ފުރަތަމަ ސަފްހާ | ރިޕޯރޓް | މަޖިލިސް މެމްބަރުން ރައްޔިތުންނަށް އިޚްލާސްތެރިވާން އަދިވެސް ނުވޭތޯއެވެ.

މަޖިލިސް މެމްބަރުން ރައްޔިތުންނަށް އިޚްލާސްތެރިވާން އަދިވެސް ނުވޭތޯއެވެ.

ފޮންޓް ސައިޒް: Decrease font Enlarge font

މަޖިލިހަށް ހޮއްވަވާ ފަރާތްތަކަކީ ކުޅަދާނަ ގާބިލް ބައެއްތޯ ރައްޔިތުން ބެއްލެވުމަކީ މުހިއްމުކަމެއް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ވަރަށް ބޮޑު ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެބައެއްގެ ކޮނޑުގައި އަޅަންޖެހިފައިވާ ބައެކެވެ. 5 އަހަރުދުވަހުގެ މުއްދަތަކަށް ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން މަޖިލީހުގައި މަސައްކަތްކުރުމަށްޓަކައި އެބޭފުޅުން ގޮނޑިއަށް އިންތިޚާބް ކުރަނީ ރައްޔިތުން ވަރަށްބޮޑު އިތުބާރަކާއި ޔަގީންކަމެއް އެބޭފުޅަކާއި ހަވާލުކުރައްވާފައެވެ. އެހެންނަމަވެސް ހަމަ މަޖިލިހަށް ހޮވުމާއި އެކު މިފަދަ ބޭފުޅުން ރައްޔިތުންގެ މަތިން ހަނދާންނެތި އެބައެއްގެ އަމިއްލަ މަސްލަހަތު އިސްކުރުމަށްޓަކައި އަވަސްވެގަނެއެވެ.

ގިނަ ފަހަރަށް އަޅުގަނޑުމެން މަޖިލިހަށް ހޮއްވަވާ ފަރާތްތަކުގެ ކުޅަދާނަ ކަމާއި ގާބިލް ކަމުގެ މައްޗަށް ވިސްނައި އެކަމަށްޓަކައި މާބޮޑު ސަމާލުކަމެއް ދެވިފައެއް ނޯވެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ލިބޭ ކުޑަކުޑަ ލާރިކޮޅަކަށް ވޯޓް ވިއްކާލުމުގެ ރޫހް އެންމެންގެ ތެރޭގައިހެން ވަނީ ވަކި ހިއްޕާލާފައެވެ. ނަމަވެސް އަޅުގަނޑުމެންނަކީ މުސްތަގްބަލަށްޓަކައި ފޮނި އުންމީދުތަކެއް ހާސިލްކުރުމަށް އެދޭ ބަޔަކަށް ވީހިނދު މިފަދަ ގޮތަކަށް އަޅުގަނޑުމެންނަށް ލިބިފައިވާ ބާރު ދޫކޮށްލައިގެންނުވާނެއެވެ. ހަނދާނުގައި އަބަދުވެސް ބަހައްޓަންވީ ވޯޓް މޫސުމް ދިމާވުމުން ވޯޓް ގަންނަ ފަރާތްތަކަކީ އެބޭފުޅުންގެ އަތުގައި ވިއްކާނެ އިތުރު އެއްޗެއް ނެތް ބައެއްކަމެވެ. ލާރީގެ ބަދަލުގައި ވިއްކާނެ ތައުލީމެއް ހުނަރުވެރިކަމެއް ގާބިލްކަމެއް އެބޭފުޅުންނަށް ލިބިފައެއް ނުވެއެވެ. އެހެންކަމުން ލިބިފައިވާ ހަމައެކަނި ހަތިޔާރުގެ ބޭނުން ހިފައިގެން މާލީ އެހީއަށް ބޭނުންވެފައިވާ ނިކަމެތި ރައްޔިތުންގެ ފަރާތުން ނާޖާއިޒް ފައިދާ ނެގުމަށް މަސައްކަތް ކުރަމުންދާކަން ހަނދާނުގައި ބެހެއްޓުން މުހިއްމެވެ. އިންތިޚާބްގެ ދުވަސްވަރު ނިމުމުން އެފަދަ ބޭފުޅެއްގެ ކުރިމައްޗަށް ކަމަކު ގޮސްފިނަމަ ގިނަފަހަރަށް ލިބިގެންދާނީ ވަރަށް ލަދުވެތި ޖަވާބެކެވެ.

