ގައްދޫގައި ވޯޓްގަނޑެއްގެ އަގު ރަނަށްވެފައި
ވޯޓްގަނޑެއް މިހާރު އުޅެނީ 1500 އާއި 3000 އާއި ދެމެދުގެ އަގެއްގައި ކަމަށްބެލެވޭ.
މިފަހަކަށް އައިސް ހުވަދު އަތޮޅުގައި ވޯޓް ހޯދުމަށް ކެމްޕެއިން ކުރަމުންދާ ބައެއް ކެންޑިޑޭޓުން ތާއީދުހޯއްދެވުމުގެ ގޮތުން އެބޭފުޅުންގެ ގާބިލްކަން ރައްޔިތުންނަށް ވިއްކެވުމުގެ ބަދަލުގައި ފައިސާއިން ވޯޓް ގަނެލުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. މިގޮތުން ގައްވާދޫ ސަރަހައްދުގައި މިވަގުތު ވޯޓްގަނޑެއްގެ އަގު އުޅެނީ ބެލެވޭގޮތުގައި 1500 އާއި 3000 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. މީގެ އިތުރުން ބައެއްފަރާތްތަކަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ކޮށްދިނުމާއި އަދި މިނޫންވެސް ބޮޑެތި ހޭދަތައްކުރަމުންގެންދާ ކަމަށް ޚަބަރުލިބިފައިވެއެވެ. އެހެންކަމުން ޖުމްލަގޮތެއްގައި ބަލާއިރު މިއަދަދު އުޅެނީ ނިސްބަތުން މިއަށްވުރެވެސް މަތީގައެވެ.
މާލީގޮތުން ތަނަވަސްކަން ނެތް ފަރާތްތަކުގެ ނާޖާއިޒް ފާއިދާ ނަގައިގެން މިގޮތަށް ކެންޑިޑޭޓުންގެ އަމަލްތައް ބެހެއްޓުމަކީ ވަރަށް ދެރަމައްސަލައެކެވެ. މިއިން ދައްކައިދެނީ ރައްޔިތުންނަށްޓަކައި އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަމެވެ. މިއަދު ކޮންމެ އާއިލާއެއްގައިވެސް ހޭލުންތެރި ޒުވާނުން އެބަތިއްބެވެ. އެހެންކަމުން މިއާދަ ބަދަލުކޮށްލުމަށްޓަކައި މިފަދަ ޒުވާނުން ތެދުވާންޖެހިއްޖެއެވެ. ފައިސާއިން ވޯޓް ގަނެލުމުގެ ހިތި ރަހަ އަޅުގަނޑުމެން ތަޖުރިބާ ކޮށް، އެރަހަ އަޅުގަނޑުމެންގެ ކަރުބުޑުގައިވަނީ ލާފައެވެ. އެހެންކަމުން މަޖިލީހުގައި ރައްޔިތުންނަށް ޓަކައި ވަކާލާތު ކޮށްދޭނެ ރައްޔިތުންގެ މަންދޫބުން ހޮވުމުގެ ވަގުތު މިހާރުވަނީ ޖެހިފައެވެ.
ގިނައަދަދަކަށް ފައިސާޚަރަދުކޮށްގެން އިންތިޚާބް ކާމިޔާބްކުރުމަށްފަހު މިހާރު މިއޮތީކެޔޮގަނޑު ކަނޑާލެވިފައޭ، ދެން ގަހުގެ ބޭނުމެއްނެތޭ ދެވަނަ ފަހަރަކަށް ބުނާ އަޑު އަހާކަށް އަޅުގަނޑުމެން ބޭނުމެއް ނޫނެވެ. އަދި ހަމައެއާއި އެކު އިންތިޚާބްގެ ކަންތައްތައް ނިމުމުން މާލެ އަންނާށޭ ބުނެ އަމިއްލައަށް ޚަރަދުކޮށްގެން ކެންޑިޑޭޓްގެ ކައިރިއަށް ދިޔުމުން މިހާރު ތިޔަ އެދުނު ކަމެއް ކޮށްދެވެން ނެތޭ ބުނެ ޖަވާބު ދިނުމުން އަމިއްލަ ނަފްސް ލަދުވެތިކަމުގެ ތެރެއަށް ވައްޓާލުމަށް ވެސް އަޅުގަނޑުމެން ބޭނުމެއްނުވެއެވެ. ކޮންމެ މީހަކީވެސް އަތުގައި ފައިސާ ނެތަސް އެމީހެއްގެ ގަދަރު ވައްޓާނުލާހާ ހިނދަކު އަބުރުވެރިއެކެވެ. އެހެންކަމުން ރައްޔިތުންގެ ބައެއް މީހުން ފައިސާ އަތުލައިގެން އެމީހަކު އިންތިޚާބް ކުރިއަސް ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ހުރިހާ ހިނދަކު އެމީހަކީ ރައްޔިތުންގެ ޚާދިމެކެވެ. އިންތިޚާބް ކާމިޔާބްކުރި ކެންޑިޑޭޓަކަށް އިޚްލާސްތެރިވޯޓްތައް ދިންފަރާތްތައްވެސް ހަމަޔަގީނުންވެސް އުޅޭނެއެވެ. އެހެންކަމުން ރައްޔިތުންނާއި ދޭތެރޭގައި މިފަދަ އިހާނާތްތެރި ގޮތަށް މުއާމަލާތް ކޮށްފައިވާ ފަރާތްތަށް މިފަހަރު ފުރުސަތު ދިނުމުގައި ވަރަށްބޮޑަށް ވިސްނަން އެބަޖެހެއެވެ. މިތަޖުރިބާ އަލުން އިއާދަވާކަށް ހަމައެކަކުވެސް ބޭނުމެއްނުވާނެކަން ހަމަޔަގީނެވެ.
