ގައްދޫ އިން މަދިރި މަދުކުރުމަށްޓަކައި އަމިއްލަ ފަރާތަކުން ރަށުތެރެ ފޮގު ކުރަން ފަށައިފި
މިއީ މަދިރި ގިނަވުމުގެ ސަބަބުން ރަށުގެ އަމިއްލަ ޖަމާއަތަކުން ކުރާކަމެއްކަމަށް މައުލޫމާތު ލިބިފައިވޭ
ގައްދޫ އިން މަދިރި މަދުކުރުމުގެ މަގުސަދުގައި އަމިއްލަ ފަރާތަކުން ގައްދޫގެ ރަށުތެރެއަށް ފޮގް މެޝިނެއް ބޭނުން ކޮށްގެން ދުން ޖަހަން ފަށައިފިއެވެ. މިކަމުގެ ޚަބަރު މިސައިޓަށް ލިބުމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދާލުމަށްޓަކައި މިކަމުގައި އިސްކޮށް ޙަރަކާތްތެރިވި ބޭފުޅެއްކަމަށްވާ ޝަމްޢޫނު އިބުރާހިމް އާއި ބައްދަލު ކުރުމުން ވިދާޅުވީ އެއީ ރަނގަޅު ޚަބަރެއްކަމަށާއި މިކަން މިކުރަނީ ރަށުގައި މަދިރި ގިނަވުމުގެ ސަބަބުން ރަށުގެ ރައްޔަތުންނަށް އުދާގޫވެ، އެކަމުގެ ޝަކުވާގެ އަޑު ރަށުތެރެއިން އިވޭތީކަމަށެވެ. "މިއީ ރައްޔަތުން ނުހަނުބޭނުން ވެފައިވާކަމަކަށްވާތީ، ފޮގު މެޝިނެއް އަޅުގަނޑު އަތުގައި ހުރުމާއި އެކު ރައްޔަތުން އެދުމުން ފޮގުކުރަން ފެށީ. ފޮގު ކުރުމުގެ ކުރީގައި ކަމާއިބެހޭ ފަރާތްތަކާއި ވާހަކަދެއްކިން. މިއީ ގޯސްކަމެއްކަމަށް އެކަކުވެސް ނުބުނޭ. ވީމާ ރައްޔަތުންގެ އެދުމުގެ މަތިން މިކަން މިކުރަނީ. މިކަމުގައި މައްސްލައެއް އޮތްކަމަކަށް އަޅުގަނޑެއް ނުދެކެން. ޝަމްއޫން އިތުރަށް ވިދާޅުވިއެވެ.
އަދި މިކަމާއި ބެހޭގޮތުން ރަށު އޮފީހުގެ ބަހެއްލިބޭތޯ ގުޅާލުމުން، ކަތީބު ވިދާޅުވީ ފޮގު ކުރުމުގެ އެއްވެސް ޚަބަރެއް ރަސްމީކޮށް ރަށު އޮފީހަށް އެނގިފައި ނުވާކަމަށެވެ. މިކަމަކީ ސިއްހަތާއި ގުޅުންހުރި ކަމަކަށްވާތީ ގައްދޫ ސިއްހީ މަރުކަޒާއި ގުޅާލުމުން، މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އަދީލާ ރަޝީދު ވިދާޅުވީ ފޮގު ކުރަން އުޅޭވާހަކަ ޝަމްއޫނު އިބުރާހިމް ގުޅާފައި އެންގެވިކަމަށެވެ.
މީގެ އިތުރަށް މިކަމާއި ބެހޭގޮތުން ރައްޔަތުންގެ ޚިޔާލުވެސް ހޯދާލީމެވެ. މި ގޮތުން ޚިޔާލު ހޯދި ގިނަ ބޭފުޅުންގެ ޚިޔާލުގައި މިކަމަކީ ނުލާހިކު ބޭނުންތެރި އަދި މުހިއްމު ކަމެއްކަމަށް ވިދާޅުވިއެވެ. "މަދިރި މަދުކުރުމަކީ އެންމެންގެ ކަމެއް. ވަކި މީހެއްގެ ކަމެއްނޫން. ވީމާ ކޮންމެ ފަރާތަކުން ފޮގު ކުރިޔަސް މިއީ ރަގަޅުކަމެއް. އެކަމަކު ފޮގު ކުރުމުގެ ކުރިން ރައްޔަތުންނަށް ފޮގުކުރާކަން އަންގާލުން ރަނގަޅުވާނެ" ރައްޔިތުން ގެ ތެރެއިން ޚިޔާލު ހޯދި އެކަކު މިކަމާއި ބެހޭ ގޮތުން ވިދާޅުވިއެވެ.
ޚަބަރު ލިބޭ ގޮތުގައި ގައްދޫ ސިއްހީ މަރުކަޒުގައި ފޮގް މެޝިނެއް ނުހުރެއެވެ. އެހެންކަމުން މީގެ ދުވަސްކޮޅެއް ކުރިން މަދިރީގެ އުނދަގޫ ގައްދު އަށް އިންތިހާ އަށް ބޮޑުވުމުގެ ސަބަބުންނާއި މަދިރީގެ ޒަރިއާ އިން ފެތުރޭ ބަލިތައް ގިނަވުމުގެ ސަބަބުން ގައްދޫ ސިއްހީ މަރުކަޒުން ވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފޮގްމެޝިނެއް ގައްދުއަށް ގެނެސްގެން ރަށުގެ ތެރެއަށް ފޮގް ސްޕްރޭ ކޮށްފައެވެ.



ކޮމެންޓްސް ފުނުއްވާ