ފުރަތަމަ ސަފްހާ | ޚަބަރު | ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރުމަށް ދިޔަ ގައްދޫގެ ވަފުދު ބައްދަލުވުންތައް ނިންމާލުމަށްފަހު އެނބުރި އަތުވެއްޖެ.

ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރުމަށް ދިޔަ ގައްދޫގެ ވަފުދު ބައްދަލުވުންތައް ނިންމާލުމަށްފަހު އެނބުރި އަތުވެއްޖެ.

ފޮންޓް ސައިޒް: Decrease font Enlarge font

މިދަތުރަކީ ރ.ކ.ކޮމެޓީން ނިންމިނިންމުމަކާއި ގުޅިގެން ގައްދޫ އޮފީހުން އިސްނަގައިގެން ކުރިދަތުރެއް.

ގައްދޫގެ ތަރައްގީ އަށް ޓަކައި ކުރަން ހަމަޖެހިފައިވާ މުހިންމު ބައެއް ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްމިމަހު ހަޔަކުން އަށާރައަށް އަށް ސަރުކާރުގެ އިސްފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުން ތައް ނިންމަވާލެއްވުމަށް ފަހު ވަފުދު އެނބުރި އަތުވެއްޖެއެވެ. މިވަފުދުގައި ބައިވެރިވެފައި ވަނީ ގައްދޫ ގައި އުފެދިފައިވާ ޖަމްއިއްޔާ ތަކާއި އަދި ޒުވާނުންގެ ތެރެއިން ބަޔަކު ކަމަށް ގައްދޫ ކަތީބު އިސްމާއިލް ޝަމީމް ވިދާޅުވިއެވެ. "އަޅުގަނޑުމެން ގުޅިގެން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރީންނާއި ބައްދަލު ކުރުމަށް ކުރި ދަތުރެއްމިއީ. މި ދަތުރުގެ ބޭނުމަކީ މިފަހަރު ގައްދޫ އަށް ދިމާވެފައިވާ ބައެއް ކަންތައްތަކުގެ ވާހަކަ ރަށު އޮފީހާއި ރ.ކ.ކޮމެޓީ އަށް ރައްޔިތުން ހުށަހަޅަމުން ގެންދިއުމާއި ގުޅިގެން އެކަންކަމާ މެދުގައި ސަރުކާރުގެ ވަޒީރުންނާއި ބައްދަލުކޮށް ސަރުކާރުން ކޮށްދެއްވެން ހުރީ ކޮންކަންތައްތަކެއްތޯ ބަލައި އަދި ސަރުކާރުން އެކަންތައްތައް ކޮށް ދެއްވުމަށް ގަސްތު ކުރައްވާފައި އޮތީ ކޮންގޮތަކަށްތޯ އާއި އަދި ގައްދޫ އަށް ބޭނުންވެފައިވާ ބައެއް ކަންތަކުގެ ވާހަކަ ހުށަހެޅުން މިއީ މިދަތުރުގެ މަގުސަދު. މި މަގުސަދާއި ގުޅިގެން އަޅުގަނޑުމެން އެއްމެފުރަތަމަ ބައްދަލުކުރީ ހެލްތު މިނިސްޓަރ އިލްޔާސް އިބުރާހީމް އާއި؛ އެންވާރމެންޓް މިނިސްޓަރ އަޙުމަދު އަބުދުއްﷲ އާއި؛ ކޮންސްޓްރަކްޝަން މިނިސްޓަރ ގެ ނާއިބު މުހަންމަދު އިބުރާހީމް އާއި؛ ހައުސިންގ މިނިސްޓަރ އިބުރާހީމް ރަފީޤު އާއި؛ ޕްލޭނިންގ މިނިސްޓަރ ޙަމްދޫނު ހަމީދު އާއި؛ އެގުރިކަލްޗާރ މިނިސްޓަރ ޙުސައިން ޙިލްމީ ގެ އިތުރުން ޔޫތު މިނިސްޓަރ މުހަންމަދު އަހީދުއްދީނު އާއި ބައްދަލު ކުރެވުނު". ގައްދޫ ކަތީބު ވިދާޅުވިއެވެ. އަދި މިބައްދަލު ކުރުމުގައި އެބޭފުޅެއްގެ ދާއިރާ އާއި ގުޅޭގޮތުން ގައްދޫ އަށް ދިމާވެފައިވާ ކަންތައްތަކުގެ ވާހަކަ މައިގަނޑު ގޮތެއްގައި ހުށަހެޅުނު ކަމަށްވެސް ކަތީބު ވިދާޅުވިއެވެ. 

