ފުރަތަމަ ސަފްހާ | ރިޕޯރޓް | އިސްލާމްދީނުގެ އަސާސްގެ މަތީގައި ކުދިން ތަރުބިއްޔަތުކުރުން

އިސްލާމްދީނުގެ އަސާސްގެ މަތީގައި ކުދިން ތަރުބިއްޔަތުކުރުން

ފޮންޓް ސައިޒް: Decrease font Enlarge font

ހެޔޮގޮތުގައި ދަރިންތަރުބިއްޔަތުކުރުމަކީ ކޮންމެ އިސްލާމީ މުޖުތަމަޢެއްގެވެސް ވާޖިބެއްކަމުގައި ދެކެމާތޯ.

އިސްލާމީނަޒަރަކުން ކުދިން ތަރުބިއްޔަތު ކުރުމަކީ އިސްލާމީ ކޮންމެ މުޖުތަމައެއްގެވެސް އެންމެބޮޑު ސަމާލުކަމާއި އިސްކަން ދޭންޖެހޭ ކަމެއްކަން ކަށަވަރެވެ. މިކަމަކީ ކޮންމެ އިސްލާމީ ފަރުދަކު ދެބަސްވާނެ ކަމެއްނޫނެވެ. މިގޮތުން ކޮންމެ އިސްލާމީ މަންމަ އަކާއި ބައްޕަ އަކުވެސް އެދޭނީ ތިމާގެ ދަރިފުޅަށް އެމީހުންނަށް ވީ އެންމެ ރަނގަޅު ތަރުބިއްޔަތެއް ދިނުމަށެވެ. މިއީ ކޮންމެ މުސްލިމު ޖަމާޢަތެއްގެ އަސާސްކަމަށްވާހިނދު މިކުޑަކުޑަ އިސްލާމީ ޖަމާއަތުގައި މިދެންނެވި އަސާސްގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރަމުންދަނީކިތައްބެލެނިވެރިންތޯއެވެ. މިކަމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މަންމަ އަކާއި ބައްޕަ އަކު ވެސް މިއަދު ވިސްނާލަންޖެހޭ ނުކުތާއެކެވެ.

މިގޮތަށް ވިސްނާލާއިރު ދަރީންނަކީ ﷲ އަޅުގަނޑުމެންނާއި ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެކެވެ. އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެބޮޑު އެއްމަސްއޫލިއްޔެތެވެ. އާދެ! ކުދިން ތަރުބިއްޔަތު ކުރުމުގައި މުހިންމު ދެމަރުހަލާއެއްވެއެވެ. އޭގެތެރޭގައި ފުރަތަމަ މަރުހަލާއަކީ ތުއްތުކުދިން މަދަރުސާއަށް ދާންފެށުމުގެ ކުރީން ފެށިގެން ފަށާތަޢުލީމުގެ އަހަރުތައް ނިމުމާއި ދޭތެރޭ އެވާ މަރުހަލާއެވެ. މިމަރުހަލާ އެހާމުހިންމުވަނީ އެދުވަސްވަރަކީ އެކިއެކި އާދަތައް ކުދިންނަށް ދަސްވެ އަދި އެކުދިންގެ ޝަހުސިއްޔަތުގެ ބިންގާ އެޅޭ ދުވަސްވަރު ކަމުގައިވާތީއެވެ. އެހެންކަމާއެކު ކުދިންގެ ސިކުނޑިއަށް ވަކިގޮތްތަކެއް ވިސްނައިދީ އެގޮތްތައް އެކުދިންގެ ހިތްތަކުގައި އަށަގެންނެވުން އަވަސް ކުރިވަރަކަށް އެކުދިން އެގޮތަކަށް ހޭނި، އެއީ ރަނގަޅުގޮތްތަކެއްކަމުގައި ބަލައިގަތުން އަވަސްވާނެތީ އެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ދެވަނަ މަރުހަލާ އަކީ އެކުދިން ބޮޑެތިވަމުން އައިސް ޒުވާން ދުވަސްވަރާއި ކުރިމަތިލާ އަހަރުތަކެވެ. އެއީ މިހާރު ތައުލީމީ ނިޒާމު ހަމަޖެހިފައިވާ ގޮތުންނަމަ ޘާނަވީ ތައުލީމު ލިބިގަންނަ ދުވަސްވަރެވެ. މިމަރުހަލާ މުހިންމުވަނީ މިމަރުހަލާ އަކީ ދުނިޔޭގެ ކަންތައްތަކާއި ދިރިއުޅުމުގައި އެކުދިންނަށް ފެންނަމުންދާ އެކިއެކި ކަންތައްތަކާމެދު އެކުދިން ވިސްނާ ފިކުރު ކުރަން ފަށާ ދުވަސްވަރު ކަމުގައިވާތީ އެވެ.

