"ހެޔޮކަލެކޭ ރަންކަލެކޭ" މިފަހަރު މިދިމާވީ ގައްދުއަށްބާ ނޫނީ ރަތަފަންދުއަށްބާ؟
ހިނގަމުންމިދާފަސް އަހަރުގައި ޒާހިރަށް ގައްދޫ ރައްޔިތުންގެ އުންމީދުތަކާއި ގާތްކުރާ ވަރަކަށްވެސް މަޖިލިހުގައި މަސައްކަތް ކުރެވިފައެއް ނުވޭ
"ހެޔޮ ކަލެކޭ ރަންކަލެކޭ" ނުވަތަ މާލޭ ބަހުންނަމަ ހެޔޮ ފަހަރެކޭ ރަންފަހަރެކޭ މި ލަފްޒަކީ ހެޔޮ ނަސީބު އަތުގައި ހިފުމުން ގައްދޫ މީހުން ވަރަށް ގިނަފަހަރު ބޭނުންކޮށްއުޅޭ ބަހެކެވެ. މިގޮތުން މި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 5 އަހަރުގެ ދައުރަކަށް އިންތިޚާބްކުރުމަށްޓަކައި ޒާހިރު ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި ޒާހިރުގެ ފަރާތުން ގައްދުއަށް ލިބިދާނެ ފައިދާތަކަށް އިޝާރާތް ކުރައްވައި މި އިބާރާތް ގައްދޫ ޒުވާން އަންހެން ކުއްޖަކު ބޭނުންކޮށްފައިވެއެވެ.
އެހެންނަމަވެސް މަޖިލިހުގެ 05 އަހަރުގެ ދައުރުގެ ތެރެއިން މިހާރު 04 އަހަރު ނިމިފައިވާއިރު ކޮށްލަންބޭނުންވާ ސުވާލަކީ ޒާހިރުގެ ފަރާތުން މި ފައިދާ ގައްދޫ ރައްޔިތުންނަށްއެކަށީގެންވާ ގޮތެއްގައި ކޮށްފައިވޭބާވައެވެ. ނަމަވެސް އެނގޭ ކަމަކީ ރޭގައި ގައްދޫ ޒާހިރު ގދ. ގެ ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ޚިދުމަތްތަކުގެ ތަފްސީލްތައް ހުށަހެޅި އިރު ހަމަޔަގީނުންވެސް ގައްދުއަށް ކޮށްދީފައިވާ ކުޑަކުޑަ ކަންތައްތަކަށްވުރެ އަތޮޅުގެ އެހެންރަށްތަކަށް ނިސްބަތުން އެތައް ގުނަ ބޮޑު ޚަރަދު ތަކެއް ކުރައްވާފައިވާކަމެވެ. މި ގޮތުން އެހެންރަށްރަކަށް ބަނދަރާއި އިޖްތިމާއީ މަރުކަޒާއި، ކޮމްޕިއުޓަރ ލެބާއި، ޖެނެރޭޓަރ ތައް ހަދިޔާ ކުރައްވާފައިވާއިރު ގައްދުއަށް ކޮށްދީފައިވާ ކަންތައްތަކަކީ ފަގީރުކޮޔަށްވެސް ކޮށްލެވިދާނެފަދަ ކަންތައްތަކެކެވެ. މިގޮތުން ގައްދޫގެ ކޮމްޕިއުޓަރ ލެބަށް 2 ކޮމްޕިއުޓަރު ހަދިޔާ ކުރުމާއި ހުކުރު މިސްކިތުގައާއި ސްކޫލުގެ ވަކިބައެއްގައި ތަށިމުށި ޖަހައި ދިނުމާއި މިސްކިތަށް ލައުޑް ސްޕީކަރު ދިނުން ހިމެނެއެވެ. މިސްކިތްތަކަށް ކޮށްދޭ ކަންތައްތަކީ ގިނަފަހަރު ތިމާގެ އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމުގެ މަގުސަދުގައި ލިﷲ އަށްޓަކައި ކޮށްދޭ ކަންތައްތަކެވެ. އެހެންނަމަވެސް ރައްޔިތުންނަށްޓަކައި ލުއި ފަސޭހަ ކަމެއް ލިބޭ ކިތަންމެ ކުޑަކަމެއް ނަމަވެސް ޒާހިރުގެ އަމިއްލަ ފައިސާއިން ކޮންމެ މަގުސަދެއް އޭގައި ހިމެނިފައިވީނަމަވެސް ކޮށްދީފައިވާ ނަމަ އެކަމަށްޓަކައި ޒާހިރަށް ޝުކުރުވެރި ވާންޖެހެއެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ ޒާހިރު މަޖިލިހަށް ހޮވުމަށްޓަކައި ގައްދޫގެ ގިނަ ރައްޔިތުން ކުރެއްވި މިންނެތް މަސައްކަތާއި އެއްވަރަކަށް