ޑރ. މުނައްވަރު ތާއީދު ހޯއްދެވުމުގެ ދަތުރުފުޅެއްގައި ގައްދުއަށް ވަޑައިގެންފި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ލައްވާފައިވާ އެޕާޓީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ތާއީދު ހޯއްދެވުމުގެ ދަތުރުފުޅެއްގައި މިދިޔަ ބުރާސްފަތި ދުވަހު ގައްދުއަށް ވަޑައިގެންފިއެވެ. މިގޮތުން މުނައްވަރަށް ތާއީދު ކުރައްވާ ފަރާތްތަކާއި ބައްދަލު ކޮށްލެއްވުމުގެ ގޮތުން އެދުވަހުގެރޭ ގދ.އަތޮޅު މަދަރުސާގެ ހޯލުގައި ވަނީ ޖަލްސާއެއް ބާއްވަވާފައެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުނައްވަރު ވިދާޅުވިގޮތުގައި އެމްޑީޕީގެ ފަރާތުން އޭނާރައީސްކަމަށް ކުރިމަތިލައްވާ ގޮތަށް ނިންމީ ޕާޓީގެ އިސްސަފުގައި ތިއްބެވި ގާބިލް ބޭފުޅުން މިމަގާމަށް ކުރިމަތި ލެއްވުމަކީ ކޮންމެހެންވެސް ކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމެއްކަމަށް ގަބޫލު ފުޅުކުރައްވާތީކަމަށެވެ. އަދި ޑރ. މުނައްވަރު ވިދާޅުވިގޮތުގައި މިގައުމު މިހާރު ވެއްޓިފައިވާ އަނދިރި ވަޅުގަނޑުން ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރުމަށްޓަކައިޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން މިމަގާމަށް ކުރިމަތި ލެއްވުމަކީ ކޮންމެހެންވެސް ކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. މިގޮތުން ވާހަކަފުޅު ދައްކަވަމުން މިހާރުގެ ސަރުކާރުން އިލްމީ ބޭފުޅުންނާއި މެދު ކަންތައްކުރައްވާފައިވާ ބޭއިންސާފް ކަންތައްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މީގެ އިތުރަށް މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ޑްރަގުގެ ވަބާގައި ގިނަޒުވާނުން ޖެހުމުގެ އަސްލަކީވެސް މިއަދުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. މީގެތެރޭގައި ހިމެނޭ ބައެއް ކަންތައް ތަކުގެ ތެރޭގައި މުނައްވަރު ވިދާޅުވީ ކުއްވެރިންނަށް އަދަބު ނުދެވުމާއި ގާނޫން ތަންފީޒުކުރުމުގައި އެކިމީހުންނަށް އެކި ގޮތްތައް ހެދުން ހިމެނެއެވެ. އަދި މީގެ އިތުރުން މުނައްވަރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރަކުން ވެރިކަން ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަންނަވައިފިނަމަ ރައްޔިތުންނަށް މިއަށް ވުރެ ތަނަވަސް ފާގަތި ދިރިއުޅުމެއް ފެންނާނެ ކަމަށެވެ. ބައްދަލުވުން ނިންމާލަމުން ބައިވެރިން ގެ ބައެއް ސުވާލު ތަކަށް މުނައްވަރު ޖަވާބު ދެއްވެވިއެވެ. މިޖަލްސާ އަށް ވަރަށް ގިނަ އަދަދެއްގެ މީހުން ހާޒިރުވެ ވަޑައިގެންނެވިއެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