ހަމައެފަދައިން މިދުވަސްވަރަކީ އެ އުމުރުގެ ގިނަކުދިން ކޮންމެވެސް ކަމެއް، ނުވަތަ ކޮންމެވެސް އެއްޗެއް، އެހެންނޫނީ ކޮންމެވެސް މީހެއް އިޚުތިޔާރުކުރާ މަރުހަލާ އެވެ. އިސްލާމީ ތަރުބިއްޔަތުގެ ޢިލްމުވެރިން ވިދާޅުވަނީ މިދެމަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާގައި އިސްކަން ދޭންޖެހޭނީ އިންސާނާގެ ހަށިގަނޑާއި ގުނަވަންތައް އުފެދިފައިވާ ގޮތާއި އަދި ކައުނާއި އެފަދައިން ވަށައިގެންވާ ތަންތަނާއި ކަންތައްތަކާއި އިރު ހަނދާއި ތަރިތަކާއި ޖަނަވާރު ތަކާއި ކައުނުގާވާ އެހެނިހެން ކަންތައްތަކުގެ ވާހަކަ އެކުދިންގެ ވިސްނުމުގެ ފެންވަރާ ގުޅޭގޮތުން ބުނެދީ އެކުދިންގެ ޝައުޤުވެރިކަން ހޯދައިގަތުމަށެވެ. އަދި ދުނިޔެ އާއި ދުނިޔޭގައިވާހާ ތަކެއްޗެއް ހެއްދެވީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން ބަޔާންކުރާ ކައުނީ ދަލީލުތައް އެކުދިންގެ ފެންވަރާ ގުޅޭގޮތުން ހާމަކޮށް ދިނުމަށް އިސްކަންދޭން ޖެހޭނެކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ.

