"ގައްދޫ ރަށް ކުރިއަރުވާ ކޮމިޓީ" އާއި ވެރިންގެ ކޯޅުން: ރައްޔިތުން ނަށް ކުރިމަތި ވެފައިވާ ބޯ ރިހުމެއް.
ރަށް ކުރިއެރުމުގެ ބަދަލުގައި މި ދެފަރާތުގެ ކޯޅުންތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް އާންމު ރައްޔިތުންނަށް
ގައްދޫ އަކީ ޒަމާނުއްސުރެން ފެށިގެންވެސް ނުފޫޒުގަދަ ދެފަރާތެއްގެ ބާރުގެ ދަށަށް ރައްޔިތުން ބެހިގެން ގޮސްފައިވާ ރަށެކެވެ. މި ދެންނެވި ދެފަރާތަކީ ގައްދޫ ޒާހިރު އާދަމާއި މުހައްމަދު ޒާހިރެވެ. މިދެ ފަރާތަކީ ޚިޔާލާއި ވިސްނުމުގައި ބޮޑެތި ޚިލާފް ތައް ހުރި ދެފަރާތް ކަމުގައި ވުމުން، މަދު ފަހަރެއްގައި ނޫނީ އެކަކު އަނެކަކާއި ގުޅޭ ގޮތެއް ނުވެއެވެ. އެހެން ކަމުން ރަށް ކުރި އަރުވާ ކޮމިޓީ އަށް މެމްބަރުން ހޮވުމުގައި ވެސް މިދެފަރާތުގެ ވަރަށް ބޮޑު ނުފޫޒެއް އެކަމުގައި އެކުލެވިފައި ވެއެވެ. އަދި ގައްދޫ ރަށް ކުރި އަރުވާ ކޮމިޓީ އެކުލެވިފައިވަނީވެސް މައިގަނޑު ގޮތެއްގައި މިދެފަރާތަށް ނިސްބަތް ވާ މީހުން ގާތްގަނޑަކަށްހަމަހަމަ ގޮތެއްގެ މައްޗަށެވެ. އެންމެ ފަހުން ކޮމިޓީ އަށް މެމްބަރުން ހޮވުމަށްޓަކއި ހިންގި ކެމްޕޭން ތަކުގައި ވެސް މިދެފަރާތް ތަމްސީލް ކުރާ ފަރާތްތަކަށް ކާމިޔާބީ ހޯއްދެވުމަށް ޓަކައި ގިނަ ގުނަ ޚަރަދު ތަކާއި މަސައްކަތް ތަކެއް ކުރި ކަމަށް ވެއެވެ. ނަތީޖާ އެއްގެ ގޮތުން އިންޑެޕެންޑެންޓް ކޮށް ކުރިމަތި ލީ ފަރާތް ތަކަށް ނާކާމިޔާބްވެ ކޮމިޓީ އަށް ހޮވުނީ މި ދެފަރާތުގެ މަސްލަހަތަށްޓަކައި ކޮމިޓީގައި ވަކާލާތު ކުރާނޭ ފަރާތް ތަކެވެ. ދެފަރާތުންވެސް ކޮމިޓީ އަށް އިންތިޚާބް ވެފައި ވަނީ ގާތްގަނޑަށް ހަމަހަމަ އަދަދެއް ކަމުން ވަކި ފަރާތަކަކަށް މާ ބޮޑު އަޣްލަބިޔަތެއް ލިބިފައެއް ނުވެއެވެ.
