 ވަނަދުވަހު ހައްޔަރުކޮށްފައިވާކަމަށާއި އަދި ޖެހިގެންއައި 12 ވަނަދުވަހު އަނެއް ހަތްމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މީގެތެރެއިން އެއްވެސްމީހަކު ރާއްޖެއަށް ގެނައުމަށް މަސައްކަތް ނުކުރާކަމަށާއި، ހަތިޔާރާއެކު މިމީހުން ހައްޔަރުކޮށްފައިވާތީ ފާކިސްތާނު ސަރުކާރުން މިމީހުންނާއިމެދު ވަކި ފިޔަވަޅުތަކެއް އަޅާނެކަމަށް ވިދާޅުވިއެވެ. އަދި މިކަމަކީ ގައުމީ ސަލާމަތާއި ގުޅިފައިވާ ވަރަށް ނުރައްކާތެރިކަމެއްކަމުން، އެމީހުންގެ ބޭނުމާއި، އެމީހުން ރާއްޖެއިންނާއި ޕާކިސްތާނުން ގުޅިފައިވަނީ ކޮންބަޔަކާއިތޯ ރާއްޖޭގެ ސިފައިންގެ އިންޓެލިންޖެންސާއި ޕާކިސްތާނު ސިފައިންނާއި ގުޅިގެން ކުރެވެމުންދާކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ



-ސ-
ކޮމެންޓްސް ފުނުއްވާ