  އެގޮތުން ހެލްތު މިނިސްޓަރާއި ބައްދަލު ކޮށް ދެކެވުނު ވާހަކައިގައި ގައްދޫ ސިއްހީ މަރުކަޒުން ލިބެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ބެހޭގޮތުން ވާހަކަ ދެކެވުނުކަމަށާއި އަދި މި ވަގުތުން ވަގުތަށް ކޮށްދެއްވޭން ހުރި ކަންތައްތައް ކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިކަމަށް ވެސް ކަތީބު ވިދާޅުވިއެވެ. ދެވަނައަށް ބައްދަލު ކުރެއްވީ ޔޫތު މިނިސްޓަރ އާއި ކަމަށާއި އަދި މި ބައްދަލު ވުމުގައި ގައްދޫގެ ޒުވާނުންނަށް ދިމާވެފައިވާ ހާލަތާއި؛ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ޖާގައެއް ނެތުމާއި ޒުވާނުންގެ މަރުކަޒެއް ގައްދޫ އަށް ނުހަނު ބޭނުންވާކަމަށް ދެންނެވުނު ކަމަށްވެސް ވިދާޅުވިއެވެ. އަދި މީގެ އިތުރަށް ގައްދޫގެ ބޯޅަދަނޑުގާއި ދާ ޖެހުމުގެ މަސައްކަތާއި؛ ވަށާ ފާރުތަކުގެ ކުލަ ލުމުގެ މަސައްކަތަށް އެސްޓިމޭޓް ހުށަހެޅުމުން މިނިސްޓްރީން އެހީވެދެއްވާނޭ ކަމަށް ވިދާޅުވިކަމަށެވެ. މި ވާހަކަތަކުގެ އަލީގައި މިނިސްޓަރު ވިދާޅުވިގޮތުގައި ގައްދޫ ގައި އަލަށް ބޯޅަދަނޑެއް ހެދުމަށް ބިމެއް ނެގުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށާއި؛ މިކަމަށް މިނިސްޓްރީން މަސައްކަތް ކޮށްދެއްވާނޭ ކަމަށާއި؛ އަދި ރަށު އޮފީހުންވެސް މިކަމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާކަމަށެވެ. އަދި މި އަހަރު ގައްދޫގައި އިޖުތިމާއީ މަރުކަޒެއް އެޅެންނެތް ކަމަށާއި؛ އެކަމަކު މިހިނދުން މިހިދަށް ވެސް އިމާރާތެއް ނުވަތަ ކުއްޔަށް ތަނެއް ލިބިއްޖެނަމަ ނޫންނަމަ ރައްޔިތުންގެ އިމާރާތަކަށް ވިޔަސް އެތަނެއް އަޕްގުރޭޑު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނޭކަމަށް ވިދާޅުވި ކަމަށެވެ. އަދި މީގެ އިތުރަށް ގައްދޫގެ ބޯޅަދަނޑުގާއި ދާ ޖެހުމުގެ މަސައްކަތާއި؛ ވަށާ ފާރުތަކުގެ ކުލަ ލުމުގެ މަސައްކަތަށް އެސްޓިމޭޓް ހުށަހެޅުމުން މިނިސްޓްރީން އެހީވެދެއްވާނޭ ކަމަށް ވިދާޅުވިކަމަށެވެ. މީގެއިތުރަށް މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހު އެފަދަ ޒުވާނުންނަށް ތަފާތު އެކި ޕްރޮގުރާމްތައް ހިންގަވައި ދެއްވުމަށް މަސަކަތް ކޮށް ދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިކަމަށް ގައްދޫ ކަތީބު ވިދާޅުވިއެވެ.

އެއަށްފަހު ވަފުދު ބައްދަލުކުރީ ހައުސިންގ މިނިސްޓަރާއި ކަމަށާއި މިނިސްޓަރާއި އެކު ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި ގައްދޫ ގެ ބިނާވެށި ޕްލޭން ލަސްވަމުންދާ ވާހަކަ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ގައްދޫގެ ބިނާވެށީގެ ޚިޔާލީ ޕްލޭނެއް އަތޮޅު އޮފީހުން މިނިސްޓްރީ އަށް ލިބިފައި ވާކަމަށާއި؛ މިޕްލޭނާއި މެދު ވިސްނެވުމަށް ފަހު އަދި އެއްފަހަރު ގައްދޫ އަށް ދަތުރެއް ކުރަން ހަމަޖެހިފައިވާ ކަމަށާއި މިދަތުރު މޭއި މަހުގެ 15 ގައި ކުރަން ހަމަޖެހިފައި ވާ ކަމަށެވެ. މިދަތުރުގައި ގައްދޫގެ ކޮމެޓީތަކާއި؛ ކުލަބު ޖަމުއިއްޔާ ތަކާއި؛ ޒުވާނުންނާއި ބައްދަލު ކުރަށްވައި ވާހަކަ ދެއްކުމަށް ފަހު މިޕްލޭން ވަރަށް އަވަހަށް ނިންމަވައި ދެއްވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިކަމަށްވެއެވެ.

