ޖަމީލާ ޒާހިރުގެ މެނިފެސްޓޯ ހާމަކޮށްފި
މެނިފެސްޓޯގައި މިދާއިރާގެ ރައްޔިތުންނަށް ޓަކައި ކޮށްދެއްވާނެ ބާރަ ކަމެއް ހިމަނާފައިވޭ.
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ގައްދޫ/ވާދޫގެ ދާއިރަށް އަމިއްލަ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތި ލައްވާފައިވާ މުހައްމަދު ޒާހިރު (ޖަމީލާގެ ޒާހިރު) އޭނާގެ ކެމްޕޭން މެނިފެސްޓޯ ހާމަކޮށްފިއެވެ.
ޒާހިރުގެ މެނިފެސްޓޯގައި ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަކަށް ރައްޔިތުންގެ މަޖިލިހަށް ހޮވިއްޖެނަމަ މައިގަނޑު 6 ދާއިރާއަކުން ރައްޔިތުންގެ ލާބަ އާއި މަންފާއަށް ޓަކައި ކޮށްދެއްވާނެ ކަންތައްތައް ހުށަހަޅާފައިވެއެވެ. މި ދާއިރާތަކަކީ، ތައުލީމް، ސިއްހަތު، އިގްތިސާދު، އިޖްތިމާއީ، މަސްވެރިކަން އަދި ދަނޑުވެރިކަމެވެ. މީގެ އިތުރަށް އަމިއްލަ ހައިސިއްޔަތުން މިދާއިރާގެ ރައްޔިތުންނަށް ޓަކައި ކޮށްދެއްވާނެ 6 ކަމެއްވެސް ހުށަހަޅާފައިވެއެވެ. ޒާހިރުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަކީ:
1) ތައުލީމް:
ރާއްޖެއިން ލިބެން އޮތް އެންމެ މަތީ ތައުލީމެއް ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ދިވެހި ރައްޔިތުންނަށް ލިއްބުވާދޭންޖެހޭ ފަދަ ގާނޫނެއް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުން.
2) ސިއްހަތު:
ދިމާވާ ހާދިސާ ތަކާއި އެކްސިޑެންޓް ތަކާއި ސިއްހީ ގޮތުން ރައްޔިތުންނަށް ކުރިމަތިވާ އަވަސްފަރުވާ ދޭންޖެހޭ ކަންކަމުގައި (ޕެރެމެޑިކްސްގެ އެހީތެރިކަން ލިބެންޖެހޭ ހާލަތްތަކުގައި) އެޚިދުމަތް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކާއި އެއްފަދައިން މިރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގާއިމްކުރުމަށް ގާނޫން ލާޒިމްކުރުވުން.
3) އިގްތިސާދު:
ދިވެހި އުފެއްދުންތައް އުފެއްދުމަށާއި އެއުފެއްދުންތަކަށް ދުނިޔޭގެ ބާޒާރު ހޯދާދިނުމުގައި ސަރުކާރުން އެހީތެރިވާންޖެހޭފަދަ ގާނޫނެއް އެކުލަވާލުން.
4) އިޖްތިމާއީ:
ސަރަހައްދުގައި އެކުލަވާލެވޭ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އެޑްވައިޒަރީ ޓީމެއް އެކުލަވާލުމަށް ގާނޫން ލާޒިމްކުރުވުން. ( މި އެޑްވައިޒަރުންނަކީ ސަރަހައްދުގެ ތައުލީމާއި ސިއްހީ ހާލަތު، އިޖްތިމާއީ އަދި އިގްތިސާދީ ކަންކަން ތަރައްގީ ކުރެވޭނެ އިލްމާއި ހުނަރު އަދި ތަޖްރިބާ ހުރި ބަޔަކު ކަމުގައި ވުން.)