ނިމިގެން ދިޔަ 5 އަހަރު ދުވަހުގެ މުއްދަތަށް އަޅުގަނޑުމެން އިންތިޚާބްކޮށްފައިވާ ބޭފުޅާ މިއިމްތިހާނުން ފާސްވެފައިވޭތޯ ބެއްލެވުމަކީވެސް މުހިއްމުކަމެކެވެ. މިއިމްތިހާނުން އެބޭފުޅާ ފާސްވެފައިވާނަމަ އެބޭފުޅާއަށް އަލުން ވޯޓް ދެއްވަން ޖެހެއެވެ. ފޭލްވެފައިވާނަމަ އެހެންފަރާތަކަށް އެފުރުސަތު ތަނަވަސްކޮށްދޭންޖެހެއެވެ. މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކެނޑިނޭޅި މަޖިލިހުގައި މަސައްކަތްކުރަންޖެހޭ ބައެކެވެ. އެހެންކަމުން އަޅުގަނޑުމެންބަލަންވީ މިދާއިރާގެ ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތަކުގައި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެބޭފުޅާ މަޖިލިހުގައި އެދެވޭ ގޮތެއްގައި މަސައްކަތް ކޮށްފައިވޭތޯއެވެ. ރައްޔިތުންގެ މަންފާއަށްޓަކައި ކިތައްބިލް ހުށަހަޅުއްވާފައިވޭތޯއެވެ. ރައްޔިތުންގެ ހައްގުގައި ކިހާވަރަކަށް ވަކާލާތު ކޮށްފައިވޭތޯއެވެ.

އަޅުގަނޑުމެންގެ ކަންފަތްތަކަކީ ހުޅުވާލެވިފައިވާ ކަންފަތްތަކެއް ކަމުގައި ވާންޖެހެއެވެ. ހުރިހާ ކެންޑިޑޭޓުންގެ ހުށަހެޅުންތަކާއި އެބޭފުޅުންގެ ވާހަކަތައް އަޑުއެހުމުގެ ގާބިލްކަން ހުންނަން ޖެހޭނެއެވެ. އެބޭފުޅުންގެ ހުނަރާއި ގާބިލްކަން ދެނެގަންނަން ޖެހޭނެއެވެ. މާޒީގެ އިބްރަތްތަކުން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. އަޅުގަނޑުމެން ގޮތެއް ނިންމަންވާނީ މިދެންނެވި ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

މުއްސަނދިންގެ ކައިރިއަށް ސަލާންޖެހުމަން ގިނަފަހަރަށް ދާން މިޖެހެނީ ބަލިވުންފަދަ ކޮންމެވެސް ބޮޑުކަމެއް ދިމާވުމުންނެވެ. އެހެންނަމަވެސް މިހާތަނަށް ރަނގަޅު ހެލްތް އިންޝުއަރެންސް ނިޒާމެއް ރާއްޖޭގައި ގާއިމްކޮށްދީފައި ވާނަމަ ބޭސްފަރުވާ ކުރުމަށްޓަކައި މިފަދަ ބޭފުޅުންގެ ކައިރިއަށް ސަލާން ޖަހާކަށް ދާކަށް ނުޖެހޭނެއެވެ. ނަމަވެސް މިނިޒާމް ގާއިމްކުރުމަށްޓަކައި ބިލްހުށަހަޅައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވޭނީ މިދެންނެވިފަދަ ބޭފުޅުންނަށް ކަމުގައި ވީނަމަވެސް މިފަދަ ކަންތައްތަކާއި އެބޭފުޅުންގެ އަމިއްލަ މަސްލަހަތާއި ތައާރަޒްވާތީ އެފަދަ ގޮތަކަށް މަސައްކަތް ކުރުމަށް އެބޭފުޅުން ބޭނުމެއް ނުވާނެއެވެ. އަދި މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް މިބޭފުޅުން މަސައްކަތް ކުރާކަށްވެސް ބޭނުމެއް ނުވާނެއެވެ.

ރައްޔިތުންނަށް އިޚްލާސްތެރި ބޭފުޅުންނަކީ ރައްޔިތުން ފައިސާގެ ދަލުގައި ނުޖައްސާ އެބޭފުޅުންގެ އިލްމާއި ގާބިލްކަމާއި ހުނަރުވެރިކަން ވިއްކައިގެން ވޯޓްހޯއްދަވާ ބޭފުޅުންނެވެ. ވޯޓްގެ ދުވަސްވަރުގައި ކޮންމެ ނަމެއްގައި ލާރިބެހިކަމުގައިވިޔަސް އެލާރިބަހަނީ ކެންޕޭނަށް ނުފޫޒް ފޯރުވުމުގެ ބޭނުމުގައެވެ. އެހެންކަމުން ރައްޔިތުންނަށް އިޚްލާސްތެރި ނުވާބަޔަކަށް ރައްޔިތުން އިޚްލާސްތެރިވާކަށް ނުޖެހޭނެކަން އަބަދުވެސް ހަނދާނުގައި ބެހައްޓަވާށެވެ. މިފަދަ ކެންޑިޑޭޓުންނަށް އަޅުގަނޑުމެން ގޮވާލަނީ ފިލައިގެން ނުތިބެ ލާރިނުބަހާ ރައްޔިތުންގެ ކުރިމައްޗަށް ނުކުތުމަށެވެ. ރައްޔިތުންނާއި ބައްދަލުކޮށް އިޚްލާސްތެރިކާއި އެކު މަސައްކަތްކޮށްގެން ވޯޓް ހޯދުމަށެވެ. އެންމެ ބޯދާ ކަޓުމުއްލާ ގޮތްގަނޑު ދޫކޮށްލާ ރައްޔިތުންނަށް އިޚްލާސްތެރިކަމާއި އެކުމަސައްކަތް ކުރުމަށެވެ.