ދަރިންތަރުބިއްޔަތު ކުރުމުގެ ދެވަނަ މަރުހަލާގައި މުހިންމުކަން ދޭންވާނީ ދުނިޔެ އުފެދުނު ގޮތާއި ދުނިޔޭގެ އެކިއެކި ކަންތައްތަކާއި ބެހޭގޮތުން އެކުދިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ހިތްހަމަ ޖެހޭފަދަ ހަރުދަނާ ޖަވާބެއް އެކުދިންނަށް ހޯދާދިނުމަށެވެ. އަދި ތަރުބިއްޔަތުގެ ޢިލްމުވެރިން ވިދާޅުވަނީ އެޢުމުރުގެ ކުދިން އެކުދިންގެ ބަތަލުންގެ ގޮތުގައި ފާހަގަކުރާ މީހުންނާއި އަޅުގަނޑުމެންނާ ހުރި ތަފާތު މިމަރުހަލާގައި ބަޔާންކޮށްދިނުމީ މުހިންމު ކަމެއްކަމުގައެވެ. ހަމަ އެއާއެކު އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އެކިއެކި ޒުވާން އަބުތާލުންގެ ވާހަކަ އެކުދިންނަށް ކިޔައިދީ އެބޭފުޅުން ކުރައްވާފައިވާ މަތިވެރި ޚިދުމަތާއި އެބޭފުޅުންގެ ހިއްވަރު ގަދަކަމާއި ހޯއްދަވާފައިވާ އެކިއެކި ކާމިޔާބީތައް ބަޔާކޮށްދިނުންވެސް މުހިއްމުކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މިއުމުރުގައި ކުދިން ތަރުބިއްޔަތުކުރަން ގެހޭނީ ވަރަށް ހިކުމަތްތެރިކަމާއެކުގައެވެ. އޭރުން އަޅުގަނޑުމެން އުންމީދުކުރާ ފަދަ ގަދަރުވެރި ޖީލެއް މުޖުތަޢުން ފެނިގެން ދާނެކަން ކަށަވަރެވެ. އެންމެހާ މައިންބަފައިން ނާއި ބެލެނިވެރިން އަދި ތަރުބިއްޔަތު ދިނުމުގައި އިސް މުއައްސަސާ ތަކުންވެސް އިސްލާމީ ތަރުބިއްޔަތުގެ ނަޒަރިއްޔާތައް ބަލާލުމުން ތަރުބިއްޔަތުގެ މާނައެއްގެ ގޮތުގައި ފެނިގެންދާނީ ހުރިހާ ދާއިރާއަކުން ފުރިހަމަކަމާއި ދުޅަހެޔޮކަން ލިބިގެންވާ ބައަކު ފެނިގެން ދިއުމެވެ. މިހެންކަމުން އިސްލާމް ދީނުގައި ތަރުބިއްޔަތު ކުރުމުގެ މާނައަކީ ސިއްހީ ގޮތުންނާއި، ބުއްދީގެ ގޮތުން ނާއި، ރޫހާނީ ގޮތުންނާއި، އަޚުލާޤީ ގޮތުން އިސްލާމް ދީނުގައި އަންގަވާފައިވާ ހަމަތަކުގެ މަތިން ދީނުގެ އިރުޝާދުތަކުގެ އަލީގައި ކުއްޖާ ތަރުބިއްޔަތު ކުރުމެވެ. ސިއްހީގޮތުން ތަރުބިއްޔަތު ކުރުމޭ ބުނެވޭ ބަހުގެ މާނާގައި ހަގީގަތުގައި ނަފްސާނީގޮތުން ތަރުބިއްޔަތު ކުރުމާއި، ބުއްދީގެ ގޮތުން ތަރުބިއްޔަތު ކުރުމާއި، ރޫހާނީ ގޮތުން ތަރުބިއްޔަތު ކުރުން ޝާމިލް ވެއެވެ. ސަބަބަކަށްވަނީ އެއްވެސް ސިއްހަތެއްނެތް ކުއްޖެއްގެ ގައިގާ އެހެން އެއްވެސް ސިފައެއް ބިނާކުރުމަކީ ވާނެކަމެއްނޫނެވެ. އެހެންކަމުން އިސްލާމް ދީނުގައި ކުދިން ތަރުބިއްޔަތު ކުރުމުގައި ވަރަށްބޮޑަށް ސިއްހީ ދުޅަހެޔޮކަމަށް ރިޢާޔަތް ކުރަށްވާފައި ވެއެވެ. މިގޮތުން ސިއްހަތަށް ގެއްލުންދެނިވި އެންމެހައި ކަންކަމުން އިންސާނާ ރައްކަތެރިވެ ހުރުން އިސްލާމް ދީން ގޮވާލައްވައެވެ.

ބުއްދީގެ ގޮތުން ތަރުބިއްޔަތު ކުރުމުގައި ވަރަށްފުރިހަމަ މަންހަޖެއް އިސްލާމް ދީން ކަނޑައަޅުއްވާފައިވެއެވެ. ކަންކަމުގައި ވިސްނައި ފިކުރުކޮށް އެކިއެކި މައިދާން ތަކުގައި ކުރިއަރައި ދިއުމުގެ ހުނަރުވެރިކަން ކުއްޖާގެ ކިބައިގާ އަށަގެނުވުމަށް ވަރަށްގިނަ އިރުޝާދުތައް އައިސްފައިވެއެވެ. ރޫހާނީ ގޮތުން ތަރުބިއްޔަތު ކުރުމުގައިވެސް އިސްލާމް ދީނުގައިކަނޑައަޅުއްވާފައިވާ ހަމަތަކަކީ އެހެން އެއްވެސް ނިޒާމެއްގައި ކަނޑައަޅުއްވާފައިވާ ހަމަތަކެއްނޫނެވެ. ނުބައި ނަފްސާނީ ބަދަލުތަކުން އިންސާނާގެ ހިތްސަލާމަތްކޮށް ނަފްސު ތާހިރުކުރަން އަމުރު ކުރައްވާފައި ވެއެވެ. އެހެނީ ބާއްޖަވެރި ހަޔާތަކަށް މަގު ދައްކާ ވަސީލަތަކީ ރޫހާނީ ގޮތުން ކުރިއަރައި ދިއުމެވެ. ބާއްޖަވެރި ކަމުގެ ތަޅުދަނޑިއަކީ އެއީއެވެ.

އަޚުލާގީ ގޮތުން ތަރުބިއްޔަތު ކުރުމުގައިވެސް އިސްލާމް ދީން ވަނީ ވަރަށް ފުރިހަމަ މިންގަނޑެއް ކަނޑައަޅުއްވާފައެވެ. މިގޮތުން ބަދު އަޚުލާގީ ހުރިހާކަމެއް ވަނީ އިސްލާމް ދީނުގައި ހަރާމް ކުރެވިގެންނެވެ. މިހެން ކަމުން ތަރުބިއްޔަތުގެ އެންމެ ފރިހަމަ ނިޒާމަކީ މާތްވެގެންވާ އިސްލާމް ދީނުގައި މިވާ ތަރުބިއްޔަތުގެ ނިޒާމް ކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އަބަދުވެސް މަސައްކަތްކުރާނީ ތަރުބިއްޔަތުކުރުމުގައި ވީހާވެސް ގިނަ ވަސީލަތެއްގެ ބޭނުން ހިފޭތޯއެވެ. އެންމެ ކާމިޔާބު ވަސީލަތަކީ ރީތި ނަމޫނާ ދައްކައިގެން ތަރުބިއްޔަތު ކުރުމެވެ. އަދި ރަނގަޅު ކަންތައްތަކަށް އާދަކުރުވައިގެން ތަރުބިއްޔަތު ކުރުމާއި ވައުޡާއި ނަސޭހަތްދީގެން ތަރުބިއްޔަތު ކުރުމާއި އެކަށީގެންވާ އަދަބު ދީގެން ތަރުބިއްޔަތުކުރުމަކީ ތަރުބިއްޔަތު ކުރުމުގެ ވަސީލަތްތަކުގެ ތެރެއިންވާ ކަންކަމެވެ.

އާދެ! ރީތި ނަމޫނާ ދައްކައިގެން ތަރުބިއްޔަތު ކުރުމީ ތަރުބިއްޔަތުގެ އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު ވަސީލަތެވެ. ރީތި އަޚުލާގެއްގެވެރި އާއިލާގެ ތެރޭގައި ކުއްޖާ ބޮޑުވަމުން އަންނާނީ ވަރަށް ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައެވެ. ކީރިތި ރަސޫލާގެ ޝަހުސިއްޔަތުގައި އެންމެފުރިހަމަ ޝާމިލް ކާމިލް ސިފަތަކެއް ﷲ ތައާލާ ލައްވާފައިވެއެވެ. އެއީ އިސްލާމީ ތަރުބިއްޔަތަށްޓަކައެވެ. އެއީ އެކަލޭގެ ފާނުންގެ އަސްހާބުން ނަށާއި ފަހުން އަންނަ ޖީލު ތައް އެކަލޭގެފާނުގެ ޝަހުސިއްޔަތުން ފުރިހަމަ ނަމޫނާ ލިބިގަތުމަށްޓަކައެވެ. އުއްމުލް މުއުމިނީން އާޝަތުގެ ފާނާއި ކީރިތި ރަސޫލާގެ އަޚުލާގާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވި ބަސްފުޅުގެ މާނާގައިވަނީ " އެކަލޭގެ ފާނުގެ ޚުލްގު ފުޅަކީ ކީރިތި ޤުރުއާނެވެ." އެބަހީ ޚުލްގުފުޅު ހުންނަނީ ޤުރުއާނުގައި އަންގަވާފައިވާ ގޮތަށެވެ. އާދެ! ރަނގަޅު ކަންތައްތަކަށް އާދަކުރުވައިގެން ތަރުބިއްޔަތު ކުރުމަކީ އިސްލާމީ ތަރުބިއްޔަތުގެ އުސޫލު ތަކުގެ ތެރެއިންވާ އަސްލެކެވެ. ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ފތުރަތުގެ ސާފު ކަންމަތީގައެވެ. މާތް ނަބިއްޔާގެ އަރިއަހުން އަލްއިމާމު ބުޚާރީ ރިވާކުރެއްވި ހަދީސްފުޅެއްގެ މާނާގައިވެއެވެ. " ކޮންމެކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފު ކަންމަތީގައެވެ. ދެންފަހެ އެކުއްޖާ ޔަހޫދީ އަކަށް ހަދަނީ ނުވަތަ ނަސްރާނީ އަކަށް ހަދަނީ ނުވަތަ މަޖޫސީ އަކަށް ހަދަނީ އެކުއްޖާގެ މައިން ބަފައިންނެވެ." މުރާދަކީ އެކަންތަކަށް އާދަކުރުވައި ތަރުބިއްޔަތު ކުރަނީ މައިން ބަފައިންނެވެ. ކުދިންނަށް ރަނގަޅު ނަސޭހަތާއި ވައުޡު ދީގެން ތަރުބިއްޔަތުކުރުމަކީ ވަރަށްކާމިޔާބު އުސޫލެކެވެ. މިކަމަށް ނަމޫނާ އެއްގެ ގޮތުގައި ލުޤުމާނުގެ ފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ވައުޡު ފުދޭއެވެ. ލުގުމާނުސޫރަތުގެ 12 ވަނަ އާޔަތުން 19 ވަނަ އާޔަތަށް ބައްލަވައި އެއިން އިބުރަތް ހާސިލު ކުރައްވާށެވެ.