5) މަސްވެރިކަން:
ދިވެހި މަސްވެރިކަމަކީ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަން އެނގޭ އިލްމީ ބަޔަކަށް ހެދުމަށާއި އެފަދަ ކުރިއެރުންތަކުގެ ފައިދާ ދިވެހި މަސްވެރިންނަށް ލިއްބުވައިދޭނެ ވަސީލަތްތައް ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފަސޭހަކަމާއިއެކު މަސްވެރިންނަށް ހޯދޭނެ ނިޒާމެއް ދިވެހި ސަރުކާރުން ނުވަތަ ދައުލަތުގެ ފަރާތުން ގާއިމްކުރުމަށް ޝަރުތުކުރުވާ ގާނޫނެއް ދިވެހި މަސްވެރިންނަށް ހޯދައިދިނުން.
6) ދަނޑުވެރިކަން:
ދިވެހި ދަނޑުބިންތަކުގެ ކުރެވޭ، ކުރާ ކުރެވޭނެ ދަނޑުވެރިކަން ހަރުދަނާ ގޮތެއްގައި ކުރެވޭނެ ގޮތަކާއި ދަނޑުވެރިކަމުން ހެއްދޭ ތަކެއްޗަށް ޒަމާނީ ބާޒާރުތަކުގައި ވާދަކުރެވޭނެ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ފަރާތްތަކަށާއި އެއުފެއްދުންތައް ބާޒާރުކުރަން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެހީތެރިވާން ޖެހޭފަދަ ގާނޫނެއް އެކުލަވައިލުން.
މިކަންކަމުގެ އިތުރަށް ގައްދޫ ދާއިރާގެ މެމްބަރުކަމުގެ ދައުރުގައި ޒާހިރު އަމިއްލަ ހައިސިއްޔަތުން ކޮށްދެއްވާނެ ކަންތައްތަކަކީ:
1) ގައްދޫ އަދި ވާދޫގެ ރައްޔިތުންގެ ގިނަ ބަޔަކު އެއިރަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ރައްޔިތުންނާއި ގުޅިގެން އެހީތެރިވެދިނުން.
2) ގައްދުއާއި ވާދޫގެ ރައްޔިތުންނާއި ގުޅިގެން ސަރަހައްދުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ހުރިހާ ގޮތަކުން އެހީތެރިވެދިނުމާއި ގައްދުއާއި ވާދޫގެ އާބާތުރަ ފިލުވުމަށްއެހީތެރިވެދިނުން.
3) އެހެންމީހުންނަށް ބަރޯސާކުރަން ނުޖެހޭ، ފުދުންތެރި ރައްޔިތެއް އުފެއްދުމަށް ބޭނުންވާ ހޭލުންތެރިކަން އުފައްދާ ދިނުމާއި އެކަމުގެ ހުނަރުހޯދާދިނުމަށް ބޭނުންވާ ކޯސްތަކާއި ތަމްރީނުތައް ދިނުން.
4) ސަރަހައްދުގެ ކުޅިވަރުކުރިއަރުވާ ތަރައްގީ ކުރުމާއި ސަރަހައްދުގެ ފުޓްބޯޅައިގައި ކުރަންޖެހިފައިވާ ކަންކަން ދެރަށުގެ ކްލަބް ޖަމްއިއްޔާ ތަކުގެ އެހީތެރިކަމާއި އެކު ކޮށްދިނުން.
5) ދުޅަހެޔޮ ސިއްހަތެއްގެ ވެރިބަޔަކަށް މި ސަރަހައްދުގެ ރައްޔިތުން ހެދުމަށްޓަކައި ބޭނުންވާނެ މައުލޫމާތު ދިނުމާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަސްރަތު ކުރެވޭނެ އިންތިޒާމެއް ގާއިމްކުރުން.
6) ފަތުރުވެރިކަމުގެ ސިނާއަތު ސަރަހައްދަށް އަންނަންވާއިރަށް އެކަމުގެ އިގްތިސާދީ މަންފާ ސަރަހައްދުގެ ރައްޔިތުންނަށް ހެޔޮގޮތުގައި ހޯދާދިނުމަށް އެހީތެރިވުމާއި ފަތުރުވެރިކަމުގެ ހަނދާނީ ހަދިޔާ ތައްޔާރު ކުރެވޭ ތަނެއް ހަދައިދިނުން.



(ފަނޑުނުވާ)
=އަމީތު=
ކޮމެންޓްސް ފުނުއްވާ