ގައުމީ ޕާޓީގެ ވެރިކަމެއްގައި އަމީންވާނީ ސަރުކާރުގެ ވަޒީރަކަށް- ޑރ ހަސަން ސައީދު
އެމަނިކުފާނު މިހެންވިދާޅުވެފައިވަނީ އަމީންގެ ކެމްޕޭން ލޯންޗް ކުރެއްވުމަށްޓަކައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބް ކާމިޔާބު ކުރައްވާނީ ދިވެހި ގައުމީ ޕާޓީން ކަމަށާއި ގައުމީ ޕާޓީގެ ވެރިކަމެއްގައި އަމީނަކީ ސަރުކާރުގެ ވަޒީރެއްގެ މަގާމްގައި ހުންނަވާނެ ބޭފުޅެއްކަމަށް ގައުމީ ޕާޓީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު ވިދާޅުވެއްޖެއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ސައީދު ވިދާޅުވިގޮތުގައި ޒުވާން ތައުލީމީ ބޭފުޅުންނަށް ރައްޔިތުން ފުރުސަތު ދެއްވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އެހެންނޫނީ އަޅުގަނޑުމެން ދަރިންނަށް ތައުލީމްދިނުމަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ވިދާޅުވިއެވެ. އަމީންފަދަ ތައުލީމީ މިބޭފުޅުންނަކީ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ވަޒީފާއެއް ލިބިދާނެ ބައެއް ކަމަށާއި އެހެންކަމުން މިފަދަ ތައުލީމީ ބޭފުޅުންނަށް ފުރުސަތު ނުލިބިއްޖެނަމަ ކޮންމެވެސް އެހެން ގައުމަކަށް އެބޭފުޅުން ވަޑައިގަންނަވަން ޖެހުމަކީ ވެދާނެކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަމީނަކީ ވަރަށް ގާބިލް ބޭފުޅެއްކަމަށާއި މިދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިކަމަށް އެންމެ ގާބިލް ބޭފުޅަކީ އަމީންކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޑރ ހަސަން ވިދާޅުވިއެވެ. ނިމިގެން މިދިޔަ ރިއާސީ އިންތިޚާބްގައި ގައުމީ ޕާޓީގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވާފައިވާ ދަތުރުތައް އިންތިޒާމް ކުރުމާއި އަދި ކެމްޕޭން މެނޭޖަރެއްގެ ގޮތުން މުޅި ކެމްޕޭން މެނޭޖް ކުރައްވާފައިވަނީ އަމީން ކަމަށް ވެސް މިޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާން ވިދާޅުވިއެވެ. މީގެ އިތުރަށް ވޭތުވެދިޔަ ރިޔާސީ އިންތިޚާބްގައި ވޯޓްދެއްވުނު ގޮތާއިދޭތެރޭގައި ބައެއް ފަރާތްތަކުން ހިތާމަކުރައްވާކަމުގެ އަޑުއައްސަވާކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް މިވަނީ އަނެއްކާވެސް ފުރުސަތެއް ލިބިފައިކަމަށާއި މިފުރުސަތު ނަގާނުލުމަށް ގޮވާލެއްވިއެވެ.
މި ޖަލްސާގައި ޝަރަފްވެރިވެރި މެހުމާންގެ ހައިސިއްޔަތުން ޑރ. ޖަމީލް ބައިވެރިވެ ވަޑައިގެންނެވި ކަމުގައި ވީނަމަވެސް އެމަނިކުފާންވަނީ ޖަލްސާގެ ވަކި ހިސާބަކުން މާލެ ފުރާވަޑައިގަތުމަށްޓަކައި ޖަލްސާ ދޫކޮށް ވަޑައިގެންފައެވެ. މިޖަލްސާގައި ޑރ. ޖަމީލް ވަނީ ފައިސާގައި ހިފުމުގައި ހުރި ނުބައިކަމުގެ މައްޗަށް ދީނީ ނަޒަރަކުން އަލިއަޅުއްވާލައްވައިފައެވެ..
މިޖަލްސާގައި ވާދޫ ރައްޔިތެއްގެ ޝުއޫރުފާޅުކުރެއްވުމުގެ ގޮތުން ވާހަކަދެއްކެވުމާއި ގައްދޫގެ ޒުވާން ކުއްޖެއްގެ ވާހަކަދެއްކެވުންވެސް އޮތެވެ. މިބޭފުޅުންވެސް އަމީނަށް އެބޭފުޅުން ތާއީދު ކުރައްވަން ޖެހުނު ސަބަބުތައް ޖަލްސާގައި ހާމަކުރެއްވެވިއެވެ. މިޖަލްސާ އަޑު އައްސަވާލެއްވުމަށް ގާތްގަނޑަކަށް 200 އެއްހާމީހުން ހާޒިރުވިއެވެ.



ދެން ގައްދޫ ޒާހިރުގެ ވާހަކެ ދައްކަނެވޭލޭ. މަޖިލީހުގެއި ގދ މިހެން ކީ މެމްބަރެކަސް ނެތާ މިވީ 25 ހަކަށް އަހަރެދޮހޯ އެތެރޭ. އެޔާ ގދ އާޔޯ ކެޔޭފެއި ވާހަކެ ދެއްކީމާއި އެޔާ ބަދަލެ ކޮށްލަނެވޫ.އަހަނެ ބަދަލެކެ ބޭނުން ނުވެއި. އިއްޔޭ އަހަނެ ނުފެނުނެ ބައިކެންނަށް މިހިދެސް ނުފެނެންނެއި.ކުރިޔަޓެސް ނުފެނެންނެއި. އެހެންމާއި މަގޭ އިލްތިމާސައްކޫ ޒުވާނުން ވަރަށް ވިސްނޭފެއި ވޯޓު ލަންނެޔޯ.ދެން ލާރި ބެހަނެ ވާހަކެ ދައްކަނެވޭލޭ ކާކެ ލާރި ނުދެންނޯ. ތީނޭ އެހެކުން ބެހަނެ ލިކާސް މަދެނުން.އަހަންނަށް ބަ އެނގެއި އެކަމާސް އަހަންނަގެ ގާތެ މީހެންނަޓެސް ބަތެއި ހަމަ އަމީނުވާނެސް ލާރި ދީފެއި. މަޖިލީހުގެއި ޒާހިރުބޭ ހުޓެގެން ގައްދޫއަށް ވެފެއި ހުއްޓީ ކަންތެތި ލޮލު ކުރިމައްތަޓެ ހަމަ ފެނެނެ މި ހުއްޓޫ. ބައިކެނެ ކޮންމެ އެއްތެކެޔޯ ކިޔެސް. (ޒުވާނެކެ)
ކޮމެންޓްސް ފުނުއްވާ