ދުނިޔޭގެ ރާޅާ އެޅުންތެރިންނަށް ގައްދުއަކީ މަގުބޫލު މަންޒިލެއް ކަމުގައި ވެއްޖެ
ޓައިގަރސް ގެ ނަމުން ނަންދެވިފައިވާ މިތަނަށް ރާޅާ އެޅުމަށްޓަކައި އެކި ހިސާބުތަކުން މީހުން އާދޭ.
ގައްދޫގެ ފުއްޓަރު ފަރާތުންނަގާ ބޮޑެތި ބިޔަ ރާޅުތަކަކީ ދުނިޔޭގެ ރާޅާއެޅުންތެރިންނަށް ވަރަށް މަގުބޫލު ރާޅުތަކެއް ކަމަށް ހިމެނިގެން ހިނގައްޖެއެވެ. މިގޮތުން ގައްދޫގައި ނަގާ ރާޅު އެންމެ ރަނގަޅު ދުވަސްވަރެއްކަމަށް ބެލެވިފައިވަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީމަހުން ފެށިގެންގޮސް އެޕްރީލް މަހާއި ދެމެދުގައެވެ. އެހެންކަމުން މިދުވަސްވަރުގައި ދުނިޔޭގެ އެކި ހިސާބުތަކުން ސާފް ކުރުމަށްޓަކައި ރާޅާ އެޅުންތެރިން ގައްދުއަށް ޒިޔާރަތް ކުރަމުން އާދެއެވެ.
ރާޅާ އެޅުންތެރިންގެ މެދުގައި "ޓައިގަރސް" ގެ ނަމުން ނަންދެވިފައިވާ މި ރަށުގެ ރާޅުތަކުގައި ސަރފް ކުރުމަށްޓަކައި ރާޅާ އެޅުންތެރިން އަންނަމުން ދަނީ ސަފާރީ އުޅަނދު ތަކުގައާއި އަދި ވަކިވަކި ގްރޫޕްތަކުގެ ގޮތުގައެވެ. އާންމުގޮތެއްގައި އަބަދުވެސް އެކެއް ނުވަތަ ދެ ސަފާރީ އުޅަނދު ރާޅު ރަނގަޅު ދުވަސްވަރުގައި ގައްދުއަށް އަންނަކަމަށްވެއެވެ.
ވަކިވަކި ގްރޫޕްތަކުގެ ގޮތުގައި އަންނަ މީހުންގެ ކެއުމާއި ހުރުމުގެ ކަންތައް ހަމަ ޖައްސާފައިވަނީ ގައްދޫގެ އަމިއްލަ މީސްމީހުންގެ ގޭގައެވެ. ގިނަ ފަހަރު މިމީހުން އަންނަނީ އެމީހުންނާއި ރައްޓެހި ފަރާތްތަކުގެ އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން މިމީހުންގެ ފަރާތުން ގައްދުއަށް އެކަށީގެންވާ ރަނގަޅު އާމްދަނީ އެއް ވަންނަ ކަމަށް ބެލެވެއެވެ.
ގައްދުއަށް ރާޅާ އެޅުމަށް އަންނަ ފަރާތްތަކާއި ގައްދޫގެ ރާޅާ އެޅުންތެރިންނާއި ދެމެދު ވަރަށް ބަދަހި ގުޅުމެއް އުފެދިފައިވެއެވެ. މިގޮތުން ގައްދޫގެ ސާފަރުންނަށް މިމީހުންގެ ފަރާތުން ސާފް ބޯޑާއި އަދިވެސް އިތުރު އެހީތައް ލިބޭ ކަމަށް އެފަރާތްތަކުން ހާމަކުރައްވައެވެ.
ގައްދޫގެ ރާޅާ އެޅުންތެރިންނަކީ މިހާރު ރާއްޖޭގެ ނިސްބަތުންވެސް ކުރިއަރަމުން އަންނަ ފެންވަރު ރަނގަޅު ބައެކެވެ. ވަރަށް ކުޑަ އިރުއްސުރެންފެށިގެން މިކުދިން ރާޅާއެޅުމުގެ މަސައްކަތް ދަސްކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން މިހާރު އެކުދިންގެ ހުނަރުވެރިކަން ވަނީ ވަރަށް ބޮޑަށް ކުރިއަރައި ތަރައްގީވެފައެވެ. ނަތީޖާއެއްގެ ގޮތުން ގައްދޫގެ ސާފަރުންވަނީ ގައުމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތައް ހާސިލްކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.



ކޮމެންޓްސް ފުނުއްވާ