ގައްދޫގެ ކުރިމަގާއި ދޭތެރޭގައި އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަންނުވޭބާ؟
ތަރައްގީގައި އާވިސްނުންތަކެއް ގެންގުޅެގެން ނޫނީ ކާމިޔާބީ އާއި ހަމައަށް ވާސިލް ވުން އޮންނާނީ ދުރުގައި.
ގައްދު އަކީ ހުވަދު އަތޮޅަށް ބަލާއިރު އާބާދީގެ ގޮތުން ފުދޭވަރެއްގެ ބޮޑު އާބާދީއެއް އޮތް ރަށެކެވެ. އެންމެ ބޮޑު އާބާދީ އެއް އޮތް ތިނަދޫ އެއްފަރާތް ކޮށްލުމަށްފަހު ދެން އޮތް ދެރަށަކީ ގައްދު އާއި ވިލިގިއްޔެވެ. މިދެރަށަކީ އާބާދީގެ ގޮތުން ގާތްގަނޑަކަށް އެއްވަރެއްގެ އާބާދީއެއް އޮތް ދެރަށްކަމަށް ވީނަމަވެސް ތަރައްގީގެ އުސްމިންތައް ހާސިލް ކުރުމުގައި ގައްދޫ އަކަށް މާކަ ބޮޑު ކުރިއެރުން ތަކެއް ހާސިލް ވެފައި ވެއެކޭ ނުދެންނެވޭނެއެވެ. ވަރަށް ފަހަކާއި ޖެހެންދެންވެސް ގައްދޫގެ ދަރިވަރުންނަކަށް އިލްމީ ގޮތުން މާކަބޮޑު ކާމިޔާބީ ތަކެއް ހާސިލް ވެފައެއް ނެތެވެ. ނަމަވެސް ތައުލީމްގެ މުހިންމު ކަން ގަބޫލުކުރެވި ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމުގެ މާތް މަގުސަދުގައި ގައްދޫގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މިހާޜު ވަރަށް ބޮޑެތި ގުރުބާނީ ތަކެއް ވާން ފަށައިފައެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުންނާއި، އިންޖިނޭރުން އަދި ނޫސްވެރިންނާއި އަދި މިނޫންވެސް ތަފާތު ފަންނުތަކުގެ ބޭފުޅުން އެބަ ތިއްބެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަ ކޮށްލެވޭފަދަ ބޮޑެތި ކާމިޔާބީ ތަކެއް ލިބިގެންދާ މަންޒަރު އަޅުގަނޑުމެންނަށް މިހާރުވަނީ ފެންނަން ފަށައިފިއެވެ. މިއީ އަޅުގަނޑުމެން އުފާ ކުރަން ޖެހޭނެ ކަމެކެވެ. ގައްދޫގެ ދަރިވަރުން އޯލެވެލް ގައާއި އަދި އޭލެވެލް ގައި ރަންވަނަ ތަކެއް ހާސިލް ކުރަމުން ދާދިޔުމަކީ ގައްދު އަށް ނިސްބަތްވާ ހަމަ ކޮންމެ މީހަކު ވެސް އުފާކުރަންޖެހޭނޭ ކަމެކެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުންނާއި، އިނޖިނޭރުން އަދި ނޫސްވެރިންނާއި އަދި މިނޫންވެސް ތަފާތު ފަންނުތަކުގެ ބޭފުޅުން އެބަ ތިއްބެވެ. އެހެން ކަމުން އަޅުގަނޑުމެން އެންމެން އެކުގައި އެއްރޫހެއްގައި މަސައްކަތް ކޮށްފިނަމަ ގައްދޫ އަކީ ކުރިމަގުގައި މުޅި އަތޮޅަށް ވެސް ނަމޫނާ ރަށެއްގެ ގޮތުގައި ފާހަގަ ވެގެން ދިޔުމަކީ ދުރުގައި ވާކަމެއްނޫނެވެ.ކޮންމެ ރަށެއްގައިވެސް، ކޮންމެ ޖަމާއަތެއްގައި ވެސް ޚިޔާލު ތަފާތުވުންތައް ހުންނާނެއެވެ. ތަފާތު ޚިޔާލުތައް ހުންނަންވެސް ޖެހޭނެއެވެ. އެހެންނަމަވެސް މިފަދަ ޚިޔާލު ތަފާތުވުން ތަކަކީ މުޖްތަމައުގެ ހަލާކު ކަމުގައި ހަދާކަށް ނުޖެހެއެވެ. ތަފާތު ޚިޔާލު ތައް އެއްކޮށްލައިގެން މުޖްތަމައަށާއި ރަށަށާއި ގައުމަށް ފައިދާހުރި ބިނާކުރުވަނިވި ޚިޔާލު ތަކަށް އަޅުގަނޑުމެން މަރުހަބާ ކިޔަން ޖެހެއެވެ. ވަކި ބަޔަކު ދިން ލަފައަކަށް