ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް ޕްރޮގްރާމްގެ ދަށުން ގައްދޫގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދާގޮތަށް ހަމަޖެހިއްޖެ.
ގައްދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތާއި، ކަރަންޓާއި، ފެނާއި، ގޭސް އަދި މަގު ހެދުމުގެ މަސައްކަތް ޕަބްލިކް ޕްރައިވްޓް ޕަރޓްނަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށްޓަކައި އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި މިމަސައްކަތްތައް ކުރިއަށް ގެންދަވާގޮތަށް ހަމަޖެހިފައިވަނީ މިސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯޓާއި، ސިޓީ ހޮޓަލާއި އަދި ޔޮޓްމެރީނާގެ ޕްރޮޖެކްޓާއި ގުޅުވައިގެންނެވެ. އަދި މިފަދަ ބޮޑެތި މަޝްރޫއު ތަކަކީ ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ކުރެވޭނެ މަސައްކަތްތަކެއް ނޫންކަމަށްވެސް މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރުން މިހާރަށްވެސް ޢުމްރާނީ މަސައްކަތްތަކެއް ރާއްޖޭގައި ހިންގަވަން ބޭނުންފުޅުވާ ކަމަށާއި، ފައްސަތޭކަ މިލިޔަން ޑޮލަރުގެ މަސައްކަތް، އަހަރެއް ދެއަހަރެއްހާ ދުވަހުގެތެރޭގައި ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެންވެސް ފޯރުވައިދެއްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ސަރުކާރުން ޕްރައިވަޓައިޒްގެ އުޞޫލުން ކަންތައްތައް ކުރައްވަމުން ގެންދަވަނީ، ހަމައެކަނި ފައިސާގެ ދަތިކަމުގެ ސަބަބުން ނޫން ކަމަށާއި ބޭރުގެ ފަރާތްތަކާ އެކީގައި މަސައްކަތްތައް ކުރިއަށް ގެންދެވުމުން ހުނަރުވެރި މީހުންނާއި އެކަމުގެ ޓެކްނޯލޮޖީއާއި މައުލޫމާތުވެސް ރާއްޖެއަށް ތަޢާރުފުވެގެންދާތީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގައި 10،000 ގެ އާއި އެއާއި ގުޅިގެން އަންނަ 1000 ލަގްޒަރީ ވިލާ އެޅުމަށް ބޭރުގެ 18 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށާއި މިއިން އެއްވެސް ކުންފުންޏެއް ޝޯޓްލިސްޓް ކުރެއްވިއިރު އުނިކޮށްފައި ނުވާނެކަމަށް ވިދާޅުވިއެވެ. މިހުރިހާ ކުންފުންޏަކީވެސް ގާބިލް ކުންފުނިތަކެއްކަމަށާއި ޖޫން ޖުލައިގެތެރޭގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްފަހު އޮގަސްޓަމަހުގެ ތެރޭގައި އެގްރިމެންޓަކާއި ހަމައަށް އާދެވޭނެކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކޮމެންޓްސް ފުނުއްވާ