މާޒީގައި އަޅުގަނޑުމެންވާނީ ފައިސާއަކީ ހުރިހާވެސް އެއްޗެއްނޫންކަން ދައްކާދީފައެވެ. އެހެންކަމުން މިފަހަރު ލާރިދިންކަމުގައި ވިޔަސް އެލާރިއަކީ ވޯޓަށް ނުފޫޒްފޯރުވޭނެ އެއްޗަކަށް ވިޔަދީގެން ނުވާނެއެވެ. ދޭލާރިއާއި އެމީހާ ދޭވޯޓަކީ މުޅިން ތަފާތު އެއްޗެއް ކަމުގައި ހަދަމާ ހިނގާށެވެ. މުއްސަނދިންގެ ފައިސާގައި ނިކަމެތިންގެ ހައްގުތަކެއްވެއެވެ. އެހެންކަމުން ފާގީރުންނަށް ދިއްކޮށްލެވޭ އަތުގައި އޭގެ ބަދަލެއްގެ ގޮތުންއެމީހަކަށް ވޯޓްދޭންޖެހޭނެކަމަށް ޝަރުތުވެވިގެން ނުވާނެއެވެ. އެއްވެސް މީހެއްގެ ވޯޓް ދިނުމުގެ ހައްގު އެއްވެސް ނުފޫޒެއް ބޭނުންކޮށްގެން ހޯދައިގަތުމަކީ ގާނޫނާއި ޚިލާފް އަމަލެއްކަން ހަނދާނުގައި އަބަދުވެސް ބަހައްޓަންވާނެއެވެ.
މިދިޔަ އިންތިޚާބްގައި ބައެއް ކެންޑިޑޭޓުން އަޅުގަނޑުނެނަށް ދެއްކި ހުވަފެންތައް ހަގީގަތަކަށްވިތޯއެވެ. އަޅުގަނޑުމެންނަށް ދޮގު ވައުދުތަކާއި އަހުދު ތަކެއް ވުމަށްފަހު އެއިން އެއްވެސް ކަމެއް މިއަދާއި ހަމައަށްވެސް ފުއްދައިދިން ތޯއެވެ. އަޅުގަނޑުމެންނަށް ވައުދުވި ހަނދާނީ ބިނާކޮބައިތޯއެވެ. މަސްފެކްޓަރީ ކޮބައިތޯއެވެ. އައިސްޕްލާންޓް ކޮބައިތޯއެވެ. ލީގަލް އޮފީސް ކޮބައިތޯއެވެ. މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި އުފުލި އަޑު ކޮބައިތޯއެވެ. ނޫންނަމަ މިއަދާއި ހަމައަށް ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ދާއިމީ ގޮތެއްގައި ލިބޭނެ އެއްވެސް ކަމެއް ފެންނަން އެބައޮތްތޯއެވެ.
އަޅުގަނޑު ހުރިހާ އާއިލާއެއްގައިވެސް ތިބިހަރުދަނާ ބޭފުޅުންނަށް މިގޮވާލަނީ އެބޭފުޅުންގެ ސިކުނޑީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށްގެން އެބޭފުޅުންގެ އާއިލާގެ ބޭފުޅުންނަށް ހެޔޮގޮތް ވިސްނުވައި ދިނުމަށެވެ. އެއްވެސް ބައަކަށް އަޅުދާސްތުނުވެ އެއްވެސް ބައެއްގެ ކައިރިން ސަލާންނުޖަހައި އަޅުގަނޑުމެންގެ ވޯޓް އަޅުގަނޑުމެންގެ ހިތްއެދޭ އަޅުގަނޑުމެންނަށް އެންމެ ގާބިލްކަމަށްފެންނަ ފަރާތްތަކަށް މިފަހަރުވޯޓް ދެމާ ހިނގާށެވެ. އަޅުގަނޑުމެންގެ މުސްތަގްބަލް އުޖާލާވާނީ މިފަދަ ކަސްތޮޅުތަކުން އަޅުގަނޑުމެން މިންޖުވެ އަޅުގަނޑުމެންގެ އަމިއްލަ މުސްތަގްބަލާއި ދޭތެރޭގައި ވިސްނަންފެއްޓި ދުވަހަކުންނެވެ.



މިދާއިރާގެ އެނަލިސްޓެއް
ކޮމެންޓްސް ފުނުއްވާ