ތަރައްގީގެ އުސްމިންތައް ހާސިލްކުރުމުގައި ގައްދުއަށް މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބީ ކޮބައިބާވައެވެ؟
ތަރައްގީގެ އުސްމިންތައް ހާސިލްކުރުމުގައި ގައްދޫ އޮތީ ވަރަށް ފަހަތުގައި.
ހުވަދު އަތޮޅު ދެކުނުބުރިން ދެވަނައަށް އެންމެ އާބާދީ ގިނަ ރަށަކީ ގދ. ގައްދުއެވެ. ކަންތައް މިހެން އޮތްކަމުގައި ވީނަމަވެސް ތަރައްގީގެ ކުލަވަރު ގައްދޫ އިން މިހާތަނަށް ފެންނަމުންދަނީ ވަރަށް ފަނޑުގޮތެއްގައެވެ. އެހެން ކަމުން ތަރައްގީގެ ސަފުގައި ގައްދޫ މިހާ ފަހަތުގައި މިއޮތީ ކީއްވެތޯ މިއީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. ގައްދޫގެ ރައްޔިތުންނަކީ ތަރައްގީ އަށް ލޯބި ކުރާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެކެވެ. ގދ. އަތޮޅުވެރިޔާ އަލްފާޟިލް އަލީ ޝަރީފް، ރަފްޓާ ޕްރޮޖެކްޓް ހުޅުވުގެ ރަސްމިއްޔާތުގައި ވިދާޅުވެފައިވާ ފަދައިން އެމަނިކުފާނު ގައްދުއަށް ވަޑައިގަންނަވާ ކޮންމެ ދަތުރެއްގައި ހެން ގައްދޫގެ ކޮންމެވެސް ބައެއް ރަށުގެ ތަރައްގީ އާއި ބެހޭ ބައެއްކަންތަކާއި ބެހޭގޮތުން އަމަނިކުފާނާއި ބައްދަލުކޮށް މަޝްވަރާ ނުކުރާފަހަރެއް މަދުން ނޫނީ ނާދެއެވެ.
އެހެންނަމަވެސް ގައްދޫގެ ތަރައްގީ އާއި ދޭތެރޭގައި ސަރުކާރުން މިހާތަނަށް މާބޮޑު ސަމާލުކަމެއް ދެމުން ނާންނަ ކަން އެންމެ ބޮޑަށް ދައްކައިދިން އެއްކަމަކީ އެންމެ ފަހުން ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާ ތިން ރަށުގެ ލިސްޓުން ގައްދޫ އުނި ކުރުމެވެ. ތިން ރަށުގެ ތެރެއިން ސަރުކާރުން ގައްދޫ އުނިކުރަން ޖެހުނީ ކީއްވެގެންތޯ މިއީ އަދިވެސް ޖަވާބު ނުލިބިފައިވާ ސުވާލެކެވެ. އާބާދީގެ ގޮތުން ބެލިކަމުގައި ވިޔަސް، ނުވަތަ މި ނިޒާމް ދެއަތޮޅުގެ ރަށްތަކަށް ހަމަހަމަ ގޮތެއްގައި ގާއިމް ކުރުމުގެ ފުރުސަތު ދިނުމުގެ މައްޗަށް ބެލިކަމުގައި ވިޔަސް ގައްދޫ މިލިސްޓުން އުނިވާންޖެހޭ ސަބަބެއް ނުވިސްނެއެވެ. ސުނާމީގައި ގައްދުއަށް ލިބިފައިވާ ގެއްލުން ތަކަކީ ނިސްބަތުން ބަލާއިރު އެހެންރަށް ތަކަށް ވުރެ ވަކި ކުޑަ ގެއްލުން ތަކެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް ސުނާމީގެ ބަދަލުގެ ގޮތުގައި ގައްދޫ އަށް ލިބިފައިވަނީ ނިސްބަތުން އެހެންރަށްތަކަށް ވުރެ މާބޮޑުތަން ވެސް މަދުއަދަދެކެވެ.