މަޖިލިސް ފްލޯގައިވެސް ނުވަތަ ޒާހިރު އަމިއްލަ ފައިސާއިންވެސް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދީފައިވޭބާވައެވެ. ރައްޔިތުންގެ އުންމީދާއި ގާތްކުރާ މިންވަރަކަށްވެސް ޒާހިރުގެ ޚިދުމަތް ގައްދޫ ރައްޔިތުންނަށް ލިބިފައިވޭބާވައެވެ. ނަމަވެސް ރޭގެ ރިޕޯޓަށް ރިއާޔަތް ކުރާއިރު ގައްދޫގެ އަޑު އިވިފައިވަނީ ވަރަށް ފަނޑުގޮތަކަށްކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ގައްދޫ ހުކުރުމިސްކިތަށް ޒާހިރު ދެއްވާފައިވާ ލައުޑް ސްޕީކަރު ސިސްޓަމް ދެއްވުމުގެ މަގުސަދާއިމެދު ކިތަންމެ ފޮނިކޮށް ވާހަކަ ދެއްކި ކަމުގައިވިނަމަވެސް ރޭގެ ޖަލްސާ އަޑުއެއްސެވި އެންމެހާ ފަރާތްތަކަށްވެސް އެނގިގެން ދިޔައީ ޒާހިރަށް "ގައްދޫ ޒާހިރު" ގެ ލަގަބު ލިބިފައި ވިޔަސް ގައްދޫ ރައްޔިތުންނަށްވުރެ އަތޮޅުގެ އެހެންރަށްރަށުގެ ރައްޔިތުންނަށްޓަކައި ޒާހިރުގެ ހިތުގައި އިސްކަންދެވިފައިވާ ކަމެވެ. ރާއްޖޭގެ ނިސްބަތުން ބޮޑު މަހުޖަނެއް މިފަދަ އާދައިގެ ކަންތައްތަކެއްކޮށްދިނުމުން އެފަދަ ޖަލްސާއެއްގައި އެފަދަ ކުޑަކުޑަކަންތައްތައް ހާމަކުރުމަކީ އެންމެ ރަނގަޅު ކަމެއްތޯވެސް ސުވާލު އުފެދެއެވެ. ގާސިމް އިބްރާހިމް މެން އޭނާގެ އަމިއްލަ ރަށަށް ކޮށްދޭ ގިނަގުނަ ޚިދުމަތްތަކަކީ މިފަދަ ތަށިމުށި ކޮޅެއް ނުވަތަ ލައުޑް ސްޕީކަރ ސިސްޓަމެއްތޯއެވެ.
ޒާހިރުގެ އަމިއްލަ ޖީބުން ގައްދުއަށް ކަމެއް ކޮށްދޭން ބޭނުންނުވާނަމަ އެކަމަށްޓަކައި އެއްވެސް ޝަކުވާއެއް ނެތެވެ. އެހެންނަމަވެސް މަޖިލިސް ގޮނޑީގައި ގައްދޫގެ ފަރުދަކު ބޭންދުމަށް ގައްދޫގެ ރައްޔިތުން ކުރި މަސައްކަތް ކާމިޔާބުވެ އެފުރުސަތު ލިބުމުން މަޖިލީހާއި ގުޅޭ ދާއިރާގައި ގައްދޫގެ ތަރައްގީއަށް ޓަކައި މަސައްކަތް ތައް ކުރަންޖެހޭނެއެވެ. ނަމަވެސް ރައްޔިތުންގެ މޫނަށް މަޔޫސް ކަން ވެރިވެފައިވަނީ މިދެންނެވި އެއްވެސް ކަމެއް ޕެޓިޝަނެއްގެ ސިފައިގައިވެސް ނުވަތަ އެހެންސިފައެއްގައިވެސް މިހާތަނަށް އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވާތީއެވެ. ގައްދުއަށް ޒާހިރު އަންނަ އިރު ގައްދޫގެ ޖެޓީ އޮތް ހާލަތު ޒާހިރަށް ފެންނާނެއެވެ. ބަނދަރުގެ ދަތިކަން އޮތްގޮތް ފެންނާނެއެވެ. ނަރުދަމާގެ ދަތިކަން ފޯރާފައިވާ މިންވަރު އެނގޭނެއެވެ. އެހެންނަމަވެސް މިއިންކަމަކަށްވެސް ކޮށްފައިވާ މަސައްކަތްތަކެއް އެނގޭކަށްނެތެވެ. ކިތަންމެ ބުރަކޮށް ގާނޫނު އަސާސީ ހެދުމަށްޓަކައި އުޅެންޖެހުނު ކަމުގައި ވިޔަސް ރައްޔިތުންގެ ޒަރޫރީ ބޭނުންތަކުގެ މަތިން ހަނދާންނައްތައިލައިގެން ނުވާނެއެވެ. ޒާހިރު މަޖިލިހުގައި އިންނެވި ހާ ދުވަހަކު ޒާހިރަކީ ޒިންމާތަކެއް ކޮނޑުގައި އެޅިފައިވާ ރައްޔިތުންގެ ޚާދިމެކެވެ.
