ރަފްޓާ ޕްރޮޖެކްޓް ކުރިއަށްދާގޮތް ލަސްވުމުގެ ސަބަބުން އެކަމާއި ބެހޭ ގޮތުން މަޝްވަރާކޮށްލުމަށް ބައްދަލުވުމެއް ބާއްވައިފި.
މިބައްދަލުވުމަކީ ގައްދޫ ޒުވާނުންގެ އިސްނެގުމުގެ މަތިން ބޭއްވި ބައްދަލުވުމެއް
އެފްއޭއޯ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ގދ. ގައްދޫ އާއި ގަމުގައި ހިންގަމުންދާ ރަފްޓާ ޕްރޮޖެކްޓް ގައި ކުރިޔަށް ގެންދިޔުމަށް ކަނޑައެޅިފައިވާ ކަންތައް ތައް ދާގޮތް ލަސްވަމުންދާތީ އެކަންތައްތަކާއި ދޭތެރޭގައި މަޝްވަރާކޮށްލުމަށް ގައްދޫ ޒުވާނުންގެ ތެރެއިން ބަޔަކު އިސް ނަގައިގެން ރޭގެ ވަގުތެއްގައި ގދ ގައްދޫ އޮފީހުގައި ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ގައްދޫ ރަށްކުރިއަރުވާ ކޮމެޓީގެ ބައެއް ބޭފުޅުންނާއި ޒުވާނުން އަދި ގައްދޫގެ ބައެއް ވެރިންނާއި ރަފްޓާ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލް އަބޫބަކުރު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕްރެޖެކްޓް މެނޭޖަރ ވިދާޅުވީ ޕްރޮޖެކްޓް ކުރިޔަށް ދާ ހަލުވިމިނާއި ދޭތެރޭގައި އޭނާވެސް ހިތްހަމަ ނުޖެހޭ ކަމަށާއި އެހެންނަމަވެސް ޕްރޮޖެކްޓް ލަސްވުމަށް ތަފާތު ސަބަބު ތައް ހިމެނޭ ކަމަށެވެ. އޭގެތެރޭގައި ރާއްޖެ އިން ބޭނުންވާ ކޮންސަލްޓެންޓުން ލިބުމުގެ ދަތިކަމުގެ ސަބަބުން ރާއްޖެއިން ބޭރުން މީހުން ހޯދަންބަލާއިރު އެބޭފުޅުންގެ މުސާރަ އެކަށީގެންވާ ވަރަށްވުރެ ބޮޑުވުން ހިމެނެއެވެ. އަދި މީގެ އިތުރަށް ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންވެސް ތަފާތު ގިނަ ޕްރޮޖެކްޓް ތަކުގައި އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން އެބޭފުޅުންނަށް އެކަށީގެންވާ ވަގުތު ނުލިބުންވެސް މިސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އެހެންނަމަވެސް މިހާރުވެސް ގައްދޫއާއި ގަމާއި ދޭތެރޭގައި ދަތުރުކުރުމަށް އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުންއެބަދާ ކަމަށާއި މިހިސާބަށް އުޅަނދެއް ނުލިބިފައި އޮތީ ހިތްހަމަ ޖެހޭ ރަނގަޅު ހުށަހެޅުމެއް ލިބިފައި ނުވާތީ ކަމަށެވެ. މީގެ އިތުރަށް ގަމުގައި ހެދުމަށް ހަމަޖެހިފައިވާ ނަރސަރީ ހެދުމުގެ މަސައްކަތް އަންނަ މަހުގެ ހިސާބުގައި ފެއްޓޭތޯ މަސައްކަތް ކުރާކަމަށްވެސް އަބޫބަކުރު މުހައްމަދު ވިދާޅުވިއެވެ.
މީގެ އިތުރަށް ބައްދަލުވުމުގައި ބައިވެރިން ވަނީ ގަމުން ދޫކޮށްފައިވާ ދަނޑުބިންތަކާއި ބެހޭ ގޮތުންވެސް ރަށްކުރިއަރުވާ ކޮމިޓީގެ ރައިސާއި ބައެއް ސުވާލު ތައް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ދަނޑުބިން ދޫކުރުމަށް އަކަފޫޓަކަށް ނަގމުންދާ 4 ލާރީ އަކީ ނިސްބަތުން ބޮޑު އަދަދެއް ކަމުގައި ވުމުގެ ސަބަބުން މިއަދަދު 2 ލާއިރަށް ކުޑަކުރުމާއި ބެހޭ ގޮތުން ވާހަކަ ދެކެވުނެވެ. މިއާއި ގުޅޭ ގޮތުން ކޮމިޓީގެ ރައީސް ވިދާޅުވީ އެންމެ ފަހުން ކޮމިޓީން އިސްނަގައިގެން ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރި ކުރުމުގެ ތެރޭގައި މިވާހަކަވެސް ހުށަހެޅުނު ކަމަށާއި އެކަމާއި ދޭތެރޭގައި ވިސްނަމުންދާކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި މިކަން ވަގިގޮތަކަށް ހަމަޖެހެންދެން މިހާރުވެސް ނަގަމުންދާ އަކަފޫޓަކަށް 4 ލާރި ނަގަމުން ދިޔުމަށް ވިދާޅުވިކަމަށެވެ. މިއަދަކީ 4 ލާރިން 2 ލާރިއަށް ކުޑަކުރުމަށް އަތޮޅުވެރިންނަށް ހުށަހެޅުމުން އަކަފޫޓަކަށް 4 ލާރި އަކީ ރަށްޔިތުންނަށް ފައިދާލިބޭނެ އަދަދެއްކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ އެކަން ރަށް ކުރިއަރުވާ ކޮމިޓީ އަށް ހުށަހެޅުމުން ކޮމިޓީގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްވެފައިވާ އަދަދެކެވެ.
ރަފްޓާ ޕްރޮޖެކްޓްގައި މިވަގުތު އެންމެ ފަސޭހައިން ކުރެވެން ހުރި ކަންތައްތައް ފާހަގަ ކޮށް އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ގައްދޫ ޕަރޓްނރޝިޕް ގްރޫޕްގެ ބައްދަލުވުމުގައި އެކަންތައް ތައް އަވަސްކުރުމަށް މަސައްކަތް ކުރއްވާނެކަމަށް ވެސް ޕްރޮޖެކްޓް މެނޭޖަރާއި ޕަރޓްނަރޝިޕް ގްރޫޕުން ވަޑައިގެންނެވި ބޭފުޅުން ވިދާޅުވިއެވެ.



ކޮމެންޓްސް ފުނުއްވާ