ގައުމީ ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ އަމީންގެ މެނިފެސްޓޯ ހާމަކޮށްފި
މިމެނިފެސްޓޯގައި އަމީން މަޖިލިހަށް ހޮއްވަވައިފިނަމަ ކޮށްދެއްވާނެ ދިހަ ކަމެއް ހިމަނާފައިވޭ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބްގައި ގައުމީ ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް ކަމުގައިވާ ގައްދޫ ރޯސްމާގެ އަބްދު ﷲ އަމީން މަޖިލިހަށް އިންތިޚާބްވުމުގެ ފުރުސަތު ލިބިއްޖެނަމަ ގައްދޫ އަދި ވާދޫ ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ކުރުމަށް ގަސްދުކޮށްފައިވާ 10 ކަމެއް ހިމެނޭ މެނިފެސްޓޯ އެއް އޭނާ ހާމަކޮށްފިއެވެ. އަމީންގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ތިރީގައި މިވަނީއެވެ.
1. މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރުމަށް ހުށަހެޅުން.
2. ގައްދޫ އަދި ވާދޫ ނަރުދަމާ ނިޒާމް ގާއިމްކުރަން ފަށާނެ ތާރީޚަކާއި ނިންމާނެ ތާރީޚެއް ކަނޑައެޅިގެން ބަޔާންކުރުމަށް މަޖިލިސް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅުން. މިގޮތުން ސަރުކާރުން ވައުދުވާ ތާރީޚަށް މަސައްކަތް ފަށާ، ނިންމުމަށް ހުރިހާ ގޮތަކުންވެސް ސަރުކާރަށް ޕްރެޝަރކޮށް އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތް ކުރުން.
3. ވާދޫ ރައްޔިތުން އެދޭގޮތަކަށް ވާދޫ ބަނދަރުފުންކޮށް، ތޮށި މަރާމާތުކުރަން ފަށާނެ ތާރީޚަކާއި ނިންމާނެ ތާރީޚެއް ކަނޑައެޅިގެން ބަޔާންކުރުމަށް މަޖިލިސް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅުން. މިގޮތުން ސަރުކާރުން ވައުދުވާ ތާރީޚަށް މަސައްކަތް ފަށާ، ނިންމުމަށް ހުރިހާ ގޮތަކުންވެސް ސަރުކާރަށް ޕްރެޝަރކޮށް އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތް ކުރުން.
4. ގައްދޫގެ ކައިރީގައި ތަރައްގީ ކުރާ އެއަރޕޯޓްގެ މަޝްރޫއު އުވާނުލާނެކަމުގެ ޔަގީންކަމާއި އެމަޝްރޫއުގެ މަސައްކަތް ނިންމާނެ ވަކިތާރީޚެއް ކަނޑައެޅިގެން ބަޔާންކުރުމަށް މަޖިލިސް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅުން. މަޝްރޫއު ނިންމާނެ ވަކި ތާރީޚެއް ހާމަކުރުމަށް ސަރުކާރުން އިންކާރުކޮށްފިނަމަ އެއަރޕޯރޓް ކުރިއަށްދާނެކަމުގެ ޔަގީންކަން ހޯދުމަށް ރައްޔިތުންގެ ބާރާއި އެހީތެރިކަމާއި އެކު އެންމެ މަތީ ޕްރެޝަރ ސަރުކާރަށްކޮށް ކަމުގެ ހައްލު ހޯދުމަށް މަސައްކަތް ކުރުން.
5. ގައްދޫ އަދި ވާދޫގެ ތަރައްގީއަށް މިހާތަނަށް ކޮށްދެއްވަން ސަރުކާރުން ވައުދުވެފައިވާ ކަންކަން ނުވެފައިވާ ސަބަބު އޮޅުންފިލުވައި އެކަންކަން ކުރުމަށް ސަރުކާރަށް ބާރުއެޅުމާއިއެކަންކަން ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް ސަރުކާރަށް ޕްރެޝަރ ކުރުން.
6. ސަރުކާރުން ހުށަހަޅާ ބަޖެޓްގެ ބަހުސް މަޖިލީހުގައި ފެށުމުގެ ކުރިން ކޮންމެ އަހަރަކުވެސް ގައްދޫ އަދި ވާދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ފޯރަމެއް ދެރަށުގައި ވަކިވަކިން ބޭއްވުން. މިފޯރަމްގައި ރަށު ކައުންސިލާއި، ރަށުގައި ހުންނަ ސަރުކާރުމުއައްސަސާތަކާއި ވިޔަފާރިވެރިންނާއި ކޮމިޓީތައް ބައިވެރިކުރުން. މިފޯރަމްގެ ބޭނުމަކީ އަހަރީ ބަޖެޓްގެ ބަހުސްގައި ރައްޔިތުންގެ އަޑު އިއްވުމާއިކުރިއަށް އޮތް އަހަރުގެ ރައްޔިތުން ބޭނުންވާ ކަންކަން ބަޖެޓްގައި ހިމެނުމަށް ބާރުއެޅުމަށް ބޭނުންވާ މައުލޫމާތާއި ޚިޔާލުހޯދުން.
7. މަޖިލިހުގެ ތަޅުމަށް ރައްޔިތުންގެ އެދުންތައް ގެންގޮސް ސަރުކލާރު މެދުވެރިކޮށް އެކަންކަން ހާސިލްކުރުމަށް މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުން.
8. ތައުލީމާއި ސިއްހަތު އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަކުރުމަށް ސަރުކާރުން މިހާތަނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ އެހީތެރިކަމާއި އެކު މަޖިލިސް މެދުވެރިކޮށް ސަރުކާރަށް ބާރުއެޅުން.
9. ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައިބުނާ އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތައް ރައްޔިތުންނަށް ހޯދޭނެމަގު ތަނަވަސްކޮށް ދިނުމަށް ދައުލަތުން އަހަރުދުވަހު ތެރޭގައި ކުރައްވައިފައިވާ މަސައްކަތްތަކުގެ ރިޕޯޓެއް ކޮންމެ އަހަރެއް ނިމުމުން އާންމުކުރުމަށް މަޖިލިސް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅުން. ސަރުކާރުން މިމައުލޫމާތު ހާމަކުރުމަށް އިންކާރުކޮށްފިނަމަ މިމައުލޫމާތު ހޯދުމަށް އަމިއްލަ ހައިސިއްޔަތުންނާއިއެނޫންހުރިހާ ގޮތަކުން ސަރުކާރަށް ޕްރެޝަރކޮށް ރަނގަޅު ހައްލެއް ހޯދުން.
10. މަޖިލިހުގެ މަސައްކަތް އަވަސްކޮށް ރައްޔިތުންގެ މަސްލަހަރު އިސްކުރުމަށްޓަކައިއެކިޕާޓީތަކުގެ މެމްބަރުންނާއި، ތަފާތު ޚިޔާލުތަކުގެ މީހުންނާއިއެކު މަސައްކަތް ކުރުން. މިގޮތުން ދޫދޭންޖެހޭ ތަންތާނގައި ދޫދިނުމާއި ކޮންމެ ނިންމުމެއް ނިންމުމުގައި ޕާޓީއަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރުން.



ބޭނުމެއް ނޫން ތިކަހަލަ އަމީނެއް.
ކޮމެންޓްސް ފުނުއްވާ