ރައްޔިތުންގެ ޕްރެޝަރުގެ ސަބަބުން ދާދި ފަހުން ވެރިކަން ކުރެއްވުމަށްފަހު ވެރިކަމުން ވަކިވެ ވަޑައިގަންނަވަން ޖެހުނު މުހައްމަދު ޝަހީދަކީ ޒާހިރު އާދަމަށް ސަޕޯރޓް ކުރައްވާ ބޭފުޅެކެވެ. އެއާއި ޚިލާފަށް ގައްދޫ ގައިމިވަގުތު ވެރިއަކަށް ހުންނެވި އިސްމާއީލް ޝަމީމަކީ ކުރިން ޒާހިރު އާދަމްގެ ވަރަށް އަރިސް ބޭފުޅެއްކަމުގައި ވީނަމަވެސް ދިމާވި ޚިޔާލު ތަފާތުވުން ތަކަކާއި ގުޅިގެން މިހާރު ގުޅުން ގޯސްވެފައިވާ ބޭފުޅެކެވެ. ކުރީގެ ކަތީބް މުހައްމަދު ޝަހީދުގެ ވެރިކަމުގައި އިސްމާއީލް ޝަމީމް ހުންނެވީ ކުޑަ ކަތީބުގެ މަގާމުގައެވެ. އެއިރުގައި ވެސް ގައްދޫ އޮފީސް ވަނީ ޝަހީދަށް ސަޕޯރޓް ކުރައްވާ ބޭފުޅުންނާއި ޝަމީމަށް ސަޕޯރޓް ކުރާ ފަރާތްތަކުގެ މެދުގައި ދެބައިވެފައެވެ.
ރައްޔިތުންގެ ޕްރެޝަރުގެ ސަބަބުން މުހައްމަދު ޝަހީދުގެ ވެރިކަން ވެއްޓުމުގެ ސަބަބުން ސަރުކާރުން ދެން ވެރިކަމާއި ހަވާލު ކުރެއްވީ ކުޑަކަތީބު ކަމުގައި ހުންނެވި އިސްމާއީލް ޝަމީމާއި އެވެ. އެހެން ކަމުން މިހާރު އިދިކޮޅު ޕަރޓީގެ ރޯލް އަދާ ކުރައްވަމުން ގެންދަވަނީ ޒާހިރު އާދަމް އާއި މުހައްމަދު ޝަހީދަށް ސަޕޯރޓް ކުރައްވާ ފަރާތް ތަކެވެ.
އަޅުގަނޑުމެންވެސް އެއްބަހެވެ. ކަންކަމަށް ފާޑު ކިޔާ ފަރާތެއް އޮތުމުގެ ސަބަބުން ކަންތައްތައް އިސްލާހް ކޮށް އޭގެ ސަބަބުން ރަނގަޅު ފައިދާ ތަކެއް މުޖްތަމައަށް ލިބުމަށް އެހީ ވެދޭނެއެވެ. ނަމަވެސް އެއީ ބިނާކުރުވަނި ފާޑު ތަކަކަށް ވާނަމައެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގިނަފަހަރު މިފެންނަނީ އެއް ބަޔަކު އަނެއް ބަޔަކާއި ޒާތީ ގޮތުން ދިމާ ކޮށްގެން އުޅޭ މަންޒަރެވެ. ކޮމިޓީގައި އެބައެއްގެ މަސްލަހަތު ހުރި ގޮތަށް ކަންކަން ނިންމުމަށް މަސައްކަތް ކުރާ ތަނެވެ. ކޮމިޓީގެ ފަރާތުން ކުރާ މަސައްކަތް ތައް އެބައެއް ތާއީދު ކުރާ ފަރާތަކަށް ކޮންމެ ގޮތަކަށް ހަދާފައި ނަމަވެސް ކާމިޔާބު ކުރެވޭތޯ ކުރާމަސައްކަތް ތަކުގެ މަންޒަރެވެ. އެއީ އިންސާފުން ވިޔަސް ނުވަތަ ނޫން ވިޔަސް އެކަމަކަށް ފަރުވާލެއް ނެތެވެ. މިފަދަ ކަންތައް ކުރުމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި އުފެދޭނީ ބައިބައިވުމާއި ފިތުނަވެރިކަން ނޫން ދެން ކޮންކަމެއްތޯއެވެ. މިފަދަ ހާލަތުގައި އޮތް ކޮމިޓީ އަކަށް ނަމެއްގެ ގޮތުގައި "ގައްދޫ ރަށްކުރި އަރުވާ ކޮމިޓީ" ގެ ނަން ދެވިފައި އޮތަސް، ކޮމިޓީގެ މަގްސަދު ހާސިލް ވާނޭ ކަމަށް ގަބޫލް ފުޅު ކުރެއްވޭތޯއެވެ. ގިނަ ރަށްރަށުގައި ރަށްކުރިއަރުވާ ކޮމިޓީ އަކީ ވަރަށް ހަރަކާތްތެރި ރައްޔިތުންނަށް ހެވާއި ލާބަ ހޯދައި ދިނުމުގައި ގިނަގުނަ ކާމިޔާބީ ތަކެއް ހާސިލް ކުރަމުން ދާ ބަޔެކަށެވެ. އެހެން ނަމަވެސް ގައްދޫގެ ރަށް ކުރިއަރުވާ ކޮމިޓީ އަކީ ކޮންމެ ސބަބުތަކަކާއި ހުރެ ނަމަވެސް ގައްދޫ ރައްޔިތުންނަށް ލާބައާއި ފައިދާހުރި ކަންތަތައް ކުރުމަށް ނުކުޅެދިފައިވާ ބަރުހެލި ޖަމާއަތެކެވެ. މީގެ އެއް މިސާލެކެވެ. ސަރުކާރުން ގައްދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރެއްވުން ކެންސަލް ކުރެއްވުމާއި ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި މަޝްވަރާ ކުރެއްވުމަށް ކޮމިޓީގެ ފަރާތުން މަންދޫބުން ތަކެއް އައްޔަން ކުރެއްވިއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޓީގެ މެމްބަރުން ނުހިމެނި ގައްދޫ ގެ ޖަމްއިއްޔާތަކާއި އެހެނިހެން އާންމު ފަރާތް ތައް ބައިވެރިކޮށްގެން މި ދަތުރު ކުރެއްވީ ކޮމިޓީގެ ފަރާތުން އެންމެ ފަހު ވަގުތުގައި އެކަށީގެންވާ އެއްބާރުލުމެއް ނުލިބުމުގެ ސަބަބުންނެވެ. މިއީ އެއްގޮތަކަށްވެސް މިކަން ވާންވީ ގޮތެއް ނޫނެވެ. ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ކަންތައްތަކުގައި ކޮމިޓީގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެއެވެ. މިފަދަ ކަންތައް ތަކުގައި ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ފިތުނަވެރިކަމާއި ޒާތީ ތައައްސުބު ވައްދައިގެންނެއް ނުވާނެއެވެ. މީގެ ބަދަލުގައި މިފަދަ ކަންތައްތަކުގައި އެންމެންވެސް އެއްބައިވަންތަކާއި އެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަން ޖެހޭނެއެވެ. މިފަހަރުގެ ކޮމިޓީގައި ކުރީފަހަރު ތަކަށްވުރެ ޒުވާން ތައުލީމީ މެމްބަރުން ތިބިނަމަވެސް ހަމަ ކުރީގައިވެސް ކޮށްއުޅުނު މަދު ކަންތަކެއް ފިޔަވައި އިތުރު ކަންތައްތައް ޕްލޭންކޮށް އިތުރު ކަމެއް ކުރެވޭތޯ އުޅޭ ތަނެއްވެސް ނުފެނެއެވެ.
"ކޮން ކަމެއް ވާނީ؟ ކޮމިޓީގެ ޖަލްސާ އެއްގައިވެސް ކޮމިޓީގެ ރައީސް ބުނަނީ ރަށްކުރިއަރުވާ ކޮމިޓީ އަކީ ހަމައެކަނި ރައީސަށް ލަފާދޭން ތިބި ބައެއްކަމަށް. ކަންކަން ނިންމުމުގެ އިޚްތިޔާރު ލިބިފައިވާ ބައެއް ނޫން ކަމަށް. އެކަމަކު ކަމެއް ނުވީމަ ހުރިހާ ބަދުނާމެއް ލިބެނީ ކޮމިޓީ އަށް. އެއާއި އެކު އެއްވެސް ޚަރެދެއް ކުރަން ޖެހިއްޖިއްޔާ އެންމެފަހުން ސޮއި ކުރަން މިޖެހެނީ ކޮމިޓީން. މީ އެއްވެސް އާރެއް ބާރެއް ތިބި ބައެއް ނޫން. ކޮމިޓީ އަށް އެނގުމެއް ކެހުމެއް ނެތި ކޮމިޓީން ނިންމަން ޖެހޭ ކަންކަން ރައީސް އަމިއްލައަށް ނިންމާލަނީ. ގަން ބެލެހެއްޓުމަށް މީހަކު ހޮވި ކަމެއްވެސް އަހަރެމެންނަކަށް ނޭނގޭ. އިޖްތިމާއީ ސަރަހައްދު ސާފްކުރާ މީހުންނަށް މުސާރަ ބޮޑުކުރަންވީމަވެސް އަހަރެމެންނާއި ނުބެހޭ. އެކަމަކު އެމީހުންގެ މުސާރައިގެ ކަންތައް އެންމެ ފުރަތަމަ ހަމަޖެއްސީ އަހަރެމެން. " ކޮމިޓީގެ މެމްބަރެއް ރައީސާއި މެދު ހިތްހަމަ ނުޖެހިފައި ހުރެ ވިދާޅު ވިއެވެ.
