މަޖިލިސް އިންތިޚާބްގެ ގައްދޫ ދާއިރާގެ ބަހުސް ބާއްވައިފި
ބަހުސްގައި ބައިވެރިވެފައިވަނީ ގައުމީ ޕާޓީގެ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓް އެކަނި
ޓީވީ މޯލްޑިވްސްގެ ފަރާތުން ކުރިޔަށްގެންދިޔަ ރައްޔިތުންގެ މަޖިލިހުގެ ގައްދޫ ދާއިރާގެ ބަހުސް މިމަހުގެ 8 ވަނަ ދުވަހުގެ ހަވީރު 04:30 ގައި ބާއްވައިފިއެވެ.
މިބަހުސްގައި ވާހަކަދައްކަވަމުން ގައުމީ ޕާޓީގެ ކެންޑިޑޭޓް އަބުދުﷲ އަމީން ވިދާޅުވިގޮތުގައި ގައްދޫ ދާއިރާގެ ރައްޔިތުން މަޖިލިހަށް އޭނާ ހޮއްވަވައިފިނަމަ ކޮންމެ އަހަރަކު އެއްފަހަރު ރައްޔިތުންގެ ބޭނުންތަކާއި ޝުއޫރުތައް ދެނެގަތުމަށްޓަކައި ފޯރަމެއް ބާއްވާނެކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ މިހާރަށްވުރެ ކުޑަކުރުމަށްޓަކައި ހުށަހަޅާނެކަމަށާއި އަދި ގައްދޫގެ ނަރުދަމާ ނިޒާމާއި ވާދޫ ބަނދަރުގެ މަސައްކަތް މިހާހިސާބަށް ނުފެށިލަސްވެފައިވަނީ ކީއްވެތޯ ބަލާ މަޖިލިސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާނެކަމަށެވެ. ހަމައެއާއިއެކު މެދުފަންތީގެ ވިޔަފާރިފުޅާވަމުން އައިސް އިންވެސްޓްމަންޓްތައް އަންނައިރު ގައްދޫކައިރީގައި އޮންނަ ގަން ކަހަލަ ބޮޑެތިރަށްރަށް އިންވެސްޓްމަންޓަށް ހުޅުވާލުމަށްޓަކައި ސަރުކާރަށް ސުވާލުދަންނަވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިމްތިޔާޒް ވިދާޅުވިގޮތުގައި އެމްޑީޕީގެ ސަރުކާރުވެރިކަމަށް އައިރު 5 ވައުދެއް ވެފައިވާކަމަށާއި އެވައުދުތައް ސަރުކާރުން ފުއްދައިދޭތޯ ބައްލަވާނެކަމަށެވެ. އަދި މި 5 ވައުދު ސަރުކާރުން ފުރިހަމަ ނުކުރާނަމަ އެމައްސަލަ ނަގައި ސަރުކާރު ޖަވާބުދާރީކުރުވާނެކަމަށެވެ. އަދި މިދާއިރާގެ ތަރައްގީއަށްޓަކައި ކުރަންޖެހޭކަންތައްތައް ކުރުމަށްޓަކައި މަޖިލީހަށް ބިލްހުށަހަޅައި މަޖިލީހާއި ސަރުކާރުގެ ތާއީދާއި އެކު މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މީގެ އިތުރުން އިމްތިޔާޒްގެ މެނިފެސްޓޯގައިވާ ކަންތައްތަކަކީ އޭނާ ގައްދޫ ދާއިރާގެ ތަރައްގީއަށްޓަކައި ކުރައްވާނެ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.
ގައްދޫ ދާއިރާއަށް 5 ބޭފުޅަކު ކުރިމަތިލައްވާފައިވީނަމަވެސް މި ބަހުސްގައި ބައިވެރިވެފައިވަނީ އެންމެ 2 ފަރާތަކުންނެވެ.



ކޮމެންޓްސް ފުނުއްވާ