ފައިސާއަށް ވޯޓް ގަންނަ ފަރާތްތަކުން އެދައްކައިދެނީ ރައްޔިތުންނަކީ އެއްވެސް އަގެއް އޮތް ބައެއް ނޫންކަމެވެ. އެމީހުންގެ ނަފްސުގެ އަގަކީ އެއްވެސް އެއްޗެއް ނޫންކަމެވެ. އެހެންކަމުން މިފަދަ ކަންތައްތަކާއިމެދުގައި އަޅުގަނޑުމެން ވިސްނައި އެކަމަށް ކުރިމަތިލާފައިވާ އެންމެ ކުޅަދާނަ، ގާބިލް ކެންޑިޑޭޓުންނަށް ވޯޓް ދެމާ ހިނގާށެވެ. އަޅުގަނޑުމެންގެ މުސްތަގްބަލް އުޖާލާ ވާނީ މިފަދަގޮތަކަށް ވިސްނައި އަޅުގަނޑުމެންގެ ނިންމުން ރަނގަޅުވެގެންނެވެ. މާތް ރަސްކަލާންގެ އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވަވާ ހެޔޮގޮތް މިންވަރު ކުރައްވާށިއެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (3 ލިބިއްޖެ):

  03 May, 2009 08:54:15
avatar
ފުރަތަމަ ކޮމެންޓަށް ތާއީދު ކުރަން
ބަރާބަރު ސަކަރާތް
0
  01 May, 2009 01:35:20
avatar
މި އާޓިކަލްގައި ފާހަނގަކޮށްފައިމިވަނީ ހަގީގަތް. އަޅުގަނޑުމެން ވިސްނަންވީ މިހިނދުކޮޅަކަށް ނޫން. އޭގެ ބަދަލުގައި މާދަމާ އާއި އަންނަން އޮތް ޖީލުގެ މުސްތަގްބަލަށްޓަކައި އަޅުގަނޑުމެންގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ހަދަމާތޯ.
ބަރާބަރު ސަކަރާތް
0
  27 April, 2009 04:34:42
avatar
އާޓިކަލް ކިތަންމެހާވެސް ފުރިހަމަ ނަމަވެސް ރައްޔިތުންގެ މަޖިލީހުން މެންބަރަކަށް މީހަކު ވަނީ އަޅުގަޑުމެން އެމަޤާމު ދިނީމަކަން އެއްވެސް މީހަކަށް އެގިލައްވާތޯއެވެ. ވީމާ އަޅުގަޑުމެން ވޯޓުދޭއިރު ވޯޓު މިދެނީ ވަކިމީހަކަށް ކަމުގައި ވެއްޖިއްޔާ އެމީހަކު ރައްޔިތުންނަށް އިޙްލާސްތެރިއެއްނުވާނެ. ނަމަވެސް ދޭ ވޯޓަކީ މުސްތަގުބަލަށް ދަރީންނާއި ދަރީންގެ ދަރީންނަށް ކުރިމަގަށްދޭ ވޯޓަކަށް ވެއްޖިއްޔާ ހޮވޭމީހަކު ވާނީ އިޙްލާސްތެރިއަކަށް ކަން ޔަޤިން. އެކަމަކު މިހާރުވެސް މިސައިޓުން ނަގަމުންދާވޯޓު ބަލާލުމުން %23 މީހުން ބޭނުމެއްނުވޭ އެބައިމީހުންގެ ދަރީންގެ މުސްތަޤުބަލް އުޖާލާކުރާކަށް. އެބައިމީހުން ބޭނުންވަނީ ކުރިންވެސް ހޭވި ހަޑި އަދިވެސް ހާވަން. --- މުޢާޒު ---
ބަރާބަރު ސަކަރާތް
2
ޖުމްލަ: 3 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 3

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
3.00