އޭގެފަހުގައި ވަފުދުން ބައްދަލު ކުރެއްވީ ޕްލޭނިންގ މިނިސްޓަރ ހަމްދޫނު ހަމީދު އާއިއެވެ. މިބައްދަލުވުމިގައި ވާހަކަ ދެކެވުނީ ގައްދޫގެ ތަރައްގީ އަށް ރޭވިފައި ވަނީ ކޮންކޮން ކަންތައްތަކެއްތޯ އާއި އަދި ބައެއް ފަރާތްތަކުން ޚަބަރު ލިބޭ ގޮތުގައި ގައްދޫ އަކީ ސޭފް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށެއް ކަމަށް ޚަބަރު ލިބޭތީވެ މި ކަމުގެ ހަގީގަތް އޮޅުން ފިލުވައި ދެއްވުމަށް ދެންނެވުމުން މިނިސްޓަރ ވިދާޅުވީ " ގައްދޫ އަކީ ސޭފް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށެއްނޫން ކަމަށާއި؛ ނަމަވެސް ގައުމީ ތަރައްގީގެ މަޝްރޫއުގެ ދަށުން ހުވަދު އަތޮޅު ބައިކުރެވެނީ ތިން ޒޯނަކަށް ކަމަށާއި؛ އޭގެތެރެއިން އެއް ޒޯނަކީ ގައްދޫ ކަމަށެވެ. މިކަމާއި ގުޅިގެން ގައްދޫ އަށް ގިނަގުނަ ތަރައްގީ އަންނާނެ ކަމަށާއި؛ މީގެ އެއްކަމެއްގެ ގޮތުން ގައްދޫގެ އެއާރޕޯޓް ފާހަގަ ކުރެވޭ ކަމަށާއި؛ އަދި މިނޫނަސް އިތުރު އެތަށް ތަރައްގީއެއް ގައްދޫ އަށް ލިބޭނެ ކަމަށެވެ. މިއަދާ ހަމަ އަށްވެސް ގައްދޫ އަށް ތަރައްގީ އައުމަށް ހުރަސް އެޅިފައި އޮތީ ގައްދޫ ގައި ބިން ނެތުމުން ކަމަށާއި ބިމުގެ ޕްލޭން ހަމަޖެހިގެން ދިއުމުން ވަރަށް އަވަހަށް ތަރައްގީގެ ކަންތައްވެސް ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމްދޫން ހަމީދަށް ފަހު ދެން ބައްދަލު ކުރެވުންތައް ބޭއްވުނީ އެންވަޔަރންމެންޓް މިނިސްޓްރީގައެވެ. "މިމިނިސްޓްރީގައި ތިން ބައްދަލުވުން ބޭއްވުނު. އެއީ މިވަގުތަށް ގައްދޫ އަށް އެންމެ ބޮޑަށް ބޭނުން ވެފައިވާ ފާޚާނާ ނިޒާމުގެ މައުލޫމާތު ހޯދުމަށްޓަކައި ބޭއްވުނު ތިން ބައްދަލުވުން. މިގޮތުން ބޭއްވުނު ފުރަތަމަ ބައްދަލުވުން ބޭއްވުނީ އެމިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކުޓަރުންގެ ފެންވަރުގައި". ކަތީބު ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ގައްދޫ ގެ ފާޚާނާ ނިޒާމުގެ ކަންތައްތައް އޮތީ ކިހާ ހިސާބެއްގައިތޯ އާއި؛ މިކަން ލަސްވަނީ ކީއްވެތޯ އާއި؛ ފެށޭނެ ދުވަހަކީ ކޮބާތޯ ދެންނެވުމުން މިނިސްޓްރީން ވިދާޅުވީ ގައްދޫގެ ނަރުދަމާގެ ބޮޑުބައި މިހާރު ފަރުމާ ކުރެވިފައިވާ ކަމަށާއި؛ އެކަމަކު އަދި މުޅިން އެއްކޮށް ނުނިމޭ ކަމަށާއި؛ އަދި އެއްފަހަރު އެމެރިކަން ރެޑުކޮރްސްގެ ފަރާތުން ގައްދޫ އަށް ދާނެ ކަމަށާއި؛ ފަހަރެއްގައި އެއްމޭޒުދޮށުން މިކަން ނިމިދާނެ ކަމަށެވެ. ނަރުދަމާގެ ކަންތައް ލަސްވެގެން މިދިޔައީ ފުރަތަމަ އެމެރިކަން ރެޑުކޮރްސް އިން ތިންރަށެއް ނެންގެވުމަށް ފަހު އެބޭފުޅުން ނަށް ތިންރަށަށް ބޭނުންވާ ފަންޑު