މަޖިލިހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ އަތްފޯރާފަށުގައި ހުރީ އަޅުގަނޑު އެކަނި- އިމްތިޔާޒް
އިމްތިޔާޒް މިހެންވިދާޅުވެފައިވަނީ އޭނާގެ ކެމްޕެއިން ރަސްމީކޮށްލޯންޗްކުރުމުގެ ގޮތުން ގދ. އަތޮޅު މަދަރުސާގައި އޮތް ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން.
ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައްވައިފައި ތިބި ކެންޑިޑޭޓުންގެ ތެރެއިން ގައްދޫގެ ރައްޔިތުންގެ އަތްފޯރާފަށުގައި ހުރީ އިމްތިޔާޒް އެކަނި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އިމްތިޔާޒް މިހެން ވިދާޅުވީ އޭނާގެ ކެމްޕޭން އިފްތިތާހްކުރުމަށްޓަކައި މިރޭ ގދ. އަތޮޅު މަދަރުސާގެ ހޯލްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވިގޮތުގައި އޭނާއަކީ ވަރަށް އާދައިގެ އެންމެންނާއި ގުޅޭ، މީހެއްކަމަށާއި އެހެންކަމުން ރައްޔިތުންގެ އިހްސާސްތައް އޭނައަށް ވަރަށް އެނގޭކަމަށް ވިދާޅުވިއެވެ. ހަމަ އެއާއެކު ބައެއްފަރާތްތަކުން މަޖިލިހަށް އެމްޑީޕީގެ ކެންޑިޑޭޓުން ހޮއްވަވައިފިނަމަ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަމަށް ވާހަކަ ދައްކާ ކަމަށާއި އެހެން ނަމަވެސް އެއީކީ ރަނގަޅުވާހަކައެއް ނޫންކަމަށް ވިދާޅުވިއެވެ. އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އައީ ރައްޔިތުންނަށް ވަރަށް ފުރިހަމަ މެނިފެސްޓޯއެއް ހިފައިގެން ކަމަށާއި އެހެންކަމުން މިމެނިފެސްޓޯ ގައި ހިމެނޭ ކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރަށް މިދާއިރާއަށް ކުރިމަތިލައްވައިފައި ތިބި އަނެއް 4 ބޭފުޅުންނަށް ޕާލަމެންޓަރީ އެޑިއުކޭޝަނަކީ ކޯއްޗެއްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. މިގޮތަށް ދަންނަވަން ޖެހުނު ސަބަބަކީ ކޮންމެވެސް ކެންޑިޑޭޓެއްގެ މެނިފެސްޓޯއެއްގައި އެކެންޑިޑޭޓަކު މަޖިލިހަށް ގޮސް ބިލެއް ފާސްކޮށް ގައްދޫގެ ނަރުދަމާ ނިޒާމް ނިންމާނެ ދުވަހެއް އަންގަވާދެއްވާނެކަމަށް ހުށަހަޅާފައިވާ ކަމަށާއި އެހެން ނަމަވެސް މަޖިލިސް ހިނގާގޮތް ދަންނަ އެއްވެސް ބޭފުޅަކު އެފަދަ ގޮތަކަށް ވިދާޅެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.
ހަމަ އެއާއެކު އިމްތިޔާޒް އިތުރަށް ވިދާޅުވިގޮތުގައި ތަރައްގީގެ ކަންތައްތައް ހާސިލްކުރުމުގައި ސަރުކާރުގެ އެއްބާރުލެއްވުން ނެތި އެކަމެއް ކުރުމަށް އުނދަގޫ ވާނެކަމަށާއި އެހެންކަމުން އެއިރެއްގައި އެރަށަކަށް ހަމަޖެހިފައި ހުންނަ ޕްރޮޖެކްޓްތަކުގެ ތެރެއިން ނޫނީ އެކަންތައް ކުރުމަށް ފަސޭހައެއް ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މާވެއްދޫގެ އެއަރޕޯރޓްގެ މަސައްކަތް ހަގީގަތަކަށް ހެއްދެވުމަށް ވަރަށްބޮޑު ޔަގީންކަމެއް ސަރުކާރުން ދެއްވާފައިވާ ކަމަށާއި އޭނާގެ ވަރަށްބޮޑު ޕްރެޝަރަކާއި އެކު ގައްދުއާއި ވާދޫގެ ބަނދަރުގެ މަސައްކަތް އަވަސް މުސްތަގްބަލެއްގައި ހައްދަވައިދެއްވުމަށް ސަރުކާރުންނިންމަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގައްދޫގެ ތައުލީމާއި ސިއްހީ ޚިދުމަތުގެ ހާލަތު އޮތް ގޮތާއި މެދުގައި އޭނާ ކަންބޮޑުވާ ކަމަށާއި މިހާތަނަށް އެވާހަކަ ހަމައެކަނި ބުނެލުމުގެ ބަދަލުގައި އެހެންކަމެއް ކޮށްފައި ނެތްކަމަށާއި އެހެންނަމަވެސް އޭނާ މަޖިލިހަށް ދިޔުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ މިހާލަތު ބަދަލުކޮށްދެއްވާނެކަމަށް މިޖަލްސާގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވިއެވެ.
ޖަލްސާ ކުރިއަށް ގެންދަވަމުން ގައްދޫގައި ބައެއްފަރާތްތަކުން ވަރަށް ގިނަ އަދަދަކަށް ލާރިތައް ބަހަމުންގެންދާ ކަމަށާއި އެހެންނަމަވެސް މިލިއަނުން މި ލާރިތައް ބަހާފަރާތުގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އިޚްލާސްތެރިކަމެއް ހުރިހަމަނަމަ މި ލާރިތައް ބެހުމުގެ ބަދަލުގައި ގައްދޫގައި ބަނަދަރު ހެދުން ނުވަތަ ސިއްހީ މަރުކަޒަށް އެކްސްރޭ މެޝިނެއްދިނުން ނުވަތަ ސްކޫލަށް ޓީޗަރުންތަކެއް ހޯދައިދިންނަމަ މާރަނގަޅުވީސް ކަމަށްވެސް އޭނާ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.
މިޖަލްސާގައި އިމްތިޔާޒްގެ އިތުރުން ގައްދޫ ކައުންސިލަރ އަބްދުލް އަޒީޒް މުހައްމަދާއި ޒުވާނުންގެ ހައިސިއްޔަތުން އިބްރާހިމް މުއާޒާއި އިމްރާން ޖައުފަރު އަދި މުހައްމަދު ޟާމިރު ވާހަކަ ދެއްކެވިއެވެ. އެބޭފުޅުންގެ ވާހަކައިގައި އެބޭފުޅުން އިމްތިޔާޒަށް ތާއީދުކުރަންޖެހުނު ސަބަބު ތައް ވިދާޅުވެދެއްވިއެވެ. މިޖަލްސާގެ ޝަރަފްވެރި މެހުމާންގެ ހައިސިއްޔަތުން ވާހަކަފުޅު ދެއްކެވީ މިނިސްޓްރ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާއެވެ.
މިޖަލްސާ ނިންމަވާލެއްވީ ބައިވެރިންނަށްޓަކައި އިންތިޒާމްކޮށްފައިވާ ބިލެތް މީރުކޮށްލެއްވުމަކުންނެވެ.



ކޮމެންޓްސް ފުނުއްވާ