ފުރަތަމަ ސަފްހާ | ޚަބަރު | ރަފްޓާ ޕްރޮޖެކްޓް – ސުނާމީގެ ސަބަބުން ގެއްލުން ލިބިފައިވާ ބައެއް ގައުމުތަކުގައި އެފް.އޭ.އޯ އިން ހިންގާ ޕްރޮޖެކްޓެއް

ރަފްޓާ ޕްރޮޖެކްޓް – ސުނާމީގެ ސަބަބުން ގެއްލުން ލިބިފައިވާ ބައެއް ގައުމުތަކުގައި އެފް.އޭ.އޯ އިން ހިންގާ ޕްރޮޖެކްޓެއް

ފޮންޓް ސައިޒް: Decrease font Enlarge font
image ޕްރޮޖެކްޓް އިފްތިތާހް ކުރުމުގެ ގޮތުން ޑރ. އަބްދުﷲ ނަސީރު ވާހަކަފުޅު ދައްކަވަނީ

މިގޮތުން ގަމާއި ގައްދޫގައި ދަތުރުކުރުމަށް އުޅަނދެއް ހޯދުމަށް ދަނީ އިއުލާން ކުރަމުން

ރީޖަނަލް ޕްރޮގްރާމް ފޮރ ޕަރޓިސިޕޭޓަރީ އެންޑް އިންޓަގްރޭޓެޑް އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް ޑިވެލޮޕްމެންޓް ފޮރ ލޯންގޓަރމް ރިހެބިލިޓޭޝަން އެންޑް ޑިވެލޮޕްމެންޓް (ރަފްޓާ) ޕްރޮޖެކްޓަކީ 2004 ވަނަ އަހަރުގެ ސުނާމީ އާއި ގުޅިގެން ޖަޕާން ސަރުކާރުން އެހީގެ ގޮތުގައި ދިން 4437237 ޑޮލަރުގެ ފަންޑުގެދަށުން ދިވެހި ރާއްޖެއާއި، ސްރީލަންކާ އަދި ތައިލޭންޑް ގައި 5 އަހަރުގެ މުއްދަތަކަށް ހިންގާ ޕްރޮޖެކްޓެކެވެ. މިގޮތުން މިޕްރޮޖެކްޓް ގައި ސުނާމީގެ ސަބަބުނގެއްލުން ލިބިފައިވާ ފަރާތްތަކުގެ ދިރިއުޅުން އާރާސްތު ކުރުމުގެ ގޮތުން އެކި ޕްރޮގްރާމް ތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

މިގޮތުން ދިވެހި ރާއްޖޭގައި މިޕްރޮގްރާމް ހިންގުމަށް ހަމަ ޖެހިފައިވަނީ ގދ ގައްދޫ އާއި އަދި ގދ ގަމުގައެވެ. 2007 ވަނަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި މިޕްރޮޖެކްޓް ހިންގުމަށް ޓަކައި ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އަލްފާޟިލް އަބޫބަކުރު މުހައްމަދު ވަނީ ގައްދުއަށް ވަޑައިގެންފައެވެ. އަދި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތް މިހާރު ވަނީ ކޮންމެވެސް ވަރަކަށް ފެށިފައެވެ. މިޕްރޮޖެކްޓް ގައި 2008 ވަނަ އަހަރު ޚަރަދު ކުރުމަށް ހަމަ ޖެހިފައިވަނީ ޖުމްލަ 238667 ޑޮލަރެވެ. އަދި 5 އަހަރުގެ މުޅި ޕްރޮޖެކްޓަށް ޚަރަދު ކުރާގޮތަށް ހަމަޖެހިފައިވަނީ 649508 ޑޮލަރެވެ.

