ގަމުގެ އޮޅުއަލަ- ތަދުމަޑުކަމުގެ ދުވަސްވަރުގައި ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކޮށްދީފައިވޭ.
ގަމުގެ އޮޅުއަލައަކީ ޒަމާނުއްސުރެންފަށައިގެން ގައްދޫ ރައްޔިތުންނަށް އެންމެ މީރު އެންމެ ރަނގަޅު ކެއުން.
ގައްދޫގެ ދަނޑުވެރިން ޒަމާނުއްސުރެން ފެށިގެން ކެއިންބުއިމަށްޓަކައި ކުރާ މައިގަނޑު އެއް މަސައްކަތަކީ ދަނޑުވެރިކަމުގެ މަސައްކަތެވެ. ގދ. ގަމުގައި އޮޅުއަލަ ހައްދައިގެން އެއިން ނަފާހޯދައި ދަރިން ބަލައި ބޮޑުކޮށްފައިވާ އާއިލާތައް ނުހަނު ގިނައެވެ. އޮޅުއަލައިގެ އިތުރަށް ތަފާތު އެތައް ވައްތަރެއްގެ ބާވަތްތަކެއް ފުޅާ ދާއިރާ އެއްގައި ނޫންނަމަވެސް އަބަދުވެސް ގަމުގައި ހައްދަމުން ގެންދެއެވެ.
"ގަން" މި ބަހުގެ އަސްލު އައިސްފައިވަނީ ސަންސްކުރިތު ބަހުން "ގްރަމާ" އެވެ. މާނައަކީ "ވިލެޖް" ނުވަތަ ރަށްފުށު ހިސާބެވެ. ގަމަކީ ކުރިން މީހުން އުޅުނު ރަށެއް ކަމުގައި ވީނަމަވެސް 18 ވަނަ ގަރުނުގެ ފަހުކޮޅުގައި އައި ބަލިމަޑުކަމެއްގެ ސަބަބުން ގަމުގެ މީހުން ނެތިގެންދިޔައެވެ. ގަމުގެ އާއިލާގެ އެއްވެސް މީހަކު ރާއްޖޭގެ އެއްވެސް ރަށެއްގައި ހުރި ކަމެއް އަދި މިހިސާބަށް އެނގިފައެއް ނުވެއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އެކިއެކި ދަތިތަކުގެ ދުވަސްވަރުގައި ގަމުގެ އަލައިގެ ސަބަބުން ގައްދުއާއި ހުވަދުއަތޮޅުގެ ގިނަ ރަށްރަށުގެ ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގައިވެސް އެކިއެކި ރަށްރަށުން ގައްދުއަށް އައިސް އަލައިގެ ވިޔަފާރި ކޮށްފައިވެއެވެ. ގައްދޫގެ ދަނޑުވެރިން ޒަމާނުއްސުރެން ފެށިގެންވެސް ގަމަށް ދަނޑުވެރިކަން ކުރުމަށް ދާ ޚާއްސަ 3 ދުވަހެއް އޮވެއެވެ. އެއީ ހޮނިހިރު، އަންގާރަ، ބުރާސްފަތި މި ތިންދުވަހެވެ. އަދި މިއަދާއި ހަމައަށްވެސް މިކަން ހަމަޖެހިފައިވަނީ ހަމަ މިއުސޫލުންނެވެ.