ކުމިޓީގެ މެމްބަރުންނަށް އިޚްތިޔާރު ތަކެއް ނެތުމުގެ ވާހައަކީ ތެދެއްކަމުގައިވާނަމަ، އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ކޮމިޓީގެ ރައީސަކީ އެވަގުތެއްގައި ސަރުކާރު ތަމްސީލް ކުރައްވާ ފަރާތް ކަމުގައި ވުމުގެ ސަބަބުން ރައްޔިތުން އެމީހުން ގެ އަޑު ސަރުކާރަށް އިއްވައިދީ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށްޓަކައި ހޮއްވަވައިފައި ތިބި ފަރާތްތަކަކީ އިޚްތިޔާރު ތަކަކާއި ބާރު ތައް އޮތް ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. އެމީހުންގެ ނިންމުން ތައް މަގްބޫލް އުޒުރެއްނެތި ވީޓޯ ކޮށްލުމަކީ ކޮށްގެން ވާންޖެހޭނެ ކަމެއް ނޫނެވެ. އެހެންވާން ވެއްޖެނަމަ މިކަހަލަ މައްސަލަތައް ދާނީ ގޯހުން ގޯހަށެވެ. އެހެން ނަމަވެސް ކޮމިޓީގެ މެމްބަރުގެ މި ވާހަކަ އާއި ގުޅިގެން ކޮމިޓީގެ ރައީސް އިސްމާއީލް ޝަމީމް ވިދާޅުވީ އެއީ އެމީހުން ދައްކާ ހަގީގަތެއްނެތް ވާހަކަ ތަކެއް ކަމަށެވެ. މިހެން މިކަން ވުމުގެ ސަބަބުން ރަށްކުރިއަރުވާ ކޮމިޓީގެ ދެވަނަ މެމްބަރެއްގެ އަރިހުން އެކަންތައް އެގޮތަށް ހަގީގަތުގައިވެސް ވެފައިވޭތޯ ސުވާލު ކޮށްލުމުން އެއީ ހިނގާފައިވާ ކަންތައް ތަކެއް ކަމަށް އޭނާ ޔަގީން ކޮށްދެއްވިއެވެ.
" އެއީ ކީއްކުރަން ތިބޭ ބައެއް ކަމެއް އަހަންނަކަށް ނެނގޭ. ކޮމިޓީން މިހާތަނަށް ވެސް ކުރެވުނު ކަމަކީ ފެރީއެއް ދުއްވުމާއި، ތެޔޮ ވިއްކުމާއި، ރަށްވެހިގެއެއް އެޅުމާއި، ދެން މިސްކިތެއް މަރާމާތުކުރި. މީގެ ތެރެއިންވެސް ގިނަ ކަންތައް ތަކުން މިހާ ތަނަށް ލިބިފައި ވަނީ ގެއްލުން. އެހެން ރަށްރަށުގެ މީހުން ހާދަ ގިނަ ކަންތައްތައް ރައްޔތުންނަށް ޓަކައި ކޮށްދެއޭ. ކީއްތަ ވާނީ ރައްޔިތުންގެ ފަސޭހަ އަކަށްޓަކައި ކުނި އުކާލުމަށް ޕިކަޕެއްވަރު ހޯދިއްޔާ؟ ރައްޔިތުންގެ އަތުން ކުޑަ އުޖޫރައެއް ނަގައިގެން މިކަންތައް ކޮށްލެވިދާނެ. އަދި ހުސްވަގުތު ތަކުގައި ރަށުތެރޭގެ މަސައްކަތްތައް ކޮށްގެން އާމްދަނީ ވެސް ލިބޭނެ އެއްނޫންތަ؟ މިވަރުގެ ކަމެއް ކޮށްލާކަށްވެސް އެމީހުންނަށް ނުކެރޭ. މިހާ ދުރުން ކޮންމެ ދުވަހަކު ކުނި ކޮށްޓަށް ކުނި އުފުލުމަކީ ކިހާ ބުރަ ކަމެއް." އާންމު ރައްޔިތަކު ކޮމިޓީ އާއި ދޭތެރޭގައި އޭނާގެ ޚިޔާލު ފާޅު ކުރިއެވެ.