މިޕްރޮޖެކްޓް އިފްތިތާހް ކުރުން ވަނީ މިއަހަރު ޖެނުއަރީ 18 އިން 19 އަށް ގދ އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވިފައެވެ. މިޕްރޮޖެކްޓް އިފްތިތާހް ކުރެއްވުމަށް ޓަކައި ނެޝަންލް ޕްރޮޖެކްޓް ކޯޑިނޭޓަރ އަދި ފިޝަރީޒް މިނިސްޓްރީގެ  އެގްޒެކެޓިވް ޑިރެކްޓަރ ޑރ. އަބްދުﷲ ނަސީރާއި ގދ. އަތޮޅުވެރިޔާ އަލްފާޟިލް އަލީ ޝަރީފް އާއި އަދި އެހެނިހެން މިނިސްޓްރީތަކުގެ ބައެއް ބޭފުޅުން ގައްދުއަށް ވަޑައިގެންނެވިއެވެ. ޕްރޮޖެކްޓް އިފްތިތާހް ކުރުމުގެ ބައްދަލުވުން ހުޅުއްވައި ދެއްވީ ޑރ. އަބްދުﷲ ނަސީރެވެ. އޭގެ ފަހުން އަތޮޅުވެރިޔާ އަލްފާޟިލް އަލީ ޝަރީފާއި ގައްދޫ ކަތީބް އަލްފާޟިލް އިސްމާއިލް ޝަމީމް ވާހަކަފުޅު ދެއްކެވިއެވެ. މިބޭފުޅުންގެ ވާހަކަ ފުޅަށް ފަހު ޕްރޮޖެކްޓް ރާވައިފައިވާ ގޮތާއި ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ދެއްކުން އޮތެވެ. މިޕްރެޒެންޓޭޝަން ގައި 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ކުރިޔަށް ގެންދިޔަ ޕީ.އާރ.އޭ ސްޓަޑީގެ ތަފްސީލް ދެއްވުމާއި އަދި 5 އަހަރު ދުވަހުގެ ޕްލޭން އޮފް އޮޕަރޭޝަންސް އާއި ބެހޭ މައުލޫމާތު ދެއްވުން އޮތެވެ. އޭގެ ފަހުގައި ޕްރޮޖެކްޓްގެ ޕްލޭން އޮފް އޮޕަރޭޝަންސް ފައިނަލައިޒް ކުރުމާއި ބެހޭ ގޮތުން ގްރޫޕް މަޝްވަރާ ބައްދަލުވުން ތަކެއް ބޭއްވުނެވެ. އަދި މިބައްދަލުވުމުގައި ގައްދޫ ޕަރޓްނާޝިޕްގެ ނަމުގައި ޕްރޮޖެކްޓް ގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށްޓަކައި ކޮމިޓީއެއްވަނީ އެކުލަވައިލައިފައެވެ. މިކޮމިޓީ އެކުލަވާލައިފައިވަނީ އެކި ދާއިރާތައް ތަމްސީލް ކުރައްވާ 22 ފަރާތްތައް ހިމެނޭ ގޮތަށެވެ. ގްރޫޕްގެ 2008 ވަނަ އަހަރުގެ ޗެއަރމަނެއްގެ ގޮތުގައި އައްޔަން ކުރެވުނީ އަލްފާޟިލް އަބްދުﷲ ސާދިގެވެ. އޭނާ މިމަގާމަށް އައްޔަން ކުރެވުނީ ހުށަހެޅުނު ތިންނަމުގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބިގެންނެވެ.

ގްރޫޕްގެ ފުރަތަމަ ބައްދަލުވުން އޮތީ 18 ފެބްރުއަރީ 2008 ވަނަ ދުވަހުއެވެ. މިބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރެއް ކަމަށްވާ އިބްރާހިމް ޝަބާއުވަނީ ބައްދަލުވުމާއި ބެހޭ ކުޑަ ތަފްސީލެއް ދެއްވާފައެވެ.  އަދި އޭގެ ފަހުގައި 2008 ވަނަ އަހަރުގެ ޕްލޭން އޮފް އޮޕަރޭޝަންސް ހުށަހަޅައިދެއްވުމާއި ހުށަހެޅުނު ޕްލޭނާއި ބެހޭ ގޮތުން ގްރޫޕް މަޝްވަރާ ސެޝަން އެއް ބޭއްވުނެވެ. މިގޮތުން މިބައްދަލުވުމުގައި ހުށަހެޅުނު ބައެއް ކަންތައް ތަކުގެ ތެރޭގައި ހިމެނެނީ

 1)     ޕްރޮޖެކްޓް ޕްލޭން ތައް ރޭވުމުގައި ގިނަދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން ލަސްނުކޮށް ވީހާވެސް އަވަހަކަށް ޕްރޮޖެކްޓް ގެ އަމަލީ މަސައްކަތް ފެއްޓުން.

