މަޖިލިސް އިންތިޚާބަށް އެންމެ 3 ދުވަސް- ކެންޑިޑޭޓުންދަނީ އިންތިޚާބް ކާމިޔާބްކުރުމަށް ތަފާތު އުކުޅުތައް ބޭނުންކުރައްވަމުން
ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެންމެ 3 ދުވަސް ވެފައިވާއިރު ގައްދޫ ދާއިރާއަށް ނިސްބަތްވާ ކެންޑިޑޭޓުން ދަނީ އިންތިޚާބް ކާމިޔާބް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައްކޮށް ހަމައެހެންމެ ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންނެވެ. މިގޮތުން ބައެއް ކެންޑިޑޭޓުން ޕިކަޕްބުރުތައް އިންތިޒާމްކޮށްގެން ރަށުގެ ތަފާތު ސަރަހައްދުތަކުގައި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަމުންގެންދާއިރު އަނެއްބައި ކެންޑިޑޭޓުން ގެންދަނީ މަލްޓިމީޑިޔާފަދަ ވަސީލަތްތަކުގެ ބޭނުންކޮށްގެންނާއި ބެނާތަކާއި ޕޯސްޓަރުފަދަ ވަސީލަތްތަކުގެ ބޭނުންހިފައިގެން އެކެންޑިޑޭޓުންނަށް ތާއީދުލިބޭތޯ މަސައްކަތްކުރަމުންނެވެ. ހަމަ އެހެންމެ މި އިންތިޚާބްގައި ފައިސާގެ ނުފޫޒު ފުޅާ ދާއިރާއެއްގައި ބޭނުންކޮށްގެން ބައެއް ކެންޑިޑޭޓުން ގަވާއިދާއި ޚިލާފަށް ވޯޓް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ރަށުތެރޭގައި އަޑުފެތުރިފައިވާއިރު އަނެއްބައި ކެންޑިޑޭޓުންދަނީ ރަށްރަށުގައިތިބި މޮޅެތި ފަންޑިތަވެރިން ބޭނުންކޮށްގެން ބޫގަލްގެ ބާރުން އިންތިޚާބްގެ ނަތީޖާ އެކެންޑިޑޭޓެއްގެ ކޮޅަށް އަނބުރާލުމަށް މަސައްކަތްތަކެއް ކުރަމުންކަމަށް ވެއެވެ. އަދި ވާދަވެރި ކެންޑިޑޭޓުންނާއި އެމީހުންގެ ސަޕޯޓަރުން ސިއްސުވާލުމުގެ މަގުސަދުގައި ވީހާވެސް ގިނަމީހުންޝާމިލްވާ ގޮތެއްގައި ހިނގާލުންތަކާއި ޖަލްސާތައް ބޭއްވުމާއި މިފަދަ ހިނގާލުންތަކާއި ބައްދަލުވުންތަކަށް ވީހާވެސް މަދުބަޔަކު ދާނެގޮތްތަކަކީ ކޮބައިތޯބަލައި އެކަމަށްޓަކައި ތަފާތު ފިޔަވަޅުތައް ބައެއް ކެންޑިޑޭޓުން އަޅަމުން ގެންދާކަމަށްވެއެވެ.
މިދެންނެވި ކަންތައްތަކުގެ އިތުރުން އެއްކެންޑިޑޭޓަށްވުރެ ގިނައިން އަނެއް ކެންޑިޑޭޓެއްގެ ފޮޓޯތަކާއި ޕޯސްޓަރުތައް ހަރުކުރެވޭތޯ ބެލުމާއި ވީހާވެސް ބޮޑެތި ފޮޓޯތަކާއި ޕޯސްޓަރުތައް ރަށުގެ ތަފާތު ސަރަހައްދުތަކުގައި ހަރުކުރުމާއި ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ފޮޓޯތަކުގެ މަތީގައި ފޮޓޯތައްހަރުކުރުމާއި މާރީމާރީ ހިންގުންފަދަ ވިޔާނުދާ އަމަލްތައްވެސް މިކެމްޕޭންތެރެއިން ފެނިފައިވެއެވެ. އަދި މި ކުޅިގަނޑުގެ ތެރޭގައި ބައެއް ކެންޑިޑޭޓުން މީސްމީހުންނަށް ލާރިބެހުމަށްފަހު އާއިލާގެ ކޮންމެވެސް އެހެންމީހެއްގެ ނުފޫޒުގެ ސަބަބުން އެކެންޑިޑޭޓުންނާއި އަނބުރާ ލާރިހަވާލުކުރުންފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގަމުންދާކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ލިބިފައިވެއެވެ.
