ފުރަތަމަ ސަފްހާ | ރިޕޯރޓް | ޒުވާނުންނާއި ޤައުމުގެ ކުރިމަގު

ޒުވާނުންނާއި ޤައުމުގެ ކުރިމަގު

ފޮންޓް ސައިޒް: Decrease font Enlarge font

އިސްލާމީ ރިވެތި އުސޫލު އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދާއިރު މިކަމުގައި ޒިންމާވާނީ ކޮންބައެއްބާ؟

ޒުވާނުންނަކީ ޤައުމުގެ އެންމެ އަގުބޮޑު ރައުސްމާލެވެ. ޤައުމެއް ކުރިއަރައި ދިއުމާއި ތަރައްޤީވުން ބިނާވެފައިވަނީ ޒުވާނުންގެ ހުނަރާއި، ސުލޫކާއި އަދި އެމީހުންގެ ހަރުދަނާކަމުގެ މައްޗަށެވެ. އެމީހުންގެ އަޚުލާގައި އުޅުމާއި ސުލޫކުގެ މައްޗަށެވެ. ޤައުމުގެ މުސްތަޤުބަލާމެދު ކުރެވޭ އުންމީދުތަކުގެ ހަޤީޤީ މޭސްތިރީންނަކީ އެޤައުމެއްގެ ޒުވާނުންނެވެ. މިހެންކަމުން އިސްލާމްދީނުގައި ޒުވާނުންނަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއްދީ، ހަރުދަނާ ޤާބިލް ބަޔަކަށް ހެދުމަށް ބާރު އަޅުއްވާފައި ވެއެވެ. އަދި އަޅުގަނޑުމެންގެ ސްކޫލްތަކުން ހަރުދަނާގޮތެއްގައި އިސްލާމީ ތަރުބިއްޔަތު ހަރުދަނާކުރަން އެބަޖެހެ އެވެ. އަދި ސަރުކާރުންވެސް މިކަންތަކަށް ފުންކޮށް ވިސްނަވައި އިސްލާމީ ތަރުބިއްޔަތުގެ އޮނިގަޑެއް ރާވައި އެ ތަންފީޒު ކުރަން އެބަޖެހެއެވެ. ހަރުދަނާ އީމާންތެރި ޒުވާނުންނަކީ އެމީހުންގެ ނަފްސާއި މުދަލުންވެސް ދީނާއި ޤައުމަށްޓަކާއި ޤުރުބާންވާނެ ބައެކެވެ. ދީން ހިމާޔަތްކޮށް، ދީނަށް ނަސްރުދީ އަދި މުޖުތަޢުގައި ދިމާވާ ކޮންމެ ނުރައްކާތެރި ވަގުތެއްގައި އިސްސަފުގައި ތިބޭނެފަދަ ހަރުދަނާ ޒުވާނުންނަށް ވާން އެބަޖެހޭ އެވެ. ﷲ ގެ ވަޙީގެ ބަސްފިޅުގާވެސް މިފަދަ ޒުވާނުންގެ ވާހަކަ ސާފް އިބާރާތުން އައިސްފައި ވެއެވެ. ކަހުފު ސޫރަތުގެ 13 ވަނަ އާޔަތުގެ މާނާގައި ވަނީ " ހަމަކަށަވަރުން އެބައިމީހުންނަކީ އެބައިމީހުންގެ ވެރި ރަސްކަލާނގެ އަށް އީމާންވެ،  އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ތެދުމަގު އިތުރު ކުރެއްވި ޒުވާނުންތަކެކެވެ." މިއީ އިލާހީ ބަސްފުޅުކަން ދަނެ މިއަދު މިބަސްފުޅަށް އަމަލު ކުރަމުން ދަނީ އަޅުގަނޑުމެންގެ ތެރއިން ކިތައް ޒުވާނުންތޯ ވިސްނާލަން އެބަޖެހެ އެވެ.