ޒާހިރަކީ އަބަދުވެސް ގައްދޫގެ ނުފޫޒުގަދަމީހެކެވެ. އަދި ގައްދޫގެ ވެރިކަމުގައާއި ރަށްކުރިއަރުވާ ކޮމިޓީ ގައިވެސް އަބަދުވެސް ޒާހިރުގެ ނުފޫޒު ވަރަށްބޮޑަށް އޮވެއެވެ. އެހެންކަމުން ގައްދޫގެ ތަރައްގީއަށްޓަކައި ޒާހިރު ކަންތައް ކޮށްދޭން ބޭނުންނަމަ އެކަން ނުވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. " ހިތުގެ ގަދަރާއި، ހިތުގެ ލޯތްބާއި، ހިތުގެ އިޚްލާސްތެރިކަމާއި އެކު" ވޯޓް ދިނުމަކީ ޒާހިރު ބޭނުންވާހާ ހުރިހާ ގޮތަކަށް ގައްދޫގެ އެންމެހާ ރައްޔިތުން ބޯލަނބާ، 100 ޕަސެންޓުން ޒާހިރު ހޮވުން ކަމަށްވާނަމަ އެކަމަކީ ވާނެކަމެއް ނޫނެވެ. އެދުވަހެއް ދުވަހަކުވެސް ނާންނާނެއެވެ. އެހެންކަމުން ސީދާ ގޮތެއްގައި ޒާހިރުގެ އަރިހުގައި މަސައްކަތްކުރަމުންދާ ބައެއް ފަރާތްތަކާއި އަދި އެހެނިހެންވެސް މަދުބައެއް ފިޔަވައި އެހެންފަރާތްތަކުގެ އުންމީދުތަކުގައި ހަމަ ރަނގަޅަށް ވެސް ޒާހިރުވަނީ ކޮޅުފައިން ޖަހާފައިކަމަށް ބެލެވޭނެ ފުރުސަތު އެބައޮތެވެ. މިގޮތަށް ޒާހިރު ކަންތައް ކޮށްފައިވަނީ ރައްޔިތުންނަށް ރަނގަޅު ފިލާވަޅެއް ދިނުމުގެ ނިޔަތުގައި ކަމަށްވުމަކީވެސް ނުވާނެކަމެއް ނޫނެވެ. ޒާހިރު ކުރިއަށް އޮތް އިންތިޚާބް ވެސް ކާމިޔާބް ކޮށްފިނަމަ ދެން އޮތް 5 އަހަރަށްވެސް ގައްދޫގެ ރައްޔިތުންނަށްލިބޭނެ ލާބައާއި މަންފާތަކަށް އިންތިޒާރު ކުރަމާ ހިނގާށެވެ. ކޮޅު ކެއްސެއް އަނެއްކާވެސް ނުލިބިއްޖިއްޔާ ރަނގަޅެވެ. ދެންއުފެދޭ ސުވާލަކީ ގައްދޫ ދާއިރާއަށްވުރެ ބޮޑެތި ޚިދުމަތްތައް ކޮށްފައިވާ ދާއިރާއަކަށް ޒާހިރު މިފަހަރު ކުރިމަތި ނުލީ ކީއްވެބާވައެވެ.



ތޭންކްސް
ޒާހިރު އެކަނިތޯ ފައިސާހުރީ ދެންހުރި ފައިސާވެރިން ކޮބާބާ...
ހަމަގައިމުވެސް މިލިޔުން ލިޔުނު ބޭފުޅާޔަކައްވެސް ނުބުނެވޭނެ ތިމަންނަ ސައުންޑް ސިސްޓަމް ދިނީމޭ އެކަމް ހަމަޔަގީން ތީވެސް ސައުންޑް ސިސްޓަމެއް ދެވޭފަދަ ފުދުންތެރިޔެއް.... އެހެންނަމަވެސް ހަމައެއްޗެއް ދެނީ ހަމަކުލުނު ޖެހިފައިވާ މީހުންގެ އިހްސާސް ތައް ދަންނަ މީހެއް ކަން ހަމަ ޔަގީން.......
ކޮމެންޓްސް ފުނުއްވާ