މިއަދު އަޅުގަނޑުމެނަގެ ހުރިހާ ބެލެނިވެރިން ނާއި ދަރިންނަށް ތަރުބިއްޔަތުދިނުމުގައި ޒިންމާވާ ހުރިހާ މުއައްސަސާ އަކުންވެސް ވިސްނާލަން ޖެހޭ ނުކުތާ އަކީ ކުދިންގެ ތަރުބިއްޔަތު މިހާ ދަށަށް ގޮސްފައިވާ މި ޟަރޫރީ ދަނޑިވަޅުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ ވަކިބައެއްގެ ޒިންމާ އަކަށް ނުހެދުމެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތައަށް ހަރުދަނާ ތަރުބިއްޔަތެއް ބޭނުންވެއެވެ. އެ ތަރުބިއްޔަތު ގެނެސްދޭނެ ސާބިތު އަޒުމް ވަރުގަދަ ބަޔަކުވެސް ބޭނުންވެއެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ އަކީ ހަމަ އެކަނި މައިންބަފައިންގެ ޒިންމާ އެއްކަމުގައި ނުހެއްދެވުމެވެ. އެއީ މައިން ބަފައިންނާއި މުއައްސަސާތަކުގެ ޒިންމާއެކެވެ. މައިންބަފައިންގެ ޒިންމާގެ ތެރޭގައި ދަރިން އުޅޭނޫޅޭ ގޮތް ބެލުލާއި އެކުދީންގެ ރަހުމަތްތެރިންގެ ގޮތުގައި އުޅޭމީހުންނަކީ ކޮންބައެއްކަން ބެލުން ހިމެނޭއެވެ. ދަރިން ނުރަނގަޅު އާދަތަކެއްގެ ތެރޭގައި އުޅޭނަމަ އެކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭނެއެވެ. ނުރަނގަޅު ރަހުމަތްތެރިން ގެންގުޅޭނަމަ އެކަންވެސް ހުއްޓުވަން ޖެހޭނެއެވެ. ރޭގަނޑުގެ ވަގުތު ނުނިދާ ބޭރުގައި އުޅޭނަމަ އުޅޭ ނޫޅޭ ގޮތްވެސް ބަލަންޖެހެއެވެ.  ޓެކްނޮލޮޖީގެ މިޒަމާނުގައި ކުދިން ކޮމްޕިއުޓަރގެ ބޭނުންކުރަނީ ހެޔޮގޮތުގައިތޯވެސް ބަލަންވާނެއެވެ.

އަޅުގަނޑު މެންނަކީ މުސްލިމުންނަށް ވީހިނދު ވިސްނާލަންވީ ނުކުތާ އަކީ އިސްލާމް ދީނަކީ ފުރިހަމަ އުސޫލުތަކެއްގެ މަތީގައި ބިނާވެގެންވާ ދީނެއްކަމަވެ. މިހެންކަމުން މުޖުތައު ރަނގަޅުގޮތުގައި އޮތުމަށްޓަކައި އުގޫބާތްތަކެއްވެސް ކަނޑައަޅުއްވާފައި ވެއެވެ. އަދަބުދީގެން ތަރުބިއްޔަތު ކުރުމުގައި އިސްލާމް ދީން ދައްކާފައިވާ މަގުން ކުޑަކުދިންނަށް އަދަބުދީގެން ތަރުބިއްޔަތު ކުރުމުގާ އެކުދިންނާ މުއާމަލާތު ކުރަންޖެހޭނީ ބޮޑެތިމީހުންނާ މުއާމަލާތް ކުރާގޮތަކަށް ނޫނެވެ. ކުޑަކުދިންނާއި މުއާމަލާތްކުރުމަށް މާތްވެގެންވާ އިސްލާމްދީނުގައި މަރަށް މަތިވެރި އުސޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި އޯގާތެރިކަމާއި ލުއިފަސޭހަ ގޮތްތައް ބޭނުންކުރުމަކީ ދީނުގެ މަންހަޖެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރައްވާފައި ވެއެވެ. " ތިބާގެ މައްޗަށް ވަނީ އޯގާތެރިކަމާއެކު މުއާމަލާތްކުރުމެވެ. ހުތުރު ބަސްބުނުމާއި ހަރުކަށިކަމުން އެއްކިބާވާށެވެ."