މިހެން ކަންތައްތައް އޮތުމުގެ ސަބަބުން ތަރައްގީގެ ކުލަވަރު ގައްދޫން ފަނޑުވެފައިވާ މައިގަނޑު ސަބަބަކީ ކޮބައިތޯ އެންމެފަހުން ސަރުކާރުގެ އިސްބައެއް ފަރާތްތަކާއި އެކުގައި ގައްދޫގެ ޓީމަކުން ބޭއްވި ބައްދަލުވުމެއްގައި ޕްލޭނިންގ މިނިސްޓަރަށް ދެންނެވެމުން އެމަނިކުފާނު ވިދާޅުވިކަމަށް މައުލޫމާތު ލިބިފައިވަނީ މީގެ އެންމެ ބޮޑު ސަބަބަކީ ގައްދޫގައި އެކަށީގެންވާ ބިމެއް ނެތުމުގެ މައްސަލަ ކަމަށެވެ. އެހެންވީއިރުގައި ގައްދޫގެ ތަރައްގީ އާއި ދޭތެރޭގައި ސަރުކާރުން މީގެކުރިން ވިސްނާވަޑައިގެންފައިވާނަމަ އެންމެފުރަތަމަ ގައްދޫގެ ބިން ހިއްކުމުގެ ކަންތަކުގައި ވަރަށްކުޑަކުޑަ ސަރައްހައްދެއް ހިއްކުމަށް ނިންމާފައިވަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. އެއިން ދޭހަވާ އެއްޗަކީ އެއިރުގައި ވެސް ގައްދު އަކީ ތަރައްގީގެ ރޮނގުގައި ސަރުކާރުން މާކަބޮޑު އަހަމިއްޔަތެއް ދޭންބޭނުންވާ ރަށެއް ނޫންކަމެވެ. ހިނގަމުންދާ މިއަހަރުގައި ވެސް ގައްދޫގެ ތަރައްގީ އަށް ޓަކައި މާކަ ބޮޑު ކަމެއް ޕްލޭންކޮށްފައެއް ނުވެއެވެ. ގައްދޫގެ ރައްޔިތުން ތިބީ މިއަހަރު ގެތެރޭގައި ގައްދޫގެ ނަރުދަމާ ނިޒާމާއި، ބަނދަރު ހެދުމުގެ މަސައްކަތް ފެއްޓޭނެ ކަމުގެ ވަރަށްބޮޑު އުންމީދެއްގައެވެ. ސަބަބަކީ ގައްދޫގެ ފާޚާނާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގައި ގިނަގުނަ ސާރވޭތަކެއް މިހާތަނަށް ކޮށްފައިވުމާއި، ގައްދޫގެ ބަނދަރު ހެދުމުގެ ކަންތައްތަކާއި މެދުގައި ލަފާ ދިނުމަށްޓަކައި ކޮމިޓީއެއްވެސް އެކުލަވާލައިފައި ވާތީއެވެ. އެހެންނަމަވެސް ފަހުން އެނގުނު ގޮތުގައި ގައްދޫގެ ބަނދަރެއް ހެދުމަކަށް މިއަހަރުގައި ބަޖެޓްކޮށްފައެއްވެސް ނެތެވެ.
މިހާރު ގައްދޫގައި ބިންވެސް އެބައޮތެވެ. އަދި ބިމުގެ ކަންތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ޓަކައި މޭމަހުގެ މެދެއްހާ ހިސާބުގައި ހައުސިން މިނިސްޓަރ ގައްދުއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ އެނގިފައެވެ. އެހެންކަމުން މިވަގުތު، ގައްދޫގެ ރައްޔިތުންގެ ކިރިޔާވެސް އުންމީދެއް އޮތީ ސަރުކާރުން ވިދާޅުވާ ގޮތަށް ހުވަދު އަތޮޅުގެ ތިން ރަށެއް ފޯކަސް އައިލެންޑުގެ ގޮތުގައި ހަމަޖައްސާފައިވާއިރު އޭގެ ތެރޭގައި ގައްދޫ ހިމެނިފައި ވުމުގެ ސަބަބުން ދާދި އަވަހަށް ގައްދޫގައި ތަފާތު ޕްރޮޖެކްޓްތައް ފެއްޓި ތަރައްގީގެމަގުގައި އަވަސް ކާމިޔާބީ ތަކެއް ލިބިދާނެކަމުގެ އުންމީދެވެ. މިހާތަނަށް އައިރުގައި ތަރައްގީގެ ގޮތުގައި ކިރިޔާވެސް ފެންނަން ތިބި ބައެއް ކުލަވަރު ތަކުގެ ތެރޭގައި ހިމެނެނީ ގައްދޫ ކައިރީގައި އެއަރޕޯރޓެއް ހެދުމުގެ މަސައްކަތާއި، ގައްދޫގެ ކައިރިން ބައެއް ރެޒޯރޓް ތައް ހެދުމުގެ މަސައްކަތެވެ. އަދި މީގެ އިތުރަށް ގައްދު އާއި ގަމުގައި ހިންގުމަށް ހަމަޖެހިފައިވާ 5 އަހަރުގެ ރަފްޓާ ޕްރޮޖެކްޓަކީ ވެސް ގައްދޫގެ ރައްޔިތުންގެ ހިތްތަކަށް އުންމީދުގެ ކުލަވަރުތަކެއް ޖެހިގެން ދިޔަ އެއްކަންތަކެވެ. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހެނީ މިހާތަނަށް މިޕްރޮޖެކްޓްގައި ދެ އަހަރު ފާއިތުވެގެންދިޔަ އިރުގައިވެސް މާކަ ކާމިޔާބީ ތަކެއް ފެންނަން ނެތްކަމެވެ. ގައްދޫގެ ބިމާއި ބެހޭ ލޭންޑް ޔޫސް ޕްލޭން ނިމި، ފޯކަސް އައިލެންޑްގެ ދަށުން އަވަސް މުސްތަގްބަލެއްގައި ގައްދޫގެ ތަރައްގީގެ ބައެއް އިތުރު މަސައްކަތްތައް ފެށިގެންދިޔުމަކީ ގައްދޫގެ ވަރަށް ގިނަ ބައެއްގެ އުންމީދެކެވެ. ހުވަދޫ ބަޣާވާތުގައި ވެސް ގައްދޫގެ ރައްޔިތުންވަނީ ގައްދޫރައްޔިތުންނަކީ ދިވެހި ސަރުކާރަށް ވަފާތްތެރި ބައެއް ކަމުގައި ދައްކައިދީފައެވެ. މީގެ އިތުރަށް ގދ. އިން ދެވަނައަށް އާބާދީ އެންމެ ގިނަ ރަށަށް އެކަށީގެންވާ ސަމާލުކަމެއް ނުދީ ދޫކޮށްލުމަކީ އިންސާފްވެރި ކަމެއް ކަމަކަށް ގަބޫލެއްނުކުރެވެއެވެ. މިހާތަނަށް ރައްޔިތުންގެ ހައްގުތައް ހޯދުމުގައި ކުރަންޖެހޭ ކޮންމެކަމަކަށް ގައްދޫގެ ރައްޔިތުން ފަސް ނުޖެހޭނެކަން ރައްޔިތުން އޮތީ އެމީހުންގެ އަމަލުން ދައްކައިދީފައެވެ.



del.icio.us
Digg
އެހީދޭޖަމާއަތްތަކުން ގެންނަ ޕްރޮޕޯސަލް ތައް ހިފައިގެން އިނގިރޭސި
ދަންނަ އާންމު ރައްޔިތެއް ފަހަތުން ދުވީމަ ވަކި ރީތިތަ
އެކަންކަމާއި ބެހޭގޮތުން ގިނަގުނަ ސިޓީތަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާއި އޭގެޖަވާބަކީ ކޮބާތޯބަލާ އަދި ހިންހަމަނުޖެހޭ ޖަވާބެއްލިބިލެއްވި ކަމުގައި ވަނީ ވިއްޔާ އެ ޖަވާބާއި ހަވާލާދީ އަނެއްސިޓީ ހުށަހެޅުމުން ނިމުނީއަކީނޫނެވެ. މިގޮތުން ހުށަހަޅާ ހިންހަމަ ޖެހޭ ޖަވާބެއް ނުލިބުނުކަމުގައި ވަނީނަމަ ރަށުގެ ގިނަބަޔަކު ވެގެން އެހެންގޮތްގޮތުން މިކަން ކުރެވޭތޯ ބަލާނީއެވެ. މިހެން މިދެންނެވީ ގައްދޫގެ ރަތްޔިތުން ބިންހިއްކުމުގެ ޕޮރުގުރާމުން މިކަން ސާބިތުކޮއްފަވާތީއެވެ.
އެކަންކަމާއި ބެހޭގޮތުން ގިނަގުނަ ސިޓީތަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާއި އޭގެޖަވާބަކީ ކޮބާތޯބަލާ އަދި ހިންހަމަނުޖެހޭ ޖަވާބެއްލިބިލެއްވި ކަމުގައި ވަނީ ވިއްޔާ އެ ޖަވާބާއި ހަވާލާދީ އަނެއްސިޓީ ހުށަހެޅުމުން ނިމުނީއަކީނޫނެވެ. މިގޮތުން ހުށަހަޅާ ހިންހަމަ ޖެހޭ ޖަވާބެއް ނުލިބުނުކަމުގައި ވަނީނަމަ ރަށުގެ ގިނަބަޔަކު ވެގެން އެހެންގޮތްގޮތުން މިކަން ކުރެވޭތޯ ބަލާނީއެވެ. މިހެން މިދެންނެވީ ގައްދޫގެ ރަތްޔިތުން ބިންހިއްކުމުގެ ޕޮރުގުރާމުން މިކަން ސާބިތުކޮއްފަވާތީއެވެ.
ކޮމެންޓްސް ފުނުއްވާ