އަމިއްލަ ގޮތުން ބައިވެރިވާ ތިން ކެންޑިޑޭޓުންވެސް ޓީވީގެ ބަހުސްގައި ބައިވެރިވެވެންނެތްކަން ހާމަކޮށްފި.
ބަހުސްގައި ބައިވެރި ނުވާ 3 ކެންޑިޑޭޓުން މަތީގައި. (ކަނާތުން ވާތަށް: ޖަމީލާގެ ޒާހިރު، ގައްދޫ ޒާހިރު، ރަޝީދު) ތިރިން ކަނާތުންވާތަށް: (އަމީން، އިމްތިޔާޒް)
ޓީވީ މޯލްޑިވްސް ގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބަހުސްގައި ބައިވެރި ވެވެން ނެތްކަމަށް އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލިސްގެ ގައްދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ތިން ކެންޑިޑޭޓުން ހާމަކޮށްފިއެވެ. އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބަށް ކުރިމަތިލައްވާ ގޮތަށް ހަމަޖެހިފައިވާ ތިން ކެންޑިޑޭޓުންނަކީ ޒާހިރު އާދަމާއި، އަހުމަދު ރަޝީދާއި އަދި މުހައްމަދު ޒާހިރެވެ.
ރައްޔިތުންގެ މަޖިލިހުގެ މިހާރުވެސް މެމްބަރެއްގެ ގޮތުގައި ހުންނެވި ޒާހިރު އާދަމް ވިދާޅުވިގޮތުގައި އޭނާގެ ބަލި ހާލު ހުރިގޮތުން ޑިބޭޓް އިއުލާންކުރުމުގެ ކުރިންވެސް ޗުއްޓީ ނަންގަވާފައިވާނެކަމަށާއި މިމަހުގެ 7 ވަނަ ދުވަހު ލަންކާއަށް ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ލަންކާއަށްފަހު ސިންގަޕޯރ އަށް ގޮސް އެތަނުން ބޭސް ފަރުވާ ކުރުމުގެ އިންތިޒާމް މާކުރިން ހަމަޖައްސާފައިވާނެކަމަށްވެސް ޒާހިރު ވިދާޅުވިއެވެ. މީގެ އިތުރަށް އޭނާ ވިދާޅުވިގޮތުގައި ޓިވީ ބަހުސަކީ އެހާ މުހިއްމު އެއްޗެއް ކަމަށް ދެކި ނުލައްވާކަމަށާއި، އެކަމަކީ ސިޔާސީ ޕާޓީތަކުގެ ކުޅިގަނޑެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
މިކަމާއި ބެހޭ ގޮތުން މުހައްމަދު ޒާހިރު ވިދާޅުވީ ލޮލުގެ ފަރުވާ އަކަށް އޭނާވެސް އިންޑިޔާއަށް މާދަމާ ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށާއި އަނބުރާ ރާއްޖެ އާދެވޭނީ މިމަހުގެ 10 ހިސާބުގައި ކަމަށެވެ. އެހެންކަމުން މިފަހަރުގެ ބަހުސްގައި ބައިވެރި ވެވެން ނެތް ކަމަށެވެ.
އަހުމަދު ރަޝީދު ބަހުސްގައި ބައިވެރިވާތޯ ބެލުމަށް އޭނާއާއި ގުޅާލެއްވުމުން ވިދާޅުވީ ބަހުސްގައި ބައިވެރިވުމަކީ އޭނާގެ ހިތް އެދޭކަމެއް ނޫންކަމަށާއި އެކަމަކީ އޭނާގެ ޝެޑިއުލްއާއި ޚިލާފްވާ ކަމެއް ކަމަށެވެ. އަދި ހަމައެއާއެކު އޭނާ ޖަވާބު ދޭންޖެހޭނީ ގައްދޫ ދާއިރާގެ ރައްޔިތުންނަށް ކަމަށާއި ރައްޔިތުންނާއި ފޭސްޓުފޭސް ކޮށް ދައްކަންޖެހޭ ވާހަކަތައް ދައްކަވާނެކަމަށެވެ. ހަމަ އެގޮތަށް ރައްޔިތުން ރަޝީދުއާއި ކޮށްލަން ބޭނުންވާ ސުވާލުތަކަށްވެސް ޖަވާބު ދެއްވާނެކަމަށާއި، އެހެން ކަމުން އެގޮތަށް ކުރާ ބަހުސްތަކަކީ އޭނާއަށް އެހާ މުހިއްމު ކަމެއް ނޫންކަމަށެވެ.
އަމިއްލަ 3 ކެންޑިޑޭޓުން ބަހުސްގައި ބައިވެރި ނުވިނަމަވެސް ގައުމީ ޕާޓީގެ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓް ބަހުސްގައި ބައިވެރިވާނެކަމަށް ވިދާޅުވިއެވެ. ގައުމީ ޕާޓީގެ ފަރާތުން ގައްދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ކަމުގައިވާ އަބުދުﷲ އަމީން ވިދާޅުވީ އޭނާ ޓީވީގެ ބަހުސްގައި މިހާރުވެސް ބައިވެރި ވެފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އިމްތިޔާޒްވެސް ވިދާޅުވީ ޓީވީ ބަހުސްގައި ބައިވެރިވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. ބަހުސް ގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަވީރު 04:00 ގައި ހަމަވާއިރު، ޓީވީ މޯލްޑިވްސް އިން ގައްދޫ ދާއިރާގެ ބަހުސް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 08 ވަނަ ދުވަހުގެ ހަވީރު 04:30 ގައެވެ. އެފަރާތުން ބަހުސް ކުރާނެ ތާރީޚްތައް ހަމަޖައްސާފައިވަނީ ގުރުއަތުން ދިމާވި ތަރުތީބުންނެވެ.
ގައްދޫ އޮންލައިނުގެ ފަރާތުން އާންމުންގެ ބައެއް ފަރާތްތަކުގެ ޚިޔާލް ހޯދައިލުމުން އެފަރާތްތަކުން ވިދާޅުވީ ބަހުސްގައި ބައިވެރި ނުވި ކެންޑިޑޭޓުން އެކަމުގައި ބައިވެރި ނުވާނެކަން މާކުރިންވެސް އެނގޭ ކަމަށާއި އެބޭފުޅުން އެފަދަ ފޯރަމްތަކުގައި ވާހަކަ ދައްކަން ޖެހިލުންވާނެކަމަށެވެ. މިފަދަ ބަހުސްތަކަކީ މަޖިލިހުގެ މެމްބަރުން ވަޒަންކޮށްލުމަށްޓަކައި ރައްޔިތުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށް ވާއިރު މިފަދަ ފުރުސަތު ތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންޖެހޭކަމަށް ދެކެމެވެ. ތަފާތު އުޒުރުތައް ދައްކައިގެން މިފަދަ ކަންކަމުން ރެކެން އުޅުމަކީ ރައްޔިތުންނަށް އެބޭފުޅުންގެ ގާބިލްކަން ދައްކައިދޭން ޖެހިލުންވާ ކަމުގެ ގޮތުގައި ބެލެވޭނެ ޖާގަވެސް އެބައޮތެވެ. އެހެންކަމުން މިފަހަރުގެ ޓީވީގެ ބަހުސްގައި ބައިވެރިނުވެވުނު ކަމުގައި ވިޔަސް މިގޮތަށް ލިބޭ އެހެން ފުރުސަތްތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފާނެކަމަށް ރައްޔިތުން ތިބީ އުންމީދުކޮށްގެންނެވެ.



ކޮމެންޓްސް ފުނުއްވާ