ގައްދޫ ޒުވާނުން އިސްނަގައިގެން ގައްދޫ ފެހިކުރުމުގެ ގޮތުން ގަސްއިންދުމަށްޓަކައި ކަޅުފަސް ގެނެސްފި
މިގޮތުން އިއްޔެވަނީ 300 ބަސްތާ ކަޅުފަސް ގަމުން ގައްދުއަށް ގެނެސްފައި.
ރަފްޓާ ޕްރޮޖެކްޓްގެ ދަށުން ގައްދޫ ފެހިކުރުމުގެ ގޮތުން ގަސްއިންދުމަށްޓަކައި ބޭނުންވާ ކަޅުފަސް ގދ ގަމުން ގައްދުއަށް ގެނައުމުގެ މަސައްކަތް ގައްދޫ ޒުވާނުން އިސްނަގައިގެން އިއްޔެ ކޮށްފިއެވެ. ޒުވާނުން 2 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިމަސައްކަތުގައި އެއްގްރޫޕުން ކަޅުފަސް ގެންނަން ހަމަޖެހިފައިވާއިރު އަނެއް ގްރޫޕުން ގަސްތައް ހިމާޔަތް ކުރުމަށްޓަކައި ވަށައިގެން ޖެހުމަށް ބޭނުންވާ ދަނޑިތައް ގަމުން ގެންނަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ގާތްގަނޑަކަށް 30 ހަކަށް ޒުވާނުން އިސްނަގައިގެން ފޯރިއާއި އެކު ކުރިއަށްގެންދިޔަ މިމަސައްކަތުން އިއްޔެ 300 ބަސްތާ ކަޅުފަސް ގައްދުއަށް އިއްޔެ ގެނެވިފައިވާ ކަމަށް މައުލޫމާތުލިބިފައިވެއެވެ.
މިކަމަށް ބޭނުންވާ ގަސްތައް މިހާރުވަނީ އިންދަން ބޭނުންވާ ވަރަށް ބޮޑުވެފައިވާ ކަމަށާއި މިގޮތުން އިންދާ ގަސްތަކުގެ ތެރޭގައި ފިތިރޯނު، ހިރުނދު، ދިވެހިރުއް، އަދި ބައެއް މޭވާ ގަސް ހިމެނޭކަމަށް އެނގިފައިވެއެވެ. މި މުޑުވައްތައް އިންދުމަށް ބޭނުންވާ ވަޅުތައް ކޮނުމުގެ މަސައްކަތް ރަށުގެ ޒުވާނުންނާއި އަދި ޖުމްލަ ގޮތެއްގައި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއިއެކު އަންނަ ހޮނިހިރު ދުވަހު ކުރާގޮތަށް ޕްލޭންކުރެވިފައިވާ ކަމަށްވެސް ރަފްޓާގެ ޕްރޮޖެކްޓް މެނޭޖަރ އަބޫބަކުރު މުހައްމަދު މައުލޫމާތު ދެއްވެވިއެވެ.
މިފަދަ އިޖްތިމާއީ ކަންތައްތަކުގައި ގައްދޫ ޒުވާނުންގެ ފަރާތުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ޚާއްސަގޮތެއްގައި ފާހަނގަކޮށް އެފަރާތްތަކުގެ އަގު ގައްދޫ އޮންލައިންގެ ފަރާތުން ވަޒަންކުރަމެވެ. ޒުވާނުންގެ މިފަދަ އިސްނެގުންތަކުގެ ސަބަބުން އިޖްތިމާއީ ގުޅުންތައް ވަރުގަދަވެ މިކަމުގެ ހެޔޮ އަސަރު އެކިގޮތްގޮތުން މުޖުތަމައަށް ކުރަމުންދާނެކަން ޔަގީނެވެ.
މިޕްރޮޖެކްޓްގެ ދަށުން ރަށުގައި ގަސްއިންދުމުގެ މަސައްކަތް ނިމި ގަސްތައް ހެދިފައި އޮންނައިރު ގައްދޫ އޮންނާނީ ވަރަށްވެސް ރީތި ފެހި ރަށެއްގެ ގޮތުގައެވެ.



ކޮމެންޓްސް ފުނުއްވާ