ގަމުގެ ދިގުމިނަކީ ގާތްގަނޑަކަށް 3 ކިލޯމީޓަރު ނަމަވެސް ބައެއް އޮޅުއަލަ ދަނޑުތައް "ގަމު ދިހަރޭ" ސަރަހައްދުން ފެށިގެން ގާތްގަނޑަކަށް 2 ކިލޯމީޓަރ ސަރަހައްދެއްގައި ހައްދާފައިވެއެވެ. ސަބަބަކީ މިސަރަހައްދަކީ ގުދުރަތީ ގޮތުން ޗަސްބިން ހެދިފައި ފަސްގަނޑު އެންމެރަނގަޅު ސަރަހައްދަށް ވީތީއެވެ. ހަފްތާއަކު 3 ދުވަހު ގައްދޫގެ ދަނޑުވެރި އަންހެނުންނާއި ފިރިހެނުން 2 ކިލޯމީޓަރުގެ ރާސްތާއަކަށް ބޯމަތީގައި ނުވަތަ ކޮނޑުގައި އަލަބަސްތާ ބަހައްޓައިގެން ހިނގާހިނގުމަކީ ހީވާގިކަމުގެ ދެވަނައެއްނެތްފަދަ ނަމޫނާ އެއް ނޫންތޯއެވެ. މިޒަމާނުގައި ބަރޯގާޑިޔާ ފަސޭހައިން ލިބެންހުރިކަމުގައި ވެސް ކުރީ ޒަމާނުގައި މިއީ ފަސޭހައިން ލިބޭ އެއްޗެއްނޫނެވެ. ޚާއްސަކޮށް ގައްދޫގެ އަންހެން ދަނޑުވެރިންނަކީ މިކަމުގައި މުޅި ރާއްޖެއިންވެސް ފާހަގަކޮށްލަން ޖެހޭ ބައެކެވެ. ގައްދުއަށް ވަޑައިގެން ގައްދޫގެ ހާލަތު ދިރާސާކުރައްވާފައިވާ އިލްމުވެރިއެއްކަމަށްވާ ދޮންތުއްކަލާވެސް މިކަމަށް ހެކިވެ ލައްވާފައިވެއެވެ.
އިދްތިސާދީގޮތުން ދުނިޔެ ރިސެޝަންއަކަށް މިސްރާބް ޖަހާފައިވާއިރު ގައްދޫގެ ބައެއް ދަނޑުވެރިން އާހިތްވަރަކާއިއެކު އޮޅުއަލަ ހެއްދުމުގެ މަސައްކަތް ފަށާފައިވާކަމީ އުފާކުރަންޖެހޭކަމެކެވެ. މިގޮތުން ކާޑުގެ ދަތިކަމެއް ކުރިމަތިވީކަމުގައި ވީނަމަވެސް ގައްދޫގެ ރައްޔިތުންގެ ބަނޑުފުރާނަ މުއްތި ކޮށްލެވޭވަރަށް ގަމުން އޮޅުއަލަ މިހާރުވެސް ލިބޭނޭކަމަށް ވަރަށްބޮޑަށް ބެލެވެއެވެ.
ގަމުގެ ދަނޑުވެރިކަން އިތުރަށް ފުޅާކުރެއްވުމަށްޓަކައި ސަރުކާރުންވެސް މިހާރު ޚާއްސަ ސަމާލުކަމެއް ދީފައިވާ ކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެފްއޭއޯގެ އެހީގައި ކުރިއަށް ގެންދަވާ ރަފްޓާ ޕްރޮޖެކްޓްގައިވެސް އޮޅުއަލައިގެ ނަމޫނާ ދަނޑަކާއި އަދި ތަފާތު ވައްތަރުގެ ދަނޑުވެރިކަމާއިބެހޭ ކޯސްތަކާއި މައުލޫމާތުތައް ދޭގޮތަށް ހަމަޖެހިފައިވެއެވެ. އަދި ހަމައެއާއި އެކު އޮޅުއަލައިގެ އިތުރުން ދަނޑުވެރިކަމުގެ ތަފާތު ވައްތަރުތައް ގަމުގައި ފުޅާދާއިރާއެއްގައި އަމިއްލަ ފަރާތްތަކުން މިހާރު ކުރިއަށް އެބަ ގެންދެއެވެ. އެހެންނަމަވެސް ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެމީހުންގެ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ނެތުމުގެ މައްސަލައެވެ. މިކަމާއި ބެހޭގޮތުން ސަރުކާރާއިއެކު ދަނޑުވެރިން ވަނީ ތަފާތު ފަހަރުތަކެއްގެ މަތިން ވާހަކަވެސް ދައްކާފައެވެ. އަދި ސަރުކާރުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކަށް މާކެޓް ހޯދުމަށްޓަކައި މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައިވެއެވެ.
ގަމަކީ ބިޔަ ރަށަކަށް ވެފައި މުޅިރާއްޖެއިންވެސް ދަނޑުވެރިކަމުގައި ނަމޫނާ ރަށެއްކަމުގައި ހެދޭނީ އެމީހުންގެ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ލިބިގެންނެވެ. ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓްލިބޭނެ ދުވަހަކީ ގައްދޫގެ ހިވާގި ދަނޑުވެރިން އެންމެ ހިތްހަމަޖެހޭނެ ދުވަހަކަށް ވާނެކަން ޔަގީނެވެ.



ކޮމެންޓްސް ފުނުއްވާ