އިސްލާމްދީނުގެ މަތިވެރި ކަލިމަ ފެތުރިގެން ދިޔަ ދުވަސްވަރު މުސްލިމް ޒުވާނުންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިދީން ފެތުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ތައުހީދުގެ ދިދަ ވިހުރުވާލައި ހިދާޔަތުގެ ނޫރު ފެތުރުމަށްޓަކައި ޒުވާނުން ވަނީ މަތިވެރި ޤުރުބާނީ ތަކެއް ވެފައެވެ. މިއަދު ގިނަ ޒުވާނުންދަނީ ކުޅިވަރާއި ޝަހުވާނީ ކަންތައްތަކުގައި ވަޤުތުތައްހޭދަކުރަމުން ނެވެ. މާތް ﷲ އާއި އާޚިރަތް ދުވަހުގެ މަތިން ހަނދާންނައްތާލައި، ހުރިހާވެސް އެއްޗަކީ މި ހުވަފެނީ ދުނިޔެކަމަށް ދެކެމުންނެވެ. އެމީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކެއް ވާކަން ޤަބޫލެއްނުކުރެއެވެ. އެމީހުންގެ ކޮނޑުގައި ޒިންމާތަކަކާއި ވާޖިބުތަކެއް އެޅިފައިވާކަމެއް ނުދަނެއެވެ. މިފަދަމީހުންގެ ވާހަކަވެސް ޤުރުއާނުން އެނގެން އެބަ އޮތެވެ. " އެމީހުންނަށް ހިތްތަކެއް ވެއެވެ. ނަމަވެސް އެ ހިތްތަކުން އެއްޗެއް ނުވިސްނެއެވެ. އަދި އެމީހުންނަށް ލޯތަކެއްވެއެވެ. ނަމަވެސް އެލޯތަކަކުން އެމީހުންނަކަށް ނުފެނެއެވެ. އަދި އެމީހުންނަށް ކަންފަތްތަކެއްވެއެވެ. ނަމަވެސް އެމީހުންނަށް އެކަންފަތްތަކަކުން އަޑެއްނީވެއެވެ. އެބައިމީހުން ނަޢަމު ސޫފިތަކެއްފަދައެވެ. އަދި ކީއްހެއްޔެވެ. އެތަކެއްޗަށްވުރެންވެސް ބޮޑަށް އެމީހުންވަނީ މަގުފުރެދިފައެވެ."  ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އިސްލާމީ ވަހުދަތު ތަރައްޤީކުރުމުގައި ޒުވާނުންގެ ދައުރަކީ މިފަދަ މުހިންމު ދައުރަކަށްވީހިނދު އަޅުގަނޑުމެންގެ ޤައުމުގެ ޒުވާނުންގެ ޙާލަކީ ކޮބައިތޯ ބަލާލަންޖެހޭއެވެ. އެމީހުންގެ ތަރުބިއްޔަތާއި ވިސްނުމުގެ މިސްރާބު ހުރިގޮތް ވަޒަން ކުރެވޭބާވައެވެ. މިއަދުގެ ޒުވާނުންނަކީ ކުރިމަގު އުޖާލާކޮށް ސަލާމަތުގެ އައްސޭރިއާ ހަމައަށް މިދިވެހި މުޖުތަމައު ގެންގޮސް ދެވޭނެފަދަ ބައެއްތޯ ސުވާލު ކޮށްލުން މުހިންމެވެ. ޤައުމުގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންކަމަށްވީހިނދު ދީނާއި ދުރުވެ ރިވެތި އަޚުލާޤީ ސިފަތަކުން މި ޒުވާނުންވަނީ ދުރުހެލިވެފައެވެ. އަދި މާތް ﷲ ހަރާމް ކުރައްވާފައިވާ ވައްކަމާއި، ފޭރުމާއި، ގަތުލު ހިންގުމާއި، މަސްތުވާ ތަކެތީގެ ޝިކާރައަކަށް މިއަދުގެ ޒުވާނުންވަނީ ވެފައެވެ. މިއަދު ޖަލުތަކުގެ ތޭރިތަކުގެތެރޭގައި އުމުރުގެ ދުވަސްތައް ހޭދަކުރަމުންދާ ގިނަ ބަޔަކީ މިގައުމުގެ ޒުވާނުންނެވެ. ކުރިމަގުގައި ޤައުމު ބިނާކުރުމުގެ ޒިންމާ އުފުލަންއޮތް ޖީލެވެ. މިފަދަ ޒުވާނުން އެހާ ދަށު ދަރަޖައަކަށް ވެއްޓި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމުގެ ސަބަބަކީ ކޮބައިބާވައެވެ. މިކަމުގައި ޒިންމާވާންޖެހޭ ފަރަތެއްވޭބާވައެވެ.؟ މިއީ ސަރުކާރުގެ ޒިންމާއެއްތޯ، ނޫނީ މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާއެއްތޯއެވެ؟ މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުންނާއިމެދު ސަރުކާރުވަނީ ގޮތްހުސްވެފައެވެ. ޝަރުއީ ނިޒާމްވަނީ "އިނދަ ޖެހިފައެވެ. ކުއްވެރިން އެއްދޮރުން ވައްދާފައި އަނެއްދޮރުން ނެރެ ދޫކޮށްލުން މިހާރު ވަނީ އާދައަކަށް ވެފައެވެ. އަދި މިކަމުގައި މައިންބަފައިންގެ ޒިންމާވެސް ވަކި ކުޑައެއްނޫނެވެ. އެމީހުންގެ ބަހަކީ ދަރީން ބަސްނާހަނީއެވެ. ބުނާބަސް ޤަބޫލް ނުކުރަނީއެވެ. މިހެން ބުނާއިރު ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން އިހުމާލު ވެފައިވާމިންވަރު ހާމަވެ އެނގެއެވެ. މިއީ ގަބޫލު ކުރެވޭ ޖަވާބެއްނޫނެވެ.

