ރަފްޓާ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކޮމްޕޯނެންޓެއް ކަމަށްވާ ފޮރެސްޓްރީގެ މަސައްކަތާއި ބެހޭގޮތުން ސަރވޭ ކުރުމަށްޓަކައި ޓީމެއް އަތުވެއްޖެ
މި ޓީމުންވަނީ ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ ބައެއް ފަރާތްތަކާއި އަދި ރަށުގެ ބައެއް އިސްފަރާތްތަކާއި ބައްދަލުކޮށްފައި.
ގދ.ގައްދޫ އާއި ގަމުގައި އެފްއޭއޯ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ހިންގަމުން ގެންދާ ދަނޑުވެރިކަމުގެ ޕްރޮގްރާމް ކަމުގައިވާ ރަފްޓާ ޕްރޮޖެކްޓް ގެ އެއް ކޮމްޕޯނެންޓް ކަމުގައިވާ ފޮރެސްޓްރީ އާއި ބެހޭ ގޮތުން ބައެއް ސަރވޭ ތައް ކުރެއްވުމަށްޓަކައި ދަނޑުވެރިކަމާއިބެހޭ ކޮންސަލްޓަންޓަކާއި އެފްއޭއޯގެ ކަމާއި ބެހޭ މާހިރެއް ގައްދު އަށް ވަޑައިގެންފިއެވެ.
މިގޮތުން މިޓީމް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ގައްދޫގައި މިވަގުތު ތިބި ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ ބައެއް ފަރާތްތަކާއި އަދި ގައްދޫގައި އިސް ކޮށް ހަރަކާތްރިވާ ބައެއް ފަރާތްތަކާއި އެކު މަޝްވަރާތައް ބާއްވައިފައެވެ. މިބައްދަލުވުމުގައި އެބޭފުޅުން ވިދާޅުވީ، ގަމުގައި ތިބި ގަސްގަހާ ގެއްސާއި، ޖަނަވާރު ތަކާއި އަދި މިނޫންވެސް ބައެއް އިތުރު މައުލޫމާތް ތައް އެއްކޮށް، ގަމާއި ބެހޭ އެސެސްމެންޓް ރިޕޯރޓެއް އެފަރާތުން އެކުލަވާލާނެކަމަށެވެ. މިގޮތުން ރަށުގެ ހޭޅިފަށް ހިމާޔަތް ކުރުމުގެ ގޮތުން ގަސްތައްއިންދުމާއި، ގަސްތައްނެތް ސަރަހައްދުތަކުގައި އަލުން ގަސްތައް އިންދާނޭ ގޮތާއި، ގަމުން ލަކުޑީގެ ބޭނުންތަކަށް ގަސްތައް ކަނޑަންވީ ގޮތުގެ ޕްލޭނާއި އަދި ގައްދޫ ފެހި ކުރުމަށްޓަކައި ގަސް އިންދާނޭ ގޮތުގެ ޕްލޭންވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
މީގެ އިތުރަށް، ބައްދަލުވުމުގައި ބައިވެރިން ވަނީ ޕްލޭނިންގެ އެކި ކަންތައްތަކަށް ގާތްގަނޑަކަށް މިހާރު 2 އަހަރު ދުވަސް ހޭދަވެފައި ކަމަށާއި، ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުން ލަސްވުމުގެ ސަބަބުން ރައްޔިތުން ހިތްހަމަ ނުޖެހޭ ކަން ހާމަ ކޮށްފައެވެ. އަދި އެއާއި އެކު ގަމުގައި ދަނޑުވެރިކަން ކުރާފަރާތްތަކުގެ ފަސޭހައަކަށްޓަކައި ފެންދިނުމުގެ ނިޒާމާއި ، ޖެޓީ، އަދި ކަރަންޓް ފަދަ މުހިއްމު ބައެއް ވަސީލަތް ތައް އަވަސްފުރުސަތް ތަކެއްގައި ތަނަވަސް ކުރެއްވުމަށް ރައްޔިތުން ބޭނުން ވާ ކަމަށްވެސް ބައިވެރިން ވިދާޅުވިއެވެ.
އޭގެ ޖަވާބުގައި އެބޭފުޅުން ވިދާޅުވީ މި ޕްރޮގްރާމަކީ ދުނިޔޭގެ އެކި ގައުމުގައި އެއްފަހަރާއި ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ކަމަށްވުމުގެ ސަބަބުން އެބޭފުޅުން ބޭނުންފުޅުވާ ހަލުއިމިނެއްގައި ޕްރޮޖެކްޓް ކުރިޔަށް ނުދާކަމަށް އެއްބަސްވާކަމަށެވެ. އެހެންނަމަވެސް މިޕްރޮޖެކްޓް ކުރިޔަށް ގެންދާ އެހެނިހެން ގައުމު ތަކާއި އަޅާބަލާއިރު، ރާއްޖެވަނީ އެންމެ ކުރީގައި ކަމަށެވެ. އަދި މިއާއި އެއްކޮށް ދަނޑުތަކަށް ފެންދިނުމުގެ ނިޒާމް އެކުލަވާލުމަށް މިއަހަރު އެކުލަވާލެވިފައިވާ ޕްލޭންއޮފް އޮޕަރޭޝަންސް ގައި ނެތުމުގެ ސަބަބުން އެ މަސައްކަތް އަންނަ އަހަރަށް ޕްލޭން ކުރެއްވިދާނެކަމަށާއި އެހެންނޫންނަމަ ގައްދޫ ޕަރޓްނަރޝިޕް ބޭނުންވެއްޖެނަމަ މިއަހަރުގެ ޕްލޭންއޮފް އޮޕަރޭޝަންގައި އަދިވެސް އެކަންތައް ހިމެނިދާނެކަމަށެވެ.
މީގެ އިތުރަށް ރަފްޓާ ޕްރޮޖެކްޓް މެނޭޖަރ އަބޫބަކުރު މުހައްމަދު ވިދާޅުވިގޮތުގައި ގަމާއި ގައްދުއާއި ދޭތެރޭގައި ދަތުރުފަތުރު ކުރުމަށް ބޭނުން ކުރުމަށް އުޅަނދެއް ހޯދުމަށް މިހާތަނަށް ދެފަހަރަށް އިއުލާން ކުރުމުންވެސް ލިބިފައިވަނި އެކަށީގެންވާ އުޅަނދެއް ކަމަށް ނުވުމުގެ ސަބަބުން ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ މަޝްވަރާއާއި އެކު މިހާރު ވަނީ ކުރީގެ ސައިޒަށް ވުރެ ކުޑަ އުޅަނދެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ގަމަށް ބޭނުންވާ ކަރަންޓާއި ޖެޓީގެ މަސައްކަތް ތަކަކީ ސިދާ މިޕްރޮޖެކްޓުން ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމެއް ނޫންކަމަށް އެފަރާތުން ވިދާޅުވިއެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިކަމަށްބޭނުންވާ ފަންޑްލިބޭތޯ މިހާރުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅު ވިއެވެ.
މިފަދަ ޕްރޮޖެކްޓްތައް ހިންގުމުގައި ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުން އުފެދެން ދިމާވާ މައިގަނޑު ސަބަބަކީ މީގެކުރިން މިފަދައިން ގިނަފަހަރަށް ހިންގާފައިވާ ބައެއް ޕްރޮޖެކްޓްތައް ފެއިލްވެފައިވާތީ ކަމަށްވެސް ބައިވެރިން ވިދާޅުވިއެވެ. އަދި ހަމަ އެއާއި އެކު ޕްލޭން އޮފް އޮޕަރޭޝަންގައި ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ބައެއް ލަނޑުދަނޑިތައް އަދި މިހާތަނަށް ހާސިލްވެ ފައި ނެތުމާއި، ޕްލޭން އޮފް އޮޕަރޭޝަންސް ގައި މިއަހަރަށް ކަނޑައަޅާފައިވާ ކަންތައް ތަކުގެ މައުލޫމާތު ތައް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް އޮޅުންފިލާފައި ނުވުމުގެ ސަބަބުންވެސް މިފަދަ ޝައްކުތައް ކުރުމަށް މަގު ފަހި ވަމުންދާކަން ބައިވެރިން ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމަށް ވަޑައިގެންނެވި އެފްއޭއޯގެ ފޮރެސްޓްރީ ރިސޯސް އޮފިސަރ ވިދާޅުވިގޮތުގައި އެބޭފުޅާއަށް ރައްޔިތުންގެ އިހްސާސްތައް ވަރަށް ރަނގަޅަށް ވަޒަން ކުރެއްވިއްޖެ ކަމަށާއި އެހެންކަމުން އެފްއޭއޯގެ ބޭފުޅުންނަށް ބައިވެރިން ފާހަގަ ކުރެއްވި ކަންތައްތަކާއި މެދު މަޝްވަރާ ކޮށް އެންމެ އަވަހަށްވެސް ކޮށްދެވެން ހުރި ކަންތައްތައް ކޮށްދެވޭތޯ މަސައްކަތްޕުޅު ކުރައްވާނޭކަމަށް ވިދާޅުވިއެވެ.
ފްރެސްޓްރީ އާއި ބެހޭ އެސެސްމެންޓް ރިޕޯރޓް އެކުލަވާލުމުގެ މަސައްކަތް ކުރެއްވުމަށް ވަޑައިގެންނެވި ކޮންސަލްޓެންޓް ގައްދޫ ގައި ގާތްގަނޑަކަށް 10 ވަރަކަށް ދުވަހު މަސައްކަތް ކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ގަމުގައި ހައްދާ އޮޅުއަލަ، ދެމެހެއްޓެނިވި ގޮތެއްގައި އާލާ ކުރުމުގެ މަސައްކަތް ކުރެއްވުމަށްޓަކައި ރާއްޖެއިން ބޭރުން ގެންނަވާ ގޮތަށް ހަމަޖެހިފައިވާ ކޮންސަލްޓެންޓްވެސް ވަރަށް އަވަސް ފުރުސަތެއްގައި ރާއްޖެ ވަޑައިގަންނަވާނޭ ކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.
ޕްރޮޖެކްޓްގެ ޕްލޭނިންގ މަސައްކަތް މިހާރު މިވަނީ ގާތްގަނޑަކަށް ނިމުމުގެ ހިސާބުގައި ކަމަށާއި ލަސްނުވެ ޕްރޮޖެކްޓްގެ އަމަލީ މަސްކަތް ފެށޭނެ ކަމުގެ ގެރެންޓީވެސް އެބޭފުޅުންވަނީ ދެއްވާފައެވެ.
މިޕްރޮޖެކްޓްގެ 2008 ވަނަ އަހަރުގެ ޕްލޭން އޮފް އޮޕްރޭޝަންސް ބައްލަވާލައްވާ!



ކޮމެންޓްސް ފުނުއްވާ