ގަމުގެ މެދު ޒިޔާރަތާއި ހަވިއްތަ ވީރާނާވެ ނެތިދިޔުމުގެ ކުރިން:
މެދު ޒިޔާރަތާއި ބެހޭ ގޮތުން މާކަ ގިނަ މައުލޫމާތެއް ލިބިފައިވާ ކަމަކަށް ނުފެނޭ.
ގަމުގެ މެދު ޒިޔާރަތަކީ ގައްދޫ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ޒިޔާރަތެކެވެ. ކުރީ ޒަމާނުގެ މީހުން އެމީހުން ބޭނުންވާ އެދުމެއް ހާސިލް ކުރުމުގެ ގޮތުން މި ޒިޔާރަތަށް ނަދުރު ބުނެ ހަދައެވެ. އެއިރުގެ މީހުން ގަބޫލު ކުރާ ގޮތުގައި މިޒިޔާރަތަކީ ވަރަށް ބަރަކާތްތެރި ތަނެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. ވަރަށް ފަހަކާއި ޖެހެންދެން ވެސް މިޒިޔާރަތުގައި ވަރަށް ދިގު ކުނބެއް ޖަހާފައި ވެއެވެ. އެހެންނަމަވެސް މި ކުނބު މިހާރު ވަނީ ފީވެމުގެ ސަބަބުން ވެއްޓި މުޅިން ހަލާކުވެފައެވެ.
މިހެން މިކަންތައް ހުރި ކަމުގައިވިޔަސް މި ޒިޔާރަތާއި ބެހޭ ގޮތުން މިހާ ތަނަކަށް މާކަގިނަ މައުލޫމާތެއް ލިބިފައިވާ ކަމަކަށް ނުބެލެވެއެވެ. މިތަން މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައި ކަމަށް ވިޔަސް، ދާދި ފަހަކާއި ޖެހެންދެން އެތަން ވަނީ ފުދޭ ވަރެއްގެ ރަނގަޅު ހާލަތެއްގައެވެ.
ހުވަދު އަތޮޅުގައި ޓޫރިސްޓުންނަށް ދައްކާލުމަށްޓަކައި އާސާރީ މާ ގިނަ ތަންތަން ނެތް ކަމުގައި ވީނަމަވެސް ގަމުގައިވާ ހަވިއްތަ އާއި މިޒިޔާރަތަކީ ޕްރެޒެންޓެބަލް ގޮތެއްގައި ދައްކާލެވިއްޖެނަމަ، ޓޫރިސްޓުން ވަރަށް ގަޔާ ވާނެ ތަންތަނަށް ކަމަށް ވެފައި އެތަނުން ރަނގަޅު އާމްދަނީ އެއް ލިބިދާނެ ތަންތަން ކަމަށް ގަބޫލު ކުރެވެއެވެ.
ގަމުގައިވާ ހަވިއްތަ އަކީ ރާއްޖެ އިސްލާމް ވުމުގެ ކުރިން ބުދަށް އަޅުކަން ކުރި މީހުން ބޭނުން ކުރި ފައްޅިއެއް ފަދަ ތަނެއް ކަމަށް ވެއެވެ. ނަމަވެސް މިތަންވަނީ މިހާތަނަށް އަޅާނުލެވި ދޫކޮށްލުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވެ ޖަންގަލީ ވެފައެވެ. މިތަންތަނަކީ ރަނގަޅަށް ޕްލޭންކޮށް ތައްޔާރު ކޮށްލެވިއްޖެނަމަ އެތަންތަނުގެ ފަރާތުން ގިނަގުނަ ފައިދާ ތަކެއް ލިބިގެންދާނޭ ތަންތަން ކަމާއި މެދު ޝައްކެއް ނެތެވެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަޖިލުހުގެ ފަރާތުން މުވައްޒަފުން ބައިތިއްބައިގެން ބަލަހައްތާ ތަންތަނުގެ ލިސްޓްގައި ގދ.ގަން ހިމަނާފައި އޮތް ކަމުގައި ވީނަމަވެސް މިތަން އެއްވެސް ވަރަކަށް ބަލަހައްޓާކަމުގެ އެއްވެސް ނިޝާނެއް މިތަނަކުން ފެންނާކަށް ނެތެވެ. އެހެން ކަމުން މިފަދަ ތަންތަން ވީރާނާވެ ނެތި ދިޔުމުގެ ކުރިން މިތަންތަނުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ސަރުކާރުގެ ވިސްނުން ގެންގުޅޭނެ ކަމަށް އުންމީދުކުރެވެއެވެ.



ކޮމެންޓްސް ފުނުއްވާ