ދެވަނަކަމަކީ ކުއްޖާގެ ތަބީއަތށް ބަލައިގެން މުއާމަލާތްކުރުމެވެ. ކުދިންގެ ތެރޭގައި ތަފާތު މިޒާޖުގެ ކުދިންނާއި ސިއްހީގޮތުން ތަފާތު ކުދިން ތިބޭނެކަން ކަށަވަރެވެ. މިހެންކަމުން އެކުދިންގެ ތަބީއަތަށް ރިއާޔަތް ކުރުމަކީ މުހިންމު ކަމަކެވެ. އިސްލާމް ދީނުގައި އަދަބުދިނުންވަނީ ދެންއެކަމުގައި އެހެންގޮތެއްނެތުމުންނެވެ. ތަރުބިއްޔަތުގެ އިލްމުވެރިން ކަމުގައިވާ އިބުނިސީނާ އާއި އިބުނު ޚަލްދޫން ވިދާޅުވަނީ އެއްގޮތަކަށްވެސް ތަރުބިއްޔަތު ކުރާ އެދުރުމީހާ ވަރަށް ޟަރުރީ ހާލަތެއްގައި ނޫނީ އަދަބުދީގެން ނުވާނެކަމުގައެވެ.އަދި ކުއްޖާގެ ގައިގާ ކުއްލިގޮތަކަށް ޖަހައިގެނއ ނުވާނެކަމުގައެވެ. ތަރުބިއްޔަތު ކުރުމުގައި ކީރިތި ރަސޫލު ސައްލައްﷲ އަލައިހި ވަސައްލަމް ގެންގުޅުއްވި އުސޫލުތަކަށް ބަލާއިރު އޯގާތެރި ކަމާއެކު ކުށަށް އިށާރާތްކުރެއްވުމާއި ކޮންމެވެސް އިޝާރާތަކުން އެކުރަނީ ގޯހެއްކަން ހާމަކުރެއްވުމާއި އެކުރެވެނީ ކުށެއްކަން ކަނޑައެޅިގެން ބަޔާންކުރުމާއި ކުށްކުރާމީހާ އިސްލާހު ކުރުމަށްޓަކައި ވަކިމުއްދަތަކަށް ގުޅުން ކަނޑާލުމާއި ތަރުބިއްޔަތު ކުރުމަށްޓަކައި ރިވެތި ވައުޡުގެ ބޭނުން ކުރެއްވުން ހިމެނެއެވެ.

ތަރުބިއްޔަތު ކުރުމަށްޓަކައި އަދަބު ދިނުމުގެ ޝަރުޡުތަކުގެ ތެރޭގައި ހުރިހާ ވަސީލަތެއްގައި ހިފައި ކާމިޔާބެއް ނުލިބުމުން މެނުވީ އަދަބު ނުދިނުމާއި ރުޅިއައިސްފާ ހުރެ ނުޖެހުމާއި ގެއްލުމެއްލިބިދާފަދަ ތަނެއްގައި ނުޖެހުން މާއި ފުރަތަމަ ކުށްކޮށްފިނަމަ އޭނާ އިސްލާހުވާން ފުރުސަތު ދިނުމާއި މިފަދަކަންތައްތައް ހިމެނޭއެވެ. މިފަދަ ތަރުބިއްޔަތަކުން އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރެވިފައިވީނަމަ މިފަދަ ދަށު ދަރަޖައަކަށް މިއަދު އަޅުގަނޑުމެންގެ ދަރީން ނުދާނެއެވެ.      

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0