2)     2008 ވަނަ އަހަރު ހިންގަން ހަމަޖެހިފައިވާ މަސައްކަތްތައް އިސްކަންދޭ ތަރުތީބަކަށް ބަހައިލުން. އޭގެ ތެރޭގައި ހިމެނެނީ ގަމާއި ގައްދޫ އާއި ދޭތރޭގައި ދަތުރުކުރާނެ އުޅަނދެއް ހޯދުމާއި، ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމާއި( މަސްކައްކާ ހިއްކާ ތަނެއް ތައްޔާރުކުރުމާއި، ގައްދޫ ގައި އިންފޮމޭޝަންސް އެކްސްޗޭންޖް ސެންޓަރެއް ގާއިމް ކުރުން) ، އަލައޮޅު ދަނޑުތައް ތަރައްގީ ކުރުމާއި، ކާށިން ތަފާތު އުފެއްދުންތައް ތައްޔާރުކުރުމާއި، ފެނުގައި ގަސްހެއްދުމުގެ މަސައްކަތާއި، ގައްދޫ ފެހި ކުރުމުގެ ގޮތުން ގަސްތައް އާލާކުރުމާއި، މަސްވެރިކަމާއި ގުޅޭ ބައެއްކަންތައްތައް ކުރުމެވެ. އަދި މީގެ އިތުރަށް ސަގާފީ މަސައްކަތް އާލާ ކުރުމާއި، ހޯމް ގަރޑްނިންގ އާއި، އަދި ވެލާ ކަހަނބު ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން ވެސް މީގެ ތެރޭގައިހިމެނެއެވެ.

 3)     ދަތުރުފަތުރު ކުރުމަށް ހޯދާ އުޅަނދަކީ މަދުވެގެން 20 މީހުން އުފުލޭވަރުގެ ޖާގަ ހުރި އުޅަނދަކަށް ވާން ޖެހޭނެއެވެ. އަދި އޭގެ އިތުރަށް  މީހަކަށް 150 ކިލޯގެ މުދާ އުފުލޭ އެއްޗެއް ކަމުގައިވެސް ވާންވާނެއެވެ.

 4)     ގަމުގައި ތައްޔާރު ކުރެވޭ ފާޚާނަ ނިޒާމަކީ ތިމާވެއްޓާއި ރައްޓެހި ނިޒާމެއް ކަމުގައި ވާން ޖެހޭނެކަމަށް ހުށަހެޅުނެވެ. އަދި މިގޮތުން މިކަމުގައި ޔޫއެންޑީޕީ ގެ ކޮންސަލްޓެންސީ ހޯދުމަށް ޚިޔާލު ދެވުނެވެ.

5)     ގައްދޫގައި ހައިޑްރޯޕޯނިކްސް ގެ މަސައްކަތަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮތުމުގެ ސަބަބުން މިމަސައްކަތާއި ބެހޭ ކުރު ކޯހެއް ވީހާވެސް އަވަހަކަށް ފެށުމަށް ނިންމުނެވެ. GPartner1_341021790.jpgއަދި ޕްރޮޖެކްޓް މެނޭޖަރ އަބޫބަކުރު މުހައްމަދަކީ މިމަސައްކަތުގެ ތަޖްރިބާ އާއި ހުނަރު ލިބިވަޑައިގެންފައި ހުރި ބޭފުޅެއް ކަމުން މި ކޯސް ފެއްޓުމުގައި މާކަ ލަސްވާނެ ކަމަކަށް ނުބެލެވެއެވެ. އަދި މިކަމުގައި ވެސް ޔޫ،އެން.ޑީ.ޕީ އާއި ކޮންސަލްޓް ކުރުމަށް ޚިޔާލު ދެވުނެވެ.

6)     ކާށިން ތަކެތި އުފެއްދުމުގެ މަސައްކަތްވެސް 2008 ވަނަ އަހަރު ފައްޓާގޮތަށް އެއްބަސް ވެވުނެވެ.

7)     ގައްދޫ ފެހި ކުރުމަށްޓަކައި ގަސްތައްޔާރުކުރުމުގެ ގޮތުން ގަމުގައި ނާސަރީއެއްގެ މަސައްކަތް 2008 ވަނަ އަހަރުނިމުމުގެ ކުރިން ފައްޓާގޮތަށް ނިންމުނެވެ.

8)     2008 އޮގަސްޓް ހިސާބު ގައި ބައެއް ރިސޯރޓް ތައް ހުޅުވުމަށް ހަމަ ޖެހިފައިވާތީވެ ވެލާ ކަހަނބު ހިމާޔަތް ކުރުމަށްޓަކައި މީހުން ހޭލުންތެރި ކުރުމާއި އިކޯޓޫރިޒަމް ތައާރަފް ކުރުމުގެ ގޮތުން ވާންޖެހޭ ތައްޔާރީ ތަކާއި މިކަމަށް ޓޫރިސްޓުން ގެ ފަރާތުން އޮތް ޑިމާންޑް އެސެސް ކުރުން މިއަހަރުގެ ތެރޭގައި ފެއްޓުމަށް ހަމަޖެހިފައިވެއެވެ.

9)     ކެޔޮޅުން ތަމްރީން ކުރުމަށް ކޯހެއް 2008 ވަނަ އަހަރު ނިމުމުގެ ކުރިން ހިންގުމަށް ޕްލޭން ކުރެވިފައި ވެއެވެ.

10) ދާއިމީ އިމާރާތެއް ލިބެންދެން ރާފްޓާ ޕްރޮޖެކްޓްގެ އޮފީހެއްގެ ގޮތުގައި ގައްދޫ ރަށްވެހިގެ ކުއްޔަށް ބޭނުން ކުރާގޮތަށް ނިންމުނެވެ. 2008 ވަނަ އަހަރުގެ ނިމުމުން ދެއަންނަ އަހަރަކަށް ޕްލޭން އޮފް އޮޕަރޭޝަންސް އެކުލަވާލުން އޮންނާނެއެވެ. ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ ބައްދަލުވުމެއް ދެން އެންމެ އަވަހަށް ބާއްވާ ގޮތަށް ހަމަ ޖެހިފައިވަނީ އަންނަ ޖޫން މަހު ހިސާބުގައި ކަމަށާއި މިބައްދަލުވުމުގައި މިހާ ހިސާބަށް ޕްރޮޖެކްޓަށް ހޭދަވި ފައިސާގެ ތަފްސީލް ރިޕޯރޓެއް ހުށަހަޅާނެކަމަށްވެސް ނެޝަނަލް ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލް އަބޫބަކުރު މުހައްމަދު މައުލޫމާތު ދެއްވިއެވެ.

 އަދި މީގެ އިތުރުން ގދ. ގަމާއި ގައްދުއާއި ދޭތެރޭގައި ދަތުރު ކުރުމަށް އުޅަނދެއް ހޯދުމަށްޓަކައި 30 މަރޗް 2008 ވަނަ ދުވަހު އިއުލާން ކުރުމުން އެކަމަށް އެކަށީގެންވާ އުޅަނދެއް ނުލިބުމުގެ ސަބަބުން މިދިޔަމަހުގެ 24 ވަނަ ދުވަހު ގައި ވަނީ އަލުން އިއުލާން ކޮށްފައިކަމަށް ވެސް އޭނާ މައުލޫމާތު ދެއްވިއެވެ. މިއިއުލާނުގެ މުއްދަތު 05 މެއި 2008 ވާ ހޯމަ ދުވަހު ގެ 12:00 އާއި ހަމަ އަށް އޮންނާނެ ކަމަށާއި މިގޮތުން ހޯދާ އުޅަނދުގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ ދިގުމިނުގައި 35 ފޫޓާއި 45 ދެމެދުގެ އުޅަނދެއް ކަމުގައި ވުމާއި، މަދު ވެގެން 20 މީހުން އުފުލޭ ވަރުގެ ޖާގަ ހުރުމާއި، 10 އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ކޮށްފައިވާ އުޅަނދަކަށް ނުވުމާއި، އިންޖީނުގެ ހޯސްޕަވަރު 22 ހޯސް ޕަވަރާއި 39 ހޯސްޕަވަރާއި ދެމެދުގައި ހުރުމާއި، އިންޖީނަކީ ފަސޭހަ ކަމާއި އެކު ރާއްޖެއިން ސްޕެއަރޕާރޓްސް ލިބެންހުރިއިންޖީނަކަށް ވުން ހިމެނެއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  03 May, 2008 12:03:19
avatar
ހަގީގަތުގައި 8 މިލިއަން ރުފިޔާއިން ފުދޭވަރެއްގެ ގިނަ ކަންތައް ތަކެއް ކޮށްލެވޭނެ. މައްސަލަ އަކީ 2 އަހަރު ފާއިތުވެގެން ދިޔައިރު ފެންނަން މާކަ ބޮޑު ކަމެއް ނެތުން. އެހެންވީމާ މިކަމާއި ދޭތެރޭ ގައްދޫ ޕަރޓްނަރޝިޕް ގްރޫޕުން ތަންކޮޅެއް ޕްރެޝަރ ކޮށްގެންނަމަވެސް ރައްޔިތުން ނަށް މިޕްރޮޖެކްޓުން ބޮޑެތި ކަންތައް ތައް ކުރަމުންދާ ތަން ފެންނަން ވާނެ. އެއިރުން މިޕްރްޖެކްޓް ކާމިޔާބް ޕްރޮޖެކްޓަކަށް ވާނީ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0