ނުލިބުމުން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަ ދެއްކުމަށް ފަހު ދެރަށެއް އައްޔަން ކުރުމުންނެވެ. އެދެރަށަކީ ގއ. ވިލިގިނލީ އަދި ދާންދޫ ކަމަށާއި؛ ގައްދޫ މިހާރުވަނީ ސަރުކާރުގެ ބަޖަޓަށް ލެވިފައިކަމަށާއި ފައިސާ ހޯދުމަށް މިހާރު ފިނޭންސް މިނިސްޓްރީ އަށް ލިޔެފައި ވާނެކަމަށެވެ. އަދި ފައިސާގެ ކަން ތައް ހަޖެހުނުހާ އަވަހަކަށް ގައްދޫގެ ފާޚާނާގެ އަމަލީ މަސައްކަތް ފެއްޓޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިކަމަށެވެ. މިނިސްޓަރ އަހުމަދު އަބުދުﷲ ގެ ވާހަކަ ފުޅުގައި ގައްދޫގެ ނަރުދަމާ ނިޒާމު ކެންސަލް ނުކުރާ ކަމަށާއި އަދި ގައްދޫ ބާކީވެސް ނުކުރާ ކަމަށާއި ނަމަވެސް މިނިޒާމަށް ފަންސާސް ތިން މިލިޔަން ރުފިޔާ ޚަރަދު ވާނެ ކަމަށާއިއެހެންކަމުން މިފައިސާ ލިބުމުން ގައްދޫ ގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

 އެއަށްފަހު ވަފުދުން ދެން ބައްދަލު ކުރެއްވީ އެގުރިކަލްޗާރ މިނިސްޓަރ އާއިއެވެ. މިނިސްޓަރއާއި އެކުގައި ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި ގދ. ގަމަކީ ގައްދޫގެ ރައްޔިތުންނަށް ވަރުވާ އަށް ލިޔެ ދީފައި އޮންނަ ރަށެއްކަމާއި؛ އަދި މިރަށަކީ ކާބަފައިންގެ ޒާމާނުއްސުރެވެސް ގައްދޫގެ މީހުން ދަނޑުވެރިކަން ކުރަމުން އަންނަ ރަށެއްކަމާއި ރާއްޖޭގެ އެހެން ރަށްތަކުގެ މީހުން ދަނޑުވެރިކަން ކުރާ ގޮތާއި އަޅާ ބަލާއިރު ގައްދޫގެ ރައްޔަތުން ދަނޑުވެރިކަން ކުރަމުން އަންނަނީ ވަރަށް ތަފާތު ގޮތަކަށް ކަމާއި އެހެން ރަށްތަކުގެ މީހުން އަމިއްލައަށް ރަށުގައި ތިބެގެން ދަނޑުވެރިކަން ކުރާއިރު ގައްދޫގެ ރައްޔަތުން ދަނޑުވެރިކަން ކުރަމުން އަންނަނީ ކަނޑު ހުރަސްކޮށް ގޮސް އެހެން ރަށެއްގައި ކަމަށާއި އެހެންކަމުން އަށްބައި ކުޅަ އެއްބައި ރަށް ލިޔެގެން އުޅޭ ފަރާތައް ދޭން ރައްޔަތުން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހޭކަމާއި؛ އަދި މިކަމަށްޓަކައި ކޮންމެވެސް ގޮތެއް ހަމަޖައްސަން ޖެހޭކަމާއި؛ އަދި މިހާރު ގަމުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރެޖެކުޓާއި ގުޅިގެން ރ.ކ ކޮމެޓީގެ މަޝްވަރާ އާއި އެކު ގަމުން ދަނޑުބިން ތަކެއް ގައްދޫގެ ބައެއް ރައްޔަތުން ނަށް ދޫކުރެވިފައި ވާނެކަމާއި؛ މި ދަނޑުތަކުގެ ކުއްޔަށް މަހަކު އަކަފޫޓަކަށް ހަތަރު ލާރި ނެގޭތީވެ ރައްޔަތުން ހިތްހަމަ ނުޖެހޭކަމުގެ ވާހަކަ މިނިސްޓަރަށް ދެންނެވި ކަމަށެވެ. މިކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ  ގައްދޫ ގަން ގައްދޫގެ ރައްޔަތުން ދަނޑުވެރިކަން ކުރުމަށް މިހާރަށްވުރެ ފަސޭހަ ގޮތަކަށް ބޭއްވުމަށް މިހާރު މިދަނީ ޚިޔާލު ކުރެވި މަޝްވަރާ ކުރަމުންކަމަށާއި އެގޮތުން މިހާރު ސާވޭ ކުރުމަށް ބަޔަކު ހޯދުމަށް އިއުލާން ކުރެވި އެއްފަރާތުން އިޖާބަ ދީފައިވާކަމަށެވެ. އަދިމިކަންތަށް ހަމަޖެހުމުން މިހާރަށްވުރެ ލުއިގޮތެއް ހަމަޖެހިގެން ދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ. އަދި ގަމުގައި ހުރި 20،000 ހާސް ރުކުގެތެރެއިން ދުވަސް ވެފައިވާ ރުއްތައް ގައްދޫގެ ރައްޔަތުންނަށް ލުއި ގޮތަކަށް ފުރަބަންޑާރަ ލަކުޑި ދޫކުރާ އުސޫލުން ދިނުމަށް ދިރާސާ ރިޕޯޓެއް ހައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ބޮނބި ކުނޑި ހަދާނެ މެޝިނެއް ވަރަށް އަވަހަށް ލިބޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިކަމަށެވެ.

އެގްރިކަލްޗަރ މިނިސްޓަރާއި ބައްދަލު ކުރެއްވުމަށްފަހު ވަފުދު ދެން ބައްދަލުކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނާއިބު މުހަންމަދު އިބުރާހީމު އާއިއެވެ. މިނިސްޓަރީގެ ނާއިބު ވިދާޅުވީ ގައްދޫ އަކީ އަދި ބަނދަރެއް ހަދަން ހަމަޖެހިފައިވާ ރަށެއްނޫންކަމަށާއި ނަމަވެސް ގައްދޫ އަކީ ބަނދަރެއް އޮންނަން ޖެހޭ ރަށެއްކަމަށް ޤަބޫލް ކުރައްވާ ކަމަށެވެ. މިބައްދަލުވުމުގައި ދެކެވުނުވާހަކަ ތަކުގެ ތެރޭގައި ގައްދޫގެ ބަނދަރުގެ ދަތިކަމާއި؛ ގައްދޫގެ ހިއްކާފައި އޮތް ސަރަހައްދު ގިރަމުންދާތީ ރިވެޓްމެންޓް ޖެހުން ލަސްވާތީ އާއި؛ އަދި ބިން ހިއްކުމުން ބިން ތިރިވެފައިވާ ފަރާތްތަކަށް އޮތް ހައްލަކީ ކޮބާއިތޯ ދެންވިކަމަށެވެ. މިކަމާއި ގުޅޭގޮތުން މިނިސްޓަރީގެ ނާއިބު ވިދާޅުވީ ގައްދޫ އަކީ އަދި ބަނދަރެއް ހަދަން ހަމަޖެހިފައިވާ ރަށެއްނޫންކަމަށާއި ނަމަވެސް ގައްދޫ އަކީ ބަނދަރެއް އޮންނަން ޖެހޭ ރަށެއްކަމަށް ޤަބޫލް ކުރައްވާ ކަމަށެވެ. އަދި ގައްދޫގެ ބަނދަރުގެ ކުޑަކަންވެސް ޤަބޫލް ކުރެވޭކަމަށާއި މިހާރު އޮތް ބަނދަރާއި؛ މިހާރު ފަސްނަގާ ފުންކުރެވިފައިވާ ސަރަހައްދު އެއްކޮށް ގުޅާލުމުގެ މަސައްކަތް މި އަހަރު ޖުލައި މަހުގެ ތެރޭގައި ފެށޭ ވަރު ވާނެކަމަށް އުއްމީދު ކުރަށްވާ ކަމަށްއޭނާ ވިދާޅުވިކަމަށެވެ. އަދި ރިވެޓްމެންޓް ޖެހުމަށް މިހާރު ގާ އަޅަމުން ދާކަމަށާއި؛ މި ރިވެޓްމެންޓަށް 40000 ހާސް ގާ ބޭނުންވާ ކަމަށާއި؛ ކުރީގައި ގާ އަޅަމުން ދިޔައީ އަތުން ނަމަވެސް މިހާރު ގާ އަޅަމުން ދަނީ މެޝިނެއް ގެނެސްގެން ކަމަށާއި އަދި މިކަމަށް އިތުރު 40 ދުވަސް  ބޭނުންވާނެ ކަމަށް ވެސް އޭނާވިދާޅުވިކަމަށެވެ. އަދި ގައްދޫގެ ކާނު ހަދާނިމޭއިރު އަޑިބިން ތަކުގެ މައްސަލަ ވެސް ހައްލުވެގެން ދާނެކަމަށްވެސް ވިދާލުވިއެވެ.

 އިސްލާމީކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ޑިރެކްޓަރ ޖެނެރަލް އާއި އެކު ބޭއްވި ބައްދަލުވުމުގައި ދެކުވުނު ވާހަކަ ތަކުގެ ތެރޭގައި ގައްދޫގެ މިސްކިތެއް އެޅުމަށް ޚިޔާލު ކުރެވިފައިވާ ކަމަށާއި؛ މިއަހަރު ބަޖެޓުގައި އެކަންތައް ހިމަނާނެ ކަމަށެވެ. އަދި ގައްދޫގެ ބަރާސީލް މިސްކިތް ކަމަށްވާ މަސްޖިދުލލް އަމާނީ މަރާމާތް ކުރެއްވުމަށް އެދިފައިވާތީ އެކަމަށް އެސްޓިމޭޓް ހުށަހެޅުއްވުމުން އެހީވެދެއްވާނެކަމަށް  އޭނާވިދާޅުވިކަމަށްވެސް ކަތީބު ވިދާޅުވިއެވެ.

 އަދިމީގެ އިތުރަށް ޤައުމީމަރުކަޒުގެ ރައީސާއި ވެސް ބައްދަލު ކުރެވުނުކަމަށާއި މިބައްދަލުވުމުގައި ގަމުގެ ހަވިއްތަ އަށް ދާން އޮންނަ މަގު ހެދުމަށް ހިނގާނެ ޚަރަދުގެ އެސްޓިމޭޓް ހުށަހެޅުމުން އެކަމަށް އެހީތެރި ވެދެއްވާނެކަމަށް ވިދާޅުވިކަމަށްވެއެވެ. އަދި މީގެ އިތުރަށް ޕަބްލިކު ސާރވީސް ޑިވިޝަންގެ ޑިރެކްޓަރ ޖެނެރަލް އަލީ އާމިރު އާއި ބައްދަލު ކުރެވުނުކަމަށާއިމިބައްދަލުވުމުގައި ސުނާމީގައި ގެއްލުން ލިބުނު 378 ގެއަށް ފައިސާ ފުނުވި އިރު ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުންމަސައްކަތް ކުރުމަށް ރައްޔިތުންނަށް އުނދަގޫ ތަކެއް ދިމާވެފައިވާ ކަމުގެ ވާހަކަ ދެންނެވުމުން މިގެތަކަށް އިތުރަށް ކޮންމެވެސް ވަރެއްގެ އެހީ އެއް ދޭގޮތަށް ކުރިޔަށް މިއޮތް ދެމަސް ދުވަހުގެ ތެރޭ ހަމަޖެހިގެން ދާނެކަމަށް ވިދާޅުވި ކަމަށް ގައްދޫ ކަތީބު އިސްމާއީލް ޝަމީމް މައުލޫމާތު ދެއްވިއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (10 ލިބިއްޖެ):

  27 April, 2008 07:40:54
avatar
މާފު ކުރައްވާ! ގައްދު އަކު ނުހުންނާނެ ތަރައްގީއަށް ނުފޫޒު ފޯރުވޭފަދަ ނުފޫޒުގަދަ މީހަކު. ތިއީ އަހަރުމުންގެ މުޖުތަމަޢުން ފޮހެލަންވީ ވިސްނުމެއް.
ބަރާބަރު ސަކަރާތް
0
  27 April, 2008 11:55:00
avatar
މި ލިޔުމުގައި ސިއްޙީމަރުކަޒުގައި ވަގުތުން ވަގުތަށް ކޮށްދެވޭނެ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވޭ. އެހެންނަމަވެސް އެއީ ކޮން ކަންތަކެއްކަމެއް އެގޭކަށް ނެތް. ސަރުކާރުން ދައްކާ ވާހަކަތަކަށް މިހާރު އެއްވެސް އިތުބާރެއް ނޯވޭ.
