ގދ. އަތޮޅުމަދަރަސާގެ އިންޓަރ ގްރޭޑް ބެލެނިވެރިންގެ އެއްވަނަ މަދަހަ މުބާރާތް ނިމިއްޖެ.
ގދ. އަތޮޅުމަދަރަސާގެ އިންޓަރ ގްރޭޑް ބެލެނިވެރިންގެ އެއްވަނަ މަދަހަ މުބާރާތުގައި ބައިވެރި ވެފައިވަނީ ގްރޭޑް 1 ން 10 ގެ ބެލެނިވެރިންނެވެ.
ގދ އަތޮޅުމަދަރުސާގެއިންޓަރ ގްރޭޑް އެއްވަނަ މަދަހަ މުބާރާތް ރޭ ނިމިއްޖެއެވެ. ހުރިހާ ގްރޭޑެއްގެ ބެލެނެވެރިންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވި ބެލެނެވެރިންގެ މަދަހަ މުބާރާތުގައި ގްރޭޑް އެކަކުން ފެށިގެން ދިހައެއްގެ ކޮންމެ ގްރޭޑަކުން ބައިވެރިވެފައިވަނީ ފަސްބެލެނެވެރިއެކެވެ. އެގޮތުން މުޅިމުބާރާތުގައި ފަންސާސް ބެލެނެވެރިންވަނީ ބައިވެރިވެފައެވެ.
އިސްލާމް ފޯރަމުން އިންތިޒާމް ކޮށްގެން ބެލެނެވެރިންނަށް މަދަހަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ ސުކޫލާއި ބެލެނެވެރިންނާއި އޮންނަ ގުޅުން އިތުރަށް ޚަރުދަނާ ކުރުމުގެ އިތުރުން ގިނަ ބެލެނިވެރިންތަކެއް އެއްތަނަކަށް ޖަމާވެ ގުޅުން ބަދަހި ކުރުމެވެ.
އިއްޔެގެ ހެނދުނުފެށި މި މުބާރާތް ކުރިޔަށް ގެންދެވިފައިވަނީ ތިންދަންފަޅިއަކަށް ބަހާލައިގެންނެވެ. މި މުބާރާތް ނިމުމުން ރޭގެ ވަގުތެއްގައި ނަތީއްޖާ ފާޅުކޮށް އިނާމްވެސް ދެވުނެވެ. މި މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތުހުޅުވާލުމާއި ގުޅިގެން ގައްދޫގެ ތަފާތު މުޢައްސަސާގެ އިތުރުން ވަކިވަކި ފަރުދުންނާއި ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުން ވަނީ އިނާމު ހުށަހަޅުއްވާފައެވެ. ޓީޗަރުންގެ އިތުރުން މިމުބާރާތަށް އިނާމް ހުށަހަޅުއްވާފައިވަނީ ގައްދޫ ދިރާގު އޮޕަރޭޝަން ސެންޓަރ، ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ގައްދޫ ދެކުނުގޭ މުހަންމަދު ރަޝީދު އަދި ހުވަދު އަތޮޅު ދެކުނުބުރީ އިއްޒަތްތެރި މެންބަރު ޒާހިރު އާދަމެވެ.
މި މުބާރާތުން ވަނަވަނަޔަށް އައި ފަރާތްތަކަށް އިނާމް ދިނުމުގެ ގޮތުން ރޭބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ހުވަދު އަތޮޅު ދެކުނުބުރީގެ ޚާއްސަ އެހީތެރިޔާ މުހަންމަދު ޝަހީދު އެވެ. މި ހަފްލާގައި ޝަރަފްވެރި މެހެމާން ވަނީ މިފަދަ މުބާރާތެއް ބެލެނެވެރިންނަށް އަމާޒުކުރައްވައިގެން ބޭއްވުމުގެ މުހިންމުކަމާއި ބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. ހަމަ އެހެންމެ ސުކޫލުގެ ނަތީއްޖާ ދުވަހެއް ދުވަހަކަށް ރަނގަޅުކުރުމަށާއި ސުކޫލުގެ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ސުކޫލުގެ ބެލެނެވެރިން މުދައްރިސުންނާއި ގުޅިގެން މިހާރަށްވުރެވެސް ބުރަ މަސައްކަތްތަކެއްކުރަންޖެހޭ ކަމަށް މުހަންމަދު ޝަހީދު ވިދާޅުވިއެވެ. މީގެ އިތުރުން ދަރިވަރުންގެ އަޚްލާޤާއި ކިޔެވުމަށް ދުވަހެއް ދުވަހަކަށް ކުރިއެރުންތަކެއް އަންނަމުންދާކަން ފާހަގަ ކުރައްވައި ސުކޫލުގެ މެނޭޖްމަންޓަށާއި މުދައްރިސުންނަށް ޝަރަފްވެރި މެހުމާނު ވަނީ ޝުކުރު ދަންނަވާފައެވެ.
ނިމިގެންދިޔަ މަދަޚަމުބާރާތުގައި ކޮންމެ ގްރޭޑަކުން އެއްވަނަ މަދަޚަ ކިޔުންތެރިޔާ ހޮވުމުގެ އިތުރުން މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ މަދަޚަ ކިޔުންތެރިޔާއާއި އެންމެ މޮޅު ތިންގްރޭޑް ވަނީ ހޮވާފައެވެ. މި ގޮތުން މުޅި މުބާރާތުން އެއްވަނަޔަށް ގްރޭޑް ހަތަރެއްގެ ބެލެނެވެރިޔެއްކަމަށްވާ ގދ ގައްދޫ މުލައްމާގޭ މަރިޔަމް މުހަންމަދު ހޮވިފައިވާރު ދެވަނަޔަށް ގޮސްފައިވަނީ ގްރޭޑް 8 ގެ ބެލެނެވެރިޔެއް ކަމަށްވާ ގދ ގައްދޫ ފުލޫނިޔާގޭ މަރިޔަމްފާނުއެވެ. އަދި މުޅި މުބާރާތުން ތިންވަނަޔަށް ގޮސްފައިވަނީ ގްރޭޑް 2 ގެ ބެލެނެވެރިޔެއް ކަމަށްވާ ގދ ގައްދޫ އުއްސަކަރުގޭ އާމިނަތު ސާޖިދާއެވެ. ހަމަ އެހެންމެ މުޅި މުބާރާތުން ތިންވަނަ ގްރޭޑަށް ގްރޭޑް 5 ހޮވިފައިވާއިރު ދެވަނަ ގްރޭޑަކަށް ހޮވިފައިވަނީ ގްރޭޑް ހަތަރެކެވެ. އަދި މުޅިމުބާރާތުން އެއްވަނަޔަށް ގޮސްފައިވަނީ ގްރޭޑް 2 އެވެ.
މި ރަސްމިއްޔާތުގައި ގިނަ އދަދެއްގެ ބެލެނެވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ. އިންޓަރގްރޭޑް ބެލެނެވެރިންގެ މަދަހަ މުބާރާތުގެ ނަމުގައި ބޭއްވި މި މަދަހަ މުބާރާތަކީ ބެލެނެވެރިންނަށް އަމާޒުކޮށގެން ބޭއްވުނު މިފަދަ ފުރަތަމަ މަދަހަ މުބާރާތެވެ.



ކޮމެންޓްސް ފުނުއްވާ