އޭނާގެ މިޚިޔާލަށް އަޅުގަނޑަށް ވެސް ވަރަށް ބޮޑަށް ތާއީދު ކުރެވެއެވެ. ރައްޔިތުން ކަންތަކަށް އެދޭ ވަރާއި ގާތަށް ވެސް ކޮމިޓީން ކަންތައްތަކެއް ނުކުރެވެއެވެ. ކޮމިޓީ އަކީ ރައްޔިތުން ވަރަށް ބޮޑު ޒިންމާ އަކާއި ހަވާލު ކޮށްފައި ވާ ފަރާތްތަކެކެވެ. އެހެން ކަމުން ރައްޔިތުން ނަށް ހެވާއި ލާބަ ހުރި ކަންތައްތައް ރާވައި ހިންގުމަކީ އެ ފަރާތްތަކުގެ ޒިންމާ އެކެވެ. އެކަންތައް ކުރުމަށް ހުރަސް އެޅޭނަމަ އެކަންތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެން ޖެހޭނެއެވެ. އަޅުގަނޑުމެން އާންމު ރައްޔިތުންނަށް އަބަދުވެސް އަޑު އިވެނީ އެއްބަޔަކު އަނެއްބަޔަކު ގޯސް ކުރާ ތަނެވެ. އެހެންކަމުން މިކަންތައްތަކުގެ އަސްލު ހޯދައި މައްސަލަތައް ހައްލު ކުރަންޖެހޭ ވަގުތު މިވަނީ އައިސްފައެވެ.
ކޮންމެ އަކަސް އެނގޭ އެއްޗަކީ ރައްޔިތުން މިފަހަރު ކޮމިޓީ އަށް ބަޔަކު އައްޔަން ކުރީ ކޮމިޓީގެ ފަރާތުން ގިނަ ގުނަ މަންފާ ތަކެއް ރައްޔިތުންނަށް ލިބޭނޭ ކަމުގެ ވަރަށްބޮޑު އުންމީދުގައެވެ. ނަމަވެސް ކޮމިޓީން އަދިވެސް ފެންނަނީ ވެރިންނާއި ކޮމިޓީ އާއި ދެމެދު ކުރެވެމުންދާ ޒުވާބު ތަކާއި ޖެއްސުން ކުރުމުގެ ސިލްސިލާއެވެ. ރައްޔިތުން މިހާރު މިކަންތަކަށް ފޫހި ވެފައި ތިބި އިރު ބޭނުންވަނީ ހަރުދަނާ، ޒިންމާދާރު ހިންގުންތެރި ކޮމިޓީ އެކެވެ. އެއާއި އެއްކޮށް ވެރިކަމުގައި ތިއްބެވި ފަރާތްތައްވެސް އފެދިފައިވާ ޚިލާފްތައް ކުޑަކުރެވޭތޯ ބަލައި ރައްޔިތުން ހޮވާފައިވާ ކޮމިޓީ އާއި ގުޅިގެން ރައްޔިތުންނަށް މަންފާ ހުރި ކަންތައް ކުރެވޭތޯ ބަލަން އެބަ ޖެހެއެވެ. ނޫންނަމަ ރައްޔިތުން ކުރަމުން އަންނަ އުންމީދު ތަކުގައި ހަގީގީ ކުލަ ޖެހުމަކީ ވާނޭ ކަމެއް ނޫނެވެ. ކޮންމެވެސް ބަޔަކު އިސްނަގައިގެން އުފެދިފައިވާ މިވާ މައްސަލަ ތައް ހައްލުކުރެވިގެން ނޫނީ އަޅުގަނޑުމެންނަކަށް ރަނގަޅު މުސްތަގްބަލެއް ނުފެންނާނެއެވެ.



del.icio.us
Digg
ކޮމެންޓްސް ފުނުއްވާ