ބަރާބަރު ސަކަރާތް
0
  27 April, 2008 09:51:32
avatar
ގައްދޫ މިހާރު އޮތް ހާލަތުން ތަރައްގީގެ މަގުގައި ކުރިޔަށް ދިޔުމަށްޓަކައި އިޖްތިމާއީ ގޮތުންނާއި ތައުލީމީގޮތުން އަދި އުމްރާނީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ހޯދައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ. އެހެން ކަމުން ޒުވާމުންނާއި ހަރުމީހުން އަދި ޖުމްލަ ގޮތެއްގައި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ ހީވެސް ނުކުރާހާ އަވަހަށް ތަރައްގީގެ މަގުގައި އަޅުގަނޑުމެން ކުރިޔަށް ދިޔުމަކީ ވަރަށް ގާތުގައިވާ ކަމެއް.
ބަރާބަރު ސަކަރާތް
0
  27 April, 2008 08:41:46
avatar
ރަށުގެ ވެރިއަކަށް ހުންނަ މީހަކު ރަށުގެ ހުރިހާ ކަމެއްގެ ޒިއްމާ ނަގަންޖެހޭނެ. ރަށުގެ ތަރައްޤީއަށް މަސައްކަތް ނުކުރާ ވެރިއެއް ބެހެއްޓިގެން ނުވާނެ. މިހާރުގެ ވެރިންނަށް ވެސް އަޅުގަނޑު ދަންނަވާނީ ރަށުގެ ހުރިހާ ދާއިރާއަކަށް ކުރިއެރުން ހޯއްދެވުމަށް ވިސްނަވާ މަސައްކަތް ކުރައްވާށޭ. ކަމެއް ދިމާވީމާ ޙައްލުކުރުމުގެ ވިސްނެވުން ނުގެންގުޅުއްވާށޭ. ކުރިއަށް ޕްލޭންކުރުމުގެ ވިސްނެވުމުގައި ހިއްޕަވާށޭ. އައްޑޫ އަތޮޅުގެ ޑިވެލޮޕްމަންޓް ޕްލޭން ނަމޫނާ އަކަށް ބައްލަވާށޭ.
ބަރާބަރު ސަކަރާތް
0
  27 April, 2008 08:32:43
avatar
ނުފޫޒުގަދަ މީހުންނަށް މިއަދު ބަލާނެކަމެއް ނެތް. އަހަންނަށް ހީވަނީ ރަށުގެ ހުރިހާ ޒުވާނުންވެސް ތިބީ ވަރަށް އެކުވެރި ރޫހެއްގަހެން. އެހެންވިއްޔާ ޒުވާނުން ގުޅިގެން އިސްވެ ތަރައްގީގެ ކަންކަމުގައި އުޅެން ފަށައިފިއްޔާ ތިބުނާ ނުފޫޒުގަދަ މީހުން ޖެހޭނީ އަމާންދީ އެއްބާރުލުން ދޭން.
ބަރާބަރު ސަކަރާތް
0
  27 April, 2008 08:23:57
avatar
ގައްދޫގެ ނުފޫޒުގަދަ މީހުން އެއްމޭޒުދޮށަށް ގެނައުމަށް ގޮވާލަން. އަދި ރަށުގެ ތަރައްޤީއަށް އެފަރާތްތަކުގެ އެހީތެރިކަން ދެއްވުމަށް އާދޭސްކުރަން. އަޅުގަނޑުމެން ތިބިތަނުގައި ތިއްބާ އަޅުގަނޑުމެންނަށް ވުރެ ކުޑަކޮށް ތަރައްޤީވެފައިވާ ރަށްތައް މިހާރު ވަނީ އަޅުގަނޑުމެން ފަހަނަޅާ ގޮސްފައި. މިކަމުގެ އަސްލަކީ ރަށުގެ ނުފޫޒުގަދަ މީހުންގެ މެދުގައިގެ މެދުގައި އޮންނަ ނުގުޅުންތެރިކަމާއި ދުވަސްވީ ހަސަދަވެރިކަން. އެހެންކަމުން އެފަރާތްތަކުގެ މެދުގައި އޮންނަ ޒާތީ މައްސަލަތައް އެއްކައިރިކޮށް ރަށުގެ ތަރައްޤީ އިސްކޮށްގެން ނޫނީ އެންމެ އެކަށީގެންވާ ގޮތެއްގައި ތަރައްޤީގެ މަސައްކަތެއް ކާމިޔާބެއް ނުވާނެ.
ބަރާބަރު ސަކަރާތް
0
  27 April, 2008 08:08:32
avatar
ދާދިފަހުން މާލެ ދިޔަ ވަފުދު މާލެ ދާކަން ވަރަށް ކުރީއްސުރެ އަޑުއެހިން. އެހެންކަމުން ސިއްރުވެރިކޮށް ދިޔަކަމަކަށް ނުފެނޭ. އެކަމަކު ރަށުގެ ތަރައްޤީއާއި ގުޅޭ މިފަދަ ޓީމެއް ސަރުކާރުގެ ބަޔަކާއި ބައްދަލުކުރަން ދާއިރު ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާކުރަންޖެހޭނެ. އޭގެ ސަބަބުން ރޫހު އިތުރުވެ އިތުރު ޚިޔާލުތައްވެސް ލިބިދާނެ. ކޮންމެ އަކަސް ވޭތުވެދިޔަ ތަނުގައި ފެނިފައިނުވާ އުންމީދީ މަންޒަރުތަކެއް ފެންނަމުން ދިއުމަކީ ރަގަނޅު ފެށުމެއް ކަމަށް ފެނޭ.
ބަރާބަރު ސަކަރާތް
0
  27 April, 2008 07:58:40
avatar
މިހާރު ގައްދޫގެ ތަރައްގީ އަށް ޓަކައި މަސައްކަތް ކުރެވެމުންދާ މިސްރާބް ރަނގަޅު ކަމަށް ފެނޭ. އެހެން ނަމަވެސް މިދަތުރު ކުރި އިރު މިއީ ވަރަށް ސިއްރުވެރި ގޮތެއްގައި ކުރި ދަތުރެއް ކަމަށް ބެލެވޭ. އެހެންވީމާ ތަންކޮޅެއް ކުރިން ދުރާލާ ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދިނަމަ ގިނަ ރައްޔިތުން ހިތްހަމަ ޖެހޭނެ ކަން ޔަގީން.
ބަރާބަރު ސަކަރާތް
0
  27 April, 2008 07:44:02
avatar
ގައްދޫގެ ކުނިކޮށީގެ ވާހަކަ އެންވަޔަރމެންޓް މިނިސްޓަރ އަށް ދެންނެވުނު. ކުނިކޮށި ހުރި ސަރަޙައްދުގެ ގޮތުން ރައްޔިތުންނަށް ޞިއްޙީގޮތުން ވަރަށް ބޮޑަށް ގެއްލުން ލިބޭކަމަށާއި، އެހެން ސަރަޙައްދަކަށް ކޮށި ބަދަލުކޮށް ދިނުމަށް ވެސް އެދިފައިވޭ. މިކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ ބިމުގެ ޕްލޭން ނިމި އެކަމަށް ކަނޑައަޅާ މިބިން ހަމަޖައްސެވުމުން ކޮށި ބަދަލުކޮށް ދެއްވާނެކަމަށް.

މިޓީމުން ކުރި މަސައްކަތުގެ އަލީގައި މިނިސްޓަރުން ދައްކަވާފައި ހުރި އުންމީދީ ވާހަކަތައް ހަޤީޤަތަކަށް ހެދުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހޭ. އެކަން ކުރެވޭނީ ރ.ކ. ކޮމެޓީގެ ސީދާ އެހީތެރިކަން ލިބިގެން. އެހެންކަމުން ރ.ކ. ކޮމެޓީގެ މެމްބަރުން ކަތީބުގެ މިދަތުރުގެ މައުލޫމާތު ހޯއްދަވާ، މައުލޫމާތުގެ އަލީގައި މަސައްކަތް ކުރެއްވުމަށް ގޮވާލަން.
ބަރާބަރު ސަކަރާތް
0
  27 April, 2008 07:36:11
avatar
މި ވަފުދުން ކުރި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އެހެން ނަމަވެސް މިކަމަކީ އެއްފަހަރު ކޮށްލާ ޒިޔާރަތަކުން ނިންމާލާ ކަމަކަށް ހެދިއްޖެ ނަމަ މީގެ ފައިދާއެއް ނުފެންނާނެ. ސިލްސިލާ އެއްގޮތަށް މިކަން ކުރެވިގެން މީގެ ފައިދާ ކުރާނީ. އަދި މިކަން ހިގާ ނުހިގާގޮތް ވެސް މޮނިޓަރކޮށް ބަލަންޖެހޭނެ. އަޅުގަނޑަށް ފެންނަނީ ރަށުގެ ތަރައްޤީގެ ކޮމެޓީއެއް އެކުލަވާލުމަށް ރ.ކ. ކޮމެޓީން ނިންމުމަށް. ގައްދޫ ރައްޔިތެއް.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 10 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.00