ގަމުން ވެލާ ކަތިލުމުގެ މައްސަލަ: މިއީ ކަންބޮޑުވާންޖެހޭ ސީރިއަސް މައްސަލައެއް
އެވްރެޖް ގޮތެއްގައި ގަމުން ހަފްތާއަކު ތިން ހަތަރު ވެލާ ކަތިލަމުންދާކަމަށްވޭ.
ގދ. ގަމުން ވެލާ ކަތިލުމުގެ މައްސަލައަކީ ކުރިން ކޮންމެވެސް ވަރަކަށް ކުރަމުން އަންނަ ކަމަކަށް ވިނަމަވެސް މިފަހަކަށް އައިސް އާދަޔާ ޚިލާފަށް ގިނައިން ގަމުން ވެލާ ކަތިލަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިމައްސަލަ އެންމެ ބޮޑު ދުވަސްވަރަކަށް ދިމާވީ ގަމުން ވެލާ ބިސް ނެގުން މަނާ ކުރުމަށް ސަރުކާރުން އަމުރު ކުރުމާއި ގުޅިގެންނެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ހަފްތާ އަކު ތިން ހަތަރު ވެލާ ގަމާއި ގަމުގެ ސަރަހައްދުން ކަތިލަމުން ދާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެހެން ކަނުން މިކަމަކީ ސަރުކާރުގެ އިދާރާ ތަކުން ޚާއްސަ ސަމާލުކަމެއްދީ މިކަން ހުއްޓުވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި ފިޔަވަޅު އަޅަން ޖެހިފައިވާ މައްސަލައެކެވެ. އާންމު ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގައިގެންނަމަވެސް މިކަމަށް އެދެވޭ ހައްލެއް ލިބޭތޯ މަސައްކަތް ކުރުން އަވަސްކޮށްލަން ޖެހެއެވެ.
ގައްދޫގެ ކައިރިން ގިނަ ރެޒޯރޓްތަކެއް ތަރައްގީ ކުރެއްވުމަށް ހަމަޖެހިފައިވުމުގެ ސަބަބުން ގަމުގައި ވެލާ ބިސްއެޅުން ފަދަ މަންޒަރުތައް ބެއްލެވުމަށް ފަތުރުވެރިން ވަރަށްބޮޑަށް ޝައުގުވެރިވާނެއެވެ. އެހެންވީމާ ވެލާގެ އާބާދީ އާދަޔާ ޚިލާފަށް ދަށްވުމުގެ ކުރިން މިކަމަށް ހައްލެއް ގެންނަން ޖެހެއެވެ.
މިފަދަ ކަންތައްތަކަށް މީހުން ހޭލުންތެރިކުރުމަށްޓަކައި ހަމައެކަނި ޓީވީ ކެމްޕެއިނަކުން ނުފުދެއެވެ. އޭގެ އިތުރަށް ގައްދޫ ގައި ތިމާވެށީގެ މިފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރެއްވުމަށްޓަކައި ތަފާތު ޕްރޮގްރާމް ތަކެއް ހިންގިދާނެއެވެ. ގަމާއި ގައްދޫ ގައި ހިންގުމަށް ހަމަޖެހިފައިވާ ރަފްޓާ ޕްރޮޖެކްޓްގައި މިކަމަށް މަސްކަތްތަކެއް ކުރާ ގޮތަށް ހަމަޖެހިފައިވީނަމަވެސް މިކަމަށްޓަކައި އެދެވޭ ހައްލެއް ހޯދުމުގެ ގޮތުން އަވަސް ފިޔަވަޅު ތަކެއް އަޅަން އެބަ ޖެހެއެވެ.
މިފަދަ އަމަލު ތައް ހިންގަނީ ހަމައެކަނި ގައްދޫގެ މީހުން އެކަންޏެއްނޫނެވެ. އޭގެ އިތުރަށް މަސްވެރިކަމަށާއި އެހެނިހެން ކަންކަމަށް ގަމުގެ ކައިރިއަށް އަންނަ ތަފާތު ރަށްރަށުގެ މީހުންގެ ފަރާތުން މިފަދަ އަމަލުތައް ހިންގާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެހެންކަމުން ވެލާ ކަހަނބުގެ އާބާދީ ގަމުން ހުސްވުމުގެ ކުރިން މިކަމާއި ދޭތެރޭގައި ފިޔަވަޅު ނޭޅިއްޖެނަމަ އަޅުގަނޑުމެން ފަހުން ހިތާމަ ކުރަންޖެހޭ ހާލަތަށް ކަންތައް ދިޔުމަކީ މާކަ ދުރުގައި އޮތް ކަމެއް ނޫނެވެ.



ކޮމެންޓްސް ފުނުއްވާ