މިކަންތައްތަކުގެ އިތުރުން ވޯޓްލާދުވަހުގެ ރޭ ބޮޑެތި އަދަދުތަކުން ފައިސާ ބެހުމަށް މިހާރުވެސް ބައެއްމީހުން ރާވާފައިވާ ކަމަށާއި ނަމަވެސް މިއިން އެއްވެސް ކަމަކީ ސާބިތު ހިފޭވަރަށް ހެކި ލިބިފައިވާ ކަންތައްތަކަށް ނުވުމުގެ ސަބަބުން މިފަދަ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވެއެވެ. މިގޮތަށް ކެންޑިޑޭޓުން ލާރިބަހަމުން ގެންދާއިރު ބައެއް ރައްޔިތުން މިކަމުގެ ފައިދާ ނަގަމުންގެންދާ ކަމަށްވެސް ވާހަކަ ދެކެވެމުންދެއެވެ. މިގޮތުން ތަފާތު ކެންޑިޑޭޓުންގެ ކައިރިއަށް ގޮސް ބޮޑެތި އަދަދުތަކުން ލާރިނަގުމަށްފަހު އެކެންޑިޑޭޓުންނަށް ވޯޓްނުލާން ވަރަށް ގިނަ ބަޔަކު ނިންމާފައިވާ ކަމަށް ވެއެވެ. މިހެންވެއްޖެނަމަ ކެމްޕޭނުގައި ގަވާއިދާ ޚިލާފަށް ލާރި ބަހާ ކެންޑިޑޭޓުންނަށް ވަރަށްބޮޑު ލަނޑެއް ލިބުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
ކޮންމެއަކަސް ރާއްޖޭގައި ބޭއްވޭ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ މަލްޓިޕާޓީ އިލެކްޝަނަކީ ނުފޫޒުން އެއްކިބާވެފައިވާ ފްރީ އެންޑް ފެއަރ އިލެކްޝަނެއް ކަމަށް ގަބޫލްކުރަން ދަތި ކަމަށާއި މި އިންތިޚާބަކީ ފައިސާއާއި ބާރާއި ނުފޫޒު ފޯރާފައިވާ އިންތިޚާބެއް ކަމަށް ގަބޫލްކުރައްވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ. މިގޮތުން އެކޮމިޝަންގެ ފަރާތުން ދެކުނުގެ ބައެއް އަތޮޅުތައް ކަމަށްވާ ހައްދުންމައްޗާއި ހުވަދު އަތޮޅާއި ފުވައްމުލައް އަދި އައްޑުއަތޮޅުގެ ރަށްރަށަށް ވަޑައިގެން އެއަތޮޅުތަކުގެ ޖަމިއްޔާތަކާއި ކޮމިޓީތަކާއި އަދި އާންމުފަރުދުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި އިންތިޚާބަށް ފައިސާގެ ނުފޫޒާއި ބާރު ފޯރާފައިވާކަން ޔަގީންކުރެވޭކަމަށް ހާމަކޮށްފައިވެއެވެ.
އެހެންކަމުން ފައިސާއަށް ވޯޓްގަންނަ ނާގާބިލް ކެންޑިޑޭޓުން މި އިންތިޚާބް ކާމިޔާބްކޮށްފިނަމަ މިކަންވެގެންދާނީ ރައްޔިތުންކުރި ފޮނި އުންމީދުތައް ބިލާހަކަށްވެ މިދާއިރާގެ ރައްޔިތުންނަށް ކުރިމަތިވާނެ ހިތްދަތި ބަނަ ދުވަސްތަކަކަށެވެ.



ކޮމެންޓްސް ފުނުއްވާ