ވީތީ ކަނޑައެޅިގެން އެކަމަކަށް ޖަދަލު ކުރުމުގެ ރޫހު ދޮކޮށްލަން ވެއްޖެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންނަކީ އެކެއް ނުވަތަ އެއްބަޔެއްގެ މަސްލަހަތަށް ވުރެ ބޮޑަށް މުޖްތަމައުގެ ލާބައާއި މަސްލަހަތަށް ވިސްނަންޖެހޭ ބަޔަކު ކަމުގައި ވާން އެބަޖެހެއެވެ. މިވިސްނުމާއި އިދިކޮޅު ފަރާތެއްނަމަ އެބަޔަކަށް ރަނގަޅުގޮތް ވިސްނައިދެވޭތޯ މަސައްކަތް ކުރަން ވެސް އެބަޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ހުންނަ ޚިޔާލު ތަފާތުވުމާއި ބައިބައިވުން ދޫކޮށް އެއް އަމާޒަކަށް ވާސިލް ވުމުގައި އަޅުގަނޑުމެން އެއް ރޫހެއްގައި މަސައްކަތްކޮށް ކާމިޔާބީ އަކާއި ހަމައަށް ދެވޭތޯ މަސައްކަތް ކުރަން ވީ ދުވަސް މިހާރު މިއޮތީ އައިސް ފައެވެ. ގައްދޫ ގައި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ދާއިރާތައް ހުރިކަމުގައި އަޅުގަނޑުމެން އެންމެންނަށް ވެސް ގަބޫލުކުރެވެއެވެ. މިގޮތުން ޚާއްސަކޮށް ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ފާހަގަ ކޮށްލަން ޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ހުންނަ ޚިޔާލު ތަފާތުވުމާއި ބައިބައިވުން ދޫކޮށް އެއް އަމާޒަކަށް ވާސިލް ވުމުގައި އަޅުގަނޑުމެން އެއް ރޫހެއްގައި މަސައްކަތްކޮށް ކާމިޔާބީ އަކާއި ހަމައަށް ދެވޭތޯ މަސައްކަތް ކުރަން ވީ ދުވަސް މިހާރު މިއޮތީ އައިސް ފައެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި ތަފާތު ފަންނު ތަކުގެ ބޭފުޅުންގެ ބޭނުން ކޮށްގެން ހުރިހާ ރައްޔިތުން އެއްރޫހެއްގައި މަސައްކަތް ކޮށްފިނަމަމިފަދަ ކަންތައްތައްތަކަށް ހައްލެއް ލިބި އަޅުގަނޑުމެން މިދެކޭ ހުވަފެންތައް ހަގީގަތަކަށް ވުމަކަށް މާކަ ގިނަ ދުވަސް ތަކެއް ނުނަގާނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައި ތިބި ޖަމްއިއްޔާތަކުގެ ހިންގުން މިހާރަށް ވުރެ ހަރުދަނާކޮށް ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުން އެވަގުތެއްގައި އޮތް ސަރުކާރާއި ތަންކޮޅެއް ޑިޕްލޮމެޓިކް ގޮތެއްގައި މަޝްވަރާކޮށް ތަރައްގީ އަށް ޓަކައި މަސައްކަތް ކުރަން ވެއްޖެއެވެ. ކިތަންމެ ހިތްދަތި އިހްސާސް ތަކަކާއި އުނދަގޫތަކެއް ތަހައްމަލް ކުރަން ޖެހުނު ކަމުގައިވިޔަސް ޑިޕްލޮމަސީގެ ރިވެތި އުސޫލްތަކުގެ ބޭނުން ކޮށްގެން ނޫނީ އެކަށީގެންވާ ކާމިޔާބެއް ހާސިލްވުމުގެ މަގު އޮންނާނީ ދުރުގައެވެ. އެހެން ކަމުން އަޅުގަނޑުމެން ގެ ތޫނުފިލި ވިސްނުމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުން ކޮށްގެން ކާމިޔާބީ އާއި ހަމައަށް ދިޔުމަށް އާ ސޮފްހާ އެއް އެއްލާލަން ވީ ދުވަސް މިހާރު މިއޮތީ އައިސްފައެވެ. މިގޮތަށް މަސައްކަތް ކޮށްފިނަމަ އަޅުގަނޑުމެންގެ އުންމީދު ތަކުގައި ކާމިޔާބީގެ ކުލަ ޖެހުން އޮންނާނީ މާދުރެއްގައެއް ނޫނެވެ.



ކޮމެންޓްސް ފުