ގައްދޫ އެއަރޕޯރޓްގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއަޔާތު މިމަހުގެ ތެރޭގައި ބާއްވަނީ
ނުރަސްމީ ކޮށް އެނގިފައިވާ ގޮތުގައި މި ރަސްމިއްޔާތު ފައްޓަވައި ދެއްވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ
ގައްދޫ އެއަރޕޯރޓް ގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޒް މައުމޫނު އަބުދުލް ގައްޔޫމް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ނުރަސްމީ ގޮތެއްގައި ޚަބަރު ލިބިއްޖެއެވެ.
ގދ ގައްދޫ އާއި އެއްފަޅެއްގެ ގޮތުގައި އޮންނަ ގދ. މާވެއްދޫގައި ހެދުމަށް ހަމަޖެހިފާ އެއަރޕޯރޓްގެ އަމަލީ މަސައްކަތް ފެއްޓުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 ނުވަތަ 19 ގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް މި މައުލޫމާތަކީ ނުރަސްމީ މައުލޫމާތެއްކަމުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަށް ކުޑަބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
މިހަފްލާގެ ކޭޓަރިންގ ކަންތައްތައް ކުރުމަށް ހަމަޖެހިފައިވަނީ އަސަރީ ސަރވިސަސް އަށް ކަމަށްވެސް މި ސައިޓަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ޚަބަރާއި ގުޅޭ އިތުރު މައުލޫމާތުތައް ލިބޭ ވަރަކުން ތިބޭފުޅުންނަށް ހިއްސާ ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ގައްދޫ އެއަރޕޯރޓަކީ ގައްދޫގެ ވަރަށް ގިނަ ރައްޔިތުންގެ އުންމީދު ތަކަކާއި ގުޅިފައިވާ ކަމެކެވެ. ސަބަބަކީ ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅުކަމަށްވެފައި، ދަތުރުފަތުރު ކުރުމަށްޓަކައި ރައްޔިތުން ބޮޑެތި ޚަރަދުތަކާއި އުނދަގޫ ތަކެއް ތަހައްމަލް ކުރަމުން ދާތީއެވެ. އެހެންކަމުން މިމަސައްކަތް ފެށި އެއަރޕޯރޓްގެ ޚިދުމަތް މިސަރަހައްދުގެ ރައްޔިތުންނަށް ލިބޭ ދުވަހަކީ ގައްދު އާއި ކައިރި ރަށްރަށުގެ ރައްޔިތުންގެ ހިތްތަކަށް ބަޔާންކުރަންނޭނގޭ އުފާވެރި އިހްސާސް ތަކެއް ގެނުވައިދޭނޭ ކަމެއްކަން ޔަގީނެވެ.



ކޮމެންޓްސް ފުނުއްވާ