ލޯކަލް ގަވަރންމެންޓް ނިޒާމް ދަށުން މުއައްސަސާތައް ގާއިމްކުރާއިރު ހަމަހަމަ އުސޫލެއް ގެންގުޅެން ޖެހެއެވެ.
ވިލިނގިލީގައި ޔުޓިލިޓީޒް ކުންފުނި ހަދާއިރު ތިނަދޫގައި ހަދާގޮތަށް ވާހަކަދެކެވެމުންދަނީ ޕްރޮވިންޝަލް އޮފީސް
އާގާނޫނު އަސާސީ ގައި ބަޔާންވެގެންވާގޮތުގެ މަތިން ލޯކަލް ގަވަރންމެންޓް ނިޒާމް ތައާރަފްވެ އަތޮޅުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގައި އެކިއެކި މުއައްސަސާތައް ގާއިމްކުރާއިރު މިރަށްތަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހެއެވެ. މިގޮތުން ހުވަދު އަތޮޅުގައި މައިގަނޑުގޮތެއްގައި ތަރައްގީ ކުރާގޮތަށް ހަމަޖެހިފައިވަނީ 4 ރަށެކެވެ. އެއީ ތިނަދޫ، ގައްދޫ، ވިލިނގިލި އަދި ދާންދޫއެވެ.
މަތިދެކުނު ޕްރޮވިންސްގެ ސްޓޭޓްމިނިސްޓަރ ކަމަށާއި ނައިބުން އަދި މިހާތަނަށް އައްޔަންވެފައި ނެތްކަމުގައި ވީނަމަވެސް އެޕްރޮވިންސަށް ބޭނުންވާ ކަރަންޓާއި ފެނާއި ގޭސް ފޯރުކޮށްދެއްވުމަށްޓަކައި އަޕަރ ސައުތު ޔުޓިލިޓީޒް ކުންފުނީގެ ނަމުގައި މިހާތަނަށް ކުންފުންޏެއް ވަނީ އުފައްދާފައެވެ. ޚަބަރުލިބިފައިވާ ގޮތުގައި މިކުންފުނީގެ މައިމަރުކަޒު ހަދާގޮތަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގައެވެ. މީގެ އިތުރަށް ޕްރޮވިންޝަން އޮފީސް ގާއިމްކުރާގޮތަށް ބޮޑަށް ވާހަކަ ދެކެވެމުންދަނީ ގދ. ތިނަދޫގައެވެ. އެހެންކަމުން ގައްދޫގައިވެސް މިފަދަ މުވައްސަސާއެއް ގާއިމް ކުރަން ޖެހޭނެކަމަށް ގައްދޫ ރައްޔިތުން ގަބޫލުކުރެއެވެ.
މިހާތަނަށްވެސް ސަރުކާރުގެ ސިޔާސަތަކަށް ވެފައިވަނީ އެއްތަނެއްގައި ހުރިހާ ވަސީލަތެއް ގާއިމް ކުރުމުގެ ވިސްނުމެވެ. އެހެންކަމުން ކިރިޔާވެސް ކަމެއްވާއިރަށް ގއ. ގދ. ގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ދާންޖެހިފައިމިވަނީ ވެރިކަންކުރާ ދެރަށްކަމުގައިވާ ތިނަދުއާއި ވިލިގިއްޔަށެވެ. މިއީ މިކަން އޮންނަންޖެހޭ ގޮތްކަމުގައި އަޅުގަނޑުމެންނަށް ނުބެލެވެއެވެ. ހުވަދުއަތޮޅަކީ މުޅިރާއްޖެއިންވެސް އެންމެ ބޮޑު އަތޮޅަށްވެފައި ކިރިޔާވެސް ކަމެއްވާ އިރަށް ގައްދޫ ސަރަހައްދުގައި ތިބޭ މީހުން ފުރައިގެން މިދެރަށަށް ދިޔުމަކީ ވަރަށް އުނދަގޫ މައްސަލައެކެވެ. އެހެންކަމުން ކުޑަކުޑަކަމެއް ދިމާވުމުން އެކަމަކަށް ކުރަންޖެހޭ ހޭދަ އެތައްގުނައަކަށް މަތިވެގެން ދެއެވެ.
އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ގައްދޫގައި މިފަދަ ވަސީލަތްތައް ގާއިމްވެފައިވާނަމަ މިސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް ވަރަށްބޮޑު ލުޔެއް ލިބިގެން ދާނެއެވެ.
ވަސީލަތްތައް ގާއިމްކުރަންވާނީ އަތޮޅުގެ ހުރިހާ ސަރަހައްދެއްގެ މީހުންނަށްވެސް ފަސޭހަ ގޮތެއްގައި އެޚިދުމަތްތަކެއް ލިބޭނެގޮތެއްގެ މައްޗަށް ބިނާކޮށެވެ. ހަމައެކަނި ވަކިބަޔަކަށް ފަސޭހަވާގޮތަކަށް ކަންކަން ބިނާކުރުމަކީ ހަމަޖެހޭކަމަކަށް ނުވާނެއެވެ.
ގައްދޫ ސަރަހައްދަކީ ޓޫރިޒަމް އާއި އެނޫންގޮތަށް ބަލާއިރުވެސް މުސްތަގްބަލްގައި ވަރަށް ވަރުގަދަ ސަރަހައްދެއް ކަމުގައި ވާނެއެވެ. އެހެންކަމުން މިސަރަހައްދުގައި ދިރިއުޅޭފަރާތްތަކަށްވެސް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެހި ގައްދޫގެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް މިސަރަހައްދަށް ބައެއް ޚިދުމަތްތައް ލިބިގަތުމަށްޓަކައި ދާ އުސޫލުން ތިނަދޫ ވިލިނގިލި ސަރައްދުގައި ދިރިއުޅޭ ރައްޔިތުންވެސް ބައެއް ޚިދުމަތްތައް ލިބިގަތުމަށްޓަކައި ގައްދޫގެ ސަރަހައްދަށް އަންނަންޖެހޭގޮތަށް ކަންކަން ބައްޓަންވެފައި އޮންނަންވާނެއެވެ. އެހެންނޫންކަމަށްވާނަމަ މިނިޒާމް އަދިވެސް ބިނާވެފައި އޮންނާނީ ހަމައެކަނި ވަކިބަޔަކަށް ލުއިފަސޭހަވާ އުސޫލުންނެވެ.
އެހެންކަމުން މަތި ދެކުނު ޕްރޮވިންސް ގައި ގާއިމްކުރާ މުއައްސަސާތައް ގާއިމްކުރުމުގައި ސަރުކާރުން މިފަދަކަންކަމަށް ބައްލަވާނެ ކަމަށް ގައްދޫ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތައް އުންމީދު ކުރައްވައެވެ. މިފަދަ ގޮތްތަކެއް ގާއިމްވެގެން ދިއުމަކީ ގައްދޫ ސަރަހައްދުގެ ރައްޔިތުންއެދޭކަމެއްކަމަށްވާތީވެ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ބޭނުންވެއެވެ.



ކޮމެންޓްސް ފުނުއްވާ