ފިރިހެނުން އެއްޖިންސުން ގުޅުން ހިންގަމުންދާއިރު ބައްޕަ އުފަން ދަރިފުޅާއެކު ގުޅުން ހިންގަނީއެވެ. ދޮންބައްޕަ ދޮންދަރިފުޅާއެކު ގުޅުންހިންގާއިރު އަންހެނުން އަންހެނުންނާއެކު ގުޅުން ހިންގަނީ އެވެ. މިހިރީ ހައްތާވެސް ﷲ ގެ ކޯފާ ހައްޤު ކަންތައްތަކެވެ. ރަސޫލު ސައްލައްﷲ އަލައިހި ވަސައްލަމްގެ ހަދީސްފުޅެއްގެ މާނާގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެމީހަކާވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހަކާއިމެދު ސުވާލުކުރެވޭނެއެވެ." އާދެ! އަޅުގަނޑުމެންގެ ތެރެއިން މައިންބަފައިންނާއި އަނބިދަރިން ބެލެހެއްޓުމުގައި ޒިންމާދާރުވަނީ ކިތައްޒުވާނުންތޯއެވެ؟  އެހެންކަމުން މިފަދަ ހަދީސްފުޅުތަކުން އަޅުގަނޑުމެން އިބުރަތް ހާސިލު ކުރަން ނުޖެހޭބާވައެވެ.؟

އާދެ! މިއަދު ވިސްނާލަންވީ ކަމަކީ އަޅުގަނޑު މެންގެ ކާބަފައިން އަޅުގަނޑު މެންނާއި ހަމައަށް ގެނަސްދެއްވާފައިވާ އިސްލާމީ ރިވެތި ބިންގަލުގެ މަތީގައި މިއަދުގެ ޒުވާންޖީލު ބައްޓަން ކުރެވުނުނަމަ ގައުމުގެ ޒުވާނުން ﷲ ހަރާމްކުރެއްވި ކަންތައްތަކުގެ އަވާގައިޖެހި އުމުރުގެ ދުވަސްތައް ހުރަގޭގައި ތިބޭން ނުޖެހުނީސްކަން ކަށަވަރެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  25 February, 2009 02:09:10
avatar
ވަރަށްވެސް ރަނގަޅު ލިޔުމެއް. ޒުވާނުންގެ ހާލަތު މިއަދުހުރީ ވަރަށް ދަށު ދަރަޖައެއްގައި. މިކަމުގައި މައިންބަފައިންގެ އިހުމާލު ވަރަށްވެސް ބޮޑު. އަޅުގަނޑުމެންގެ ހާލަތު މިހާދަށުދަރަޖައަކަށް ވެއްޓިފައިވާއިރު އަޅުގަނޑުމެންނަށް ކޯފާއެއް އަންނާނީ ކޮންއިރަކު ކަމެއްވެސް ނޭނގޭ. ﷲ އަށް ބިރުވެތިވެ އާޚިރަތްދުވަސް މަތިން ހަނދާންވާނީ ކޮންއިރަކުބާ؟
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
1.00