ފުރަތަމަ ސަފްހާ | ރިޕޯރޓް | ގައްދޫގެ ފެންޕްލާންޓުން ރައްޔިތުންނަށް އެކަށިގެންވާ ފައިދާ އެއްކުރޭބާ؟

ގައްދޫގެ ފެންޕްލާންޓުން ރައްޔިތުންނަށް އެކަށިގެންވާ ފައިދާ އެއްކުރޭބާ؟

ފޮންޓް ސައިޒް: Decrease font Enlarge font
image ރެޑްކްރޮސްގެ ފަރާތުން ގައްދޫގައިބަހައްޓާފައިވާ ފެންޕްލާންޓް.

ގައްދު އަކީ ވަރަށް ކުރީ ޒަމާނުއްސުރެން ފެށިގެންވެސް ފެން ތަޢައްޔަރު ވުމުގެ މައްސަލަ ދިމާވެފައިވާ ރަށެކެވެ. ރަށުގައި އެކަށީގެންވާގޮތެއްގައި ފާޚާނާ ނިޒާމެއް ގާއިމްވެފައި ނެތުމުގެ ސަބަބުން ހުރިހާ ނަޖިސްފެނެއް ފޭދިގެން ދަނީ ރަށުގެ ފެން ފަށަލައަށެވެ. ހަމަ އެފަދައިން މޫދާއި ކައިރި ހިސާބުގައި ދިރި އުޅޭ ގެތަކުގެ ފެންވެސް ވަނީ މުޅިން ހެން ލޮނުވެފައެވެ. މިހެން މިކަން އޮއްވައި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ އާއި ގުޅިގެން ރެޑްކޮރޮސް ގެ ފަރާތުން ގައްދޫގައި ފެން ޕްލާންޓެއް ވަނީ ބަހައްޓާފައެވެ. މިގޮތުން ބަހައްޓާފައިވާ ޕްލާންޓުން މިނެޓަކު  ގާތްގަނޑަކަށް 7 ލީޓަރގެ ފެން އުފެއްދޭ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ހިތާމަ އަކީ މިޕްލާންޓްގެ އެކަށީގެންވާ ފައިދާއެއް ފެނުގެ މައްސަލަ ދިމާވެފައިވާ ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ތަނަވަސް ވެފައި ނެތުމެވެ. ރެޑްކްރޮސް ގެ ފަރާތުން ޕްލާންޓް ބަހައްޓާފައިވަނީ އޭތި ހިންގުމުގެ ކަންތައް އެމީހުން ބަލަހައްޓާ ގޮތަކަށް ނޫނެވެ. އެހެންކަމުން ރައްޔިތުން ދެކޭ ގޮތުގައި ބަޔަކު ޕްލާންޓެއް އަދި ބެހެއްޓި ކަމުގައި ވިޔަސް އޭގެ ޚިދުމަތް ދެވުނީ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ޕްލާންޓްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގޮތްތަކެއް ރާވައި ހެދުމަކީ ސަރުކާރާއި ރައްޔިތުންހޮވާފައިވާ ކޮމިޓީގެ  ޒިންމާ އެއް ކަމުގައި ބެލެވެއެވެ. އެހެން ނަމަވެސް މިފަދަ ފަރާތްތަކުން މިކަމަށް މާކަބޮޑު ސަމާލު ކަމެއް ދޭތަނެއް އަދިމިހާތަނަކަށް ނުފެނެއެވެ.  ޕްލާންޓްގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުދެވުމުގެ މައިގަނޑު ސަބަބަކީ މަހަކު ގާތްގަނޑަކަށް 4000 ރުފިޔާ ޚަރަދުވާ ކަރަންޓް ބިލުގެ މައްސަލަ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން 4000 ރުފިޔާ ނުދެއްކި ރައްޔިތުންނަށް ބޭނުންވާ މުހިއްމު ޚިދުމަތެއް ނުލިބިދިޔުމަކީ  މިޒަމާނުގައި ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދިހަމަ އެއާއި އެއްކޮށް، މީޓަރު ބަހައްޓައިގެން ގޭގެއަށް ފެނުގެ ޚިދުމަތް ދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް އެދި ގާތްގަނޑަކަށް 50 ވަރަކަށް ގެއިން ފެނާއިބެހޭ މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށް ޚަބަރުލިބެއެވެ. އެހެންނަމަވެސް އަދިމިހާތަނަކަށް އެއާއި ބެހޭ އެދެވޭ ޖަވާބެއް ލިބޭނެ ގޮތްވަނީ ތަނަވަސް ނުވެފައެވެ. ރެޑްކްރޮސް އިން މި މިޕްލާންޓް ބަހައްޓާފައިވަނީ ރަށުގެ ބޯފެން ހުސްވެއްޖެ ހާލަތެއްގައިރައްޔިތުންނަށް ހެޔޮފެން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ގައްދޫގައި އަދިވެސް ބޯފެންތާނގީ ނުހުންނަ ކިތަންމެ ގެއެއް ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެން ކަމުން މިފަދަ މީސްމީހުން ތަޢައްޔަރުވެފައިވާ ވަޅުފެން ބުއިމުން ސަލާމަތްކޮށް ދިނުމަށްޓަކައި ޕްލާންޓްގެ ކިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މީގެ އިތުރަށް ގޭގެ ފެން ލޮނުވެފައި ތިބި ފަރާތްތަކަށްވެސް މީރުފެންކޮޅެއް ފަސޭހަ ގޮތެއްގައި ލިބޭނެ ގޮތް ތަނަވަސް ކޮށްދޭންޖެހެއެވެ. އެހެން ކަމުން ސަރުކާރުން ތަންކޮޅެއް ބޮޑަށް މިކަމާއި ދޭތެރޭ ވިސްނަވާލެއްވުމަކީ ރައްޔިތުން ވަރަށް ބޮޑަށްއެދޭކަމެކެވެ. ގައްދޫގައި މިވަގުތު 13 ސަރަހައްދެއްގައި ފެންއިސްކުރު ބަހައްޓާފައި ހުރިކަމުގައި ވިޔަސް އާންމުކޮށް ފެންދޫކުރަނީ ހުކުރުދުވަހުގެ ހެނދުނާއި ހޯމަދުވަހުގެ ހަވީރުގެ ކުޑަވަގުތު ކޮޅެއްގައެވެ. އެހެންކަމުން މިވަގުތު ތަކުގައި އެކަމަށް ހުސްވެގެން ފެންކޮޅެއް ބަލައި އިސްކުރު ކައިރީގައި ކިޔުހަދައިގެން ތިބުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫނެވެ. އަދިއެއާއި އެއްކޮށް، މަސްވެރިންނާއި ދަތުރުވެރިންނަށްވެސް މިޚިދުމަތް ފަސޭހަގޮތެއްގައި ލިބޭނެ ގޮތް ތަނަވަސް ކޮށްދިނުމަކީ އެހާމެ މުހިއްމު ކަމެކެވެ. ދިރިއުޅުމަށް އެންމެ މުހިއްމު އެއްމާއްދާ ކަމަށްވާ ފެނުގެ ޚިދުމަތް ފަސޭހަ ގޮތެއްގައި ލިބުމުގެ މަގު ކައިރި މުސްތަގުބަލެއްގައި ހަމަޖެގެން ދިޔުމަކީ  ގައްދޫގެ ވަރަށް ގިނަބައެއްގެ އުންމީދެކެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  15 April, 2008 07:28:03
avatar
މައުލޫމާތު ލިބިފައިވާ ގޮތުން ސަރުކާރުން ރަށްރަށުގައި ބަހައްޓާ ފެން ޕްލާންޓްތަކުގެ ކަރަންޓް ބިލް ނުދައްކާ!
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
3.33