ގައްދޫ ސިއްހީ މަރުކަޒުން ފުޑްފެއަރއެއް ބާއްވައިފި
ފެއަރ އަށް ވަރަށްބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަން ފާހަގަކުރެވުނު.
ނަރުހުންގެ ދުވަހުގެ ޕްރޮގުރާމްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މިދިޔަ ހުކުރުދުވަހު ގައްދޫ ސިއްހީ މަރުކަޒުގައި ފުޑް ފެއާރ އެއް ބާއްވާފިއެވެ. މި ފުޑް ފެއާރ ހުޅުއްވާދެއްވީ އަންހެނުންގެ ކޮމެޓީގެ ރައީސާ އަލްފާޟިލާ އާއިޝަތު ހަބީބާ އެވެ. މުޅިރަށަށް ހުޅުވާލި މިފުޑް ފެއާރ އަށް ވަރަށްބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ބައެއް ކަންތައްތައް ކުރިކަންވެސް ފާހަގަ ކުރެވުނެވެ. "މިއީ ކިހިނެއްކުރި ކަމެއްތަ؟ މިތަނަށް އާއިރު އެކަށްޗެއްވެސްނެތް. މީހުން ވަނުމުގެ ކުރިން ހުރިހާ އެއްޗެއް ވަނީ ވިކިފައި. އަދި ތައްޔާރުކުރި އައިޓަމްތައް އެހާމަދު." ފުޑުފެއާރ އަށް ޒިޔާރަތްކުރި އަންހެނަކު ހިތްހަމަނުޖެހި ހުރެ ބުންޏެވެ. އެހެންކަމުން މިކަމާއިދޭތެރޭގައި މަރުކަޒުގެ ބަހެއްލިބޭތޯ ގުޅާލުމުން މަރުކަޒުގެ އިސްބޭފުޅަކު ވިދާޅުވީ އެގޮތަށް ދިމާވާން ޖެހުނީ ވިއްސާރަ ދުވަހަކަށް ވެފައި ރައްޔަތުންގެ ފަރާތުން އެފަދަ ފުރިހަމަ ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރެވިފައި ނެތުމުންކަމަށެވެ. " މިދުވަސްވަރު މަސްވެރިކަން ދަށްވުމުން ރަށުގެ އާއްމު ހާލަތަށްވެސް ވިސްނާއިގެން އައިޓަމްތައް ތައްޔާރު ކުރީ. މިފަދަ ޝަކު ވާތަކަކީ އަޅުގަނޑުމެންގެ ކުރިޔަށް ހުރި ޕްރޮގުރާމްތައް ރަނގަޅުކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަދި އެފަރާތްތަކުގެކިބައިން ނިހާޔަތަށް މަޢާފަށްވެސް އެދެން." ސައިޓަށް މައުލޫމާތު ދެއްވަމުން ގައްދޫ ސިއްހީ މަރުކަޒުން ވިދާޅުވިއެވެ.



ކޮމެންޓްސް ފުނުއްވާ