ފުރަތަމަ ސަފްހާ | ރިޕޯރޓް | ކުދިންގެ އަޚްލާގީ މިންގަނޑު ހިފެހެއްޓުމުގައި ބެލެނެވެރިންގެ ސަމާލުކަން ވަރަށްބޮޑަށް އިތުރުކުރަން އެބަޖެހެއެވެ.

ކުދިންގެ އަޚްލާގީ މިންގަނޑު ހިފެހެއްޓުމުގައި ބެލެނެވެރިންގެ ސަމާލުކަން ވަރަށްބޮޑަށް އިތުރުކުރަން އެބަޖެހެއެވެ.

ފޮންޓް ސައިޒް: Decrease font Enlarge font
image ގައްދޫގެ ކުޑަކުޑަކުދިން ކޮޅެއް- މިކުދިންނަކީ ގައްދޫގެ މުސްތަގްބަލް އުޖާލާ ކޮށްދޭން ތިބި ކުދިން

ޒުވާނުންގެ އަޚްލާގު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން.

މައިންބަފައިން ނުވަތަ ބެލެނެވެރިއެއްގެ މަސްއޫލިއްޔަތަކީ އޭގައި ވަރަށް ބޮޑު ޒިންމާ ތަކަކާއި ވަރަށް ބޮޑު ގޮންޖެހުން ތަކެއް އެކުލެވޭ ކަމެކެވެ. ފުރާވަރަށް އަރައިގެން އަންނަ ކުދިން ތަކުގެ ފަރާތުން ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަކީ މައިންބަފައިންނަށް މިއަދު ކުރިމަތިވެފައިވާ ވަރަށް ދަތި، އުނދަގޫ މައްސަލައެކެވެ. މިފަދަ މައްސަލަތައް ތަހައްމަލް ކުރަންޖެހިފައިވާ ބެލެނެވެރިން އެމީހުންގެ ދަރިންނަކީ ޒިންމާދާރު ކިޔަމަންތެރި، އަދި މުޖްތަމައު ބަލައިގަންނަފަދަ ސިފަތަކެއް ލިބިފައިވާ ކުދިންތަކަކަށް ބަދަލުވާ ދުވަހެއްގެ އިންތިޒާރުގައި ކެތްތެރިކަމެއްނެތި ދުވަސްތައް ގުނަމުން ގެންދެއެވެ.

ޒަމާން ބަދަލުވެ، ޓެކްނޮލޮޖީގެ ރޮނގުން ލިބިފައިވާ ކުރިއެރުން ތަކުގެ ސަބަބުން ކުދިންނަށް ކުރާނޭދެވޭ އަސަރުތައް ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކުރީގެ ޖީލްތަކާއި ޚިލާފަށް އަދުގެ ކުދިންނަށް ތަޖްރިބާ ކުރަން ޖެހިފައިވާ ކަންތައްތައް ތަފާތެވެ. މީގެ ތެރޭގައި  އޮންލައިންގެ ޒަރީއާއިން ބައްދަލުވާ މީހުންގެ ފަރާތުން ދިމާވާ ކަންތައް ތަކާއި، ކުދިންނާއި ނުގުޅޭ ބަރަހަނާ ވެބްސައިޓްތަކާއި، ބަދުއަޚްލާގީ މަންޒަރު ދައްކައިދޭ ވީޑިއޯތައް ކުރީގެ ޖީލްތައް ތަޖްރިބާ ކުރަން ޖެހިފައެއް ނުވެއެވެ. އަދި މަސްތުވާ ތަކެތީގެ މައްސަލަވެސް މިވަނީ ކުރީގެ ޖީލްތައް ތަޖްރިބާ ކުރަންޖެހިފައިނުވާ  ސީރިއަސް މައްސަލައެއް ކަމަށް ވެފައެވެ. އެހެންކަމުން މިފަދަ ކަންތައްތަކަކީ ކުދިންގެ ވިސްނުމަށާއި އަޚްލާގަށް ބޮޑެތި ބަދަލުތަކެއް އައުމަށް މެދުވެރިވެފައިވާ ކަންތައްތަކެވެ.

ކުދިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އާ ކަންތައްތައް ތަޖުރިބާ ކުރުމަށެވެ. އެކުދިންގެ މިނިވަންކަން ވީހާވެސް ބޮޑަކަށް ފުޅާކުރެވޭތޯއެވެ. އެކުދިންނަށް ހުއްދަކުރެވިފައިވާ ދާއިރާ ވީހާވެސް ފުޅާކުރެވޭތޯއެވެ. އެހެންކަމުން މިކަމާއި ދޭތެރޭގައި ވިސްނުން ބަހައްޓަކައިގެން ކުދިންގެ އަޚްލާގް އެދެވޭ މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި ވިސްނުންތެރި ފިޔަވަޅުތައް އަޅަން ޖެހެއެވެ. މިގޮތުން އަޅާފިޔަވަޅު ތަކަކީ ވީހާވެސް އިންސާފްވެރި ކުދިންގެ ދޭތެރޭގައި ތަފާތު ކުރުމެއްނެތް ހަރުދަނާ ފިޔަވަޅު ތަކެއް ކަމަށް ވާންޖެހެއެވެ.

ކުދިންތަރުބިއްޔަތު ކުރުމުގައި ގެންގުޅެންޖެހޭ އާންމު އުސޫލުތަކެއް ކަނޑައެޅުން ވަރަށްމުހިއްމެވެ. އަދި އެއުސޫލު ތަކަކީ ތަންފީޒުކުރެވޭ ތަފާތުކުރުމެއް ނެތް އުސޫލުތަކަކަށްވެސް ވާންއެބަޖެހެއެވެ. މިކަންތައް ތަކަކީ ޅައުމުރުގައި ކުދިންނަށް ގަބޫލުކުރަން އުނދަގޫ ކަންތައްތަކެއް ކަމުގައިވީ ނަމަވެސް ކުދިން ބޮޑުވެ އެކިދިންނަށް ހެޔޮނުބައި ވިސްނެން ފެށުމުން މިފަދަ ފިޔަވަޅުތަކަކީ އެކުދިންގެ މުސްތަގްބަލަށްޓަކައި މައިންބަފައިން ކޮންމެހެން އަޅަންޖެހޭނެ މުހިއްމު ފިޔަވަޅު ތަކެއް ކަމަށް ގަބޫލްކުރެވޭނެއެވެ.

ރަނގަޅު ތަރުބިއްޔަތު ދިނުމާއި ރީތި އަޚްލާގީ ސިފަތައް ކުދިންނަށް ދަސްކޮށްދިނުމަކީ ކާމިޔާބު މަންމައަކާއި ބައްޕައެއްގެ ޒިންމާއެއްނަމަވެސް މައިންބަފައިންނަކީ ކުދިންގެ އެންމެ ގާތް އެކުވެރިންކަމުގައި ވާން ޖެހެއެވެ. އަދި މީގެ އިތުރުން މައިންބަފައިންނަށް ކުރަންޖެހޭ އިހްތިރާމާއި ގަދަރު އެކުދިންނަށް ދަސްކޮށްދޭންވެސް ޖެހެއެވެ. ކުދިންގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން އެއްޗެހިގޮވައި ތަޅައިހެދުމުގެ ބަދަލުގައި، ކެތްތެރިކަމާއި އެކު އެކުދިންނަށް ނަސޭހަތް ދޭން ޖެހެއެވެ. އަދި ހަމަ އެއާއި އެކު ކުދިންނަށް ދޭ އަދަބަކީ ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާ ނުލިބޭ ބޭނުންތެރި އަދަބު ތަކެއް ކަމުގައިވެސް ވާން ޖެހެއެވެ. ކުއްޖާ އަކީ ކިތަންމެ ބަސްނާހާ ކުއްޖެއް ނަމަވެސް މިގޮތުން ކަނޑައެޅޭ އުސޫލުތަކާއި ދަސްކޮށްދެވޭ ޑިސިޕްލިން ތަކުގެ ސަބަބުން ކުއްޖާ ގެ އުޅުމަށް ބޮޑެތި އަސަރުތަކެއް ކުރުވާނެއެވެ.

ކަނޑައެޅޭ އުސޫލުތަކާއި މިންގަނޑުތަކާއި ޚިލާފްވުމަށް ވީހާވެސް ބޮޑަށް ކުދިން މަސައްކަތް ކުރާނެކަން ދެނެގަނެ ހަމަހަމަ ކަމާއި އިންސާފްވެރިކަމާއި އެކު މިކަންތައް ދަމަހައްޓައި ނުލައިފިނަމަ މިފަދަ ކަންތައްތަކަކީ މުޅިން ބޭކާރު ކަންތައް ކަމަށްވެދެއެވެ. އެހެންކަމުން ކުދިން އަމަލުކުރަންޖެހޭ އަސާސީ އުސޫލުތަކެއް ކަނޑައެޅުމަށްފަހު ދެވޭ އަދަބުތަކާއި ފާހަގަ ކުރެވޭ ރަނގަޅު ކަމެއް ކުރުމުން ދެވެ ހަދިޔާ ތަކަކީ ވަކި ކުއްޖަކާއި ވަކި ހާލަތެއް އިސްތިސްނާ ނުކޮށް ހަމަހަމަ ކަމާއި އެކު ތަންފީޒުކުރެވޭ ކަންތައްތައް ކަމުގައި ވާން ޖެހޭނެއެވެ. މިސާލަކަށް ކުއްޖަކު ރުޅި އައިސްގެން ބާރަށް ދޮރުޖެހުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާނަމަ އެންމެ ފަހަރަކުވެސް ދޮރުބާރަށް ލެއްޕިޔަ ދީގެން ނުވާނެއެވެ. ކުއްޖާ ލަސްވެގެން ރޭގަނޑު 9 ގެ ކުރިން ގެއަށް ވަންނަންޖެހޭނެކަމަށް ކަނޑައަޅާފައިވާނަމަ 9:05 ވުމުން ގެއަށް ވަނުމަކީ މައްސަލައެކެވެ. މިގޮތަށް ވަކި އުސޫލުތަކެއް ހިފެހެއްޓިއްޖެ ކަމަށް ވާނަމަ އޭގެ ހޮޔޮ ފައިދާ ކުދިންނަށް ލިބިގެންދާނެއެވެ.

މުޖްތަމައުގައި މިހާރުހުރި ގިނަ މައްސަލަތަކަކީ ބެލެނެވެރިންގެ ވަރަށް ބޮޑު އިހުމާލެއްގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކެއް ކަމުގައި ގަބޫލު ކުރެވެއެވެ. އެހެންކަމުން މިފަދަ ކަންތައްތައް ހައްލުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް ނޭޅިއްޖެނަމަ ކުދިންނަށްޓަކައި މައިންބަފައިން ކުރަމުންދާ ބުރަ މަސައްކަތުގެ ފައިދާ ނުލިބި ކުދިން ގެ މުސްތަގްބަލް ހަލާކުވުމަކީ އެންމެ ގާތުގައިވާ ކަންތަކެވެ.

 

އެޑް ކުރޭ : Add to your del.icio.us del.icio.us | Digg this story Digg

ކޮމެންޓްސް (3 ލިބިއްޖެ):

ނީރު   25 July, 2008 06:22:35
avatar
ގައްދޫއަށް އެންމެފަހުން ދެވުނީ 2005 ވަނަ އަހަރު 3 ދުވަހަކަށް... އަސްލު އެންމެބޮޑަށް ދެރަވި އެއްމައްސަލާގެ ވާހަކައެއް ލިޔުންތެރިޔާ ތިނެންގެވީ... އާދެ. ތުއްޕުޅުކުދިންނަކީ ނުހަނު ލޯތްބާއި އޯގާތެރިކަން ބޭނުންވާ ބައެއް.. އެކުދިން ކައިރިކޮށްލާފައި ދެލޮލަށް ބަލާލުމުން މީގެ އެތަކެއް ހަގީގަތެއް އެގިވަޑައިގަންނަވާނެ. އެމީހުންނަށް ބޭނުންވަނީ ލޯބި.. އަރާމް.. އުފާ .... މިނޫން ކަންތައް ތަކުން ކުދިން ދުރުކޮށް ތެދު ބަހުން ކުދިންނާއި މުޚާތަބުކުރެވި ފުރާ ވަރަށް އަރާ ކޮންމެ ކުއްޖަކީވެސް މައިންބަފައިން އެދޭވަރަށްވުރެވެސް ބޮޑެތި ކާމިޔާބީތަށް ހަސިލްކުރާނެ ކުދިން...ދުނިޔެ އާބާދުކުރާނެ އިންސާނުން .....
0
  17 August, 2008 11:22:46
avatar
އަސްލު މިފަދަ ލިޔުންތަކުން ވަރަށް ގިނަ އިބްރަތްތަކެއް ޙާޞިލްވާނެ. ނަމަވެސް ދަރިން ތަރުބިއްޔަތުކުރުމުގައި ހަމައެކަނި ބެލެނެވެރިންގެ ދައުރު އޮތެއްކަމަކު އެއީ ނުވާނެކަމެއް. މިހާރަކަށް އައިސް ސްކޫލުން ކުދިންނަށް ފެންނަ މަންޒަރުތަކާ ސްކޫލުން ފަރުވާ ކުޑަކުރެވޭ ކަންތައްތަކުގެ ސަބަބުން ގިނަކުދިން ނުބައި މަގަށް އެނބުރޭ. ދުވާލު ގިނަ ވަގުތު ސްކޫލުގައި ހޭދަކުރާއިރު ބެލެނެވެރިޔާއަށް ނޫނީ މައިންބަފައިންނަށް ސްކޫލާއި އެ ޙަވާލުކުރެވެނީ ވަރަށް ބޮޑު އަމާނާތެއް، ސްކޫލުން ކުއްޖާ ގޯސްކޮށް އުޅޭނަމަ ނަސޭޙަތްތެރި ވާންވާނެ، އަދި އެގޮތުން ހައްލު ނުލިބިއްޖެނަމަ ދެން އަޅަންވާ ފިޔަވަޅެއްވެސް އަޅަންވާނެ.
0
  17 August, 2008 11:35:32
avatar
އަޅުގަނޑުމެންނަކީވެސް ގދ. އަތޮޅު މަދަރުސާއިން ތަޢުލީމް ޙާސިލްކުރި ދަރިވަރުން. އޭރު ކިޔަވަންތިބި ކުދިންގެ އުމުރާ ކުދިންގެ ބިޔަކަމާ އިސްކޮޅު މިހާރުގެ ކުދިންނާ އަޅާ ކިޔާލެވޭ ވަރެއްވެސް ނޫން. އެކަމަކު އޭރު ސްކޫލް މެނޭޖްމަންޓަށް އަދި ޚާއްސަކޮށް ލޯކަލް ޓީޗަރުންނަށް ކަމޭހިތާ . އަހަރުމެން މިހާރުވެސް އެމީހުންނަށް ޖެހިލުންވޭ. އެކަމަކު އެއާ ޚިލާފަށް މިއަދު މިފެންނަނީ ކުޑަކުދިންތަކެއް އެއްވެސްކަހަލަ އަދަބެއް ސަދަބެއް ނެތިފަ ތިބޭތަން. މިކަމުގަ ސްކޫލުގެ މެނޭޖްމަންޓް ވަރަށް ކުއްވެރިކުރަން. މެނޭޖްމަންޓުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގައި މައިންބަފައިންނަށް އަދި ކުއްޖާގެ އާރާއި ބާރާއި ނުފޫޒަށް ބަލާކަށްނުޖެހޭ. ތެދެއްމެ އަހަރުމެން ކިޔެވިއިރު ސްކޫލް ވަރަށް އާދައިގެ. ފިލާޖަހާ ހަދާފައިވާ ކްލާހެއްގައި ކިޔެވި ހަނދާންވެސްވޭ. ނަމަވެސް އުމްރާނީގޮތުން ގެނެވިފައިވާ ތަރައްޤީގެ ބޭނުމެއް ނުވިސްނޭ. ތަނުގެ ވެރިޔަކަށް ހުރެގެން ކުއްޖާ ކުށެއް ކޮށްގެން އަންނައިރަށް ބުރަކަށީ ފިރުމާލާފަ ކޮއްކޯއޭ ދެން ތިގޮތަށް ނޫޅޭށޭ ބުނެފަ ނިންމާލަނީ. އެންމެ ފަހުން ޓީޗަރެއްގެ މައްސަލާގައި އޭ.ޕީ ކުރިމަތީގައި ދަރިވަރުންގަދަވެގަނެ ތިބެ ދެއްކިވާހަކަތައް އަހަރުމެން ދެރަވާންޖެހޭ. މީ ބެލެވެރިން ފުންކޮށް ވިސްނަންވީ ކަމެއް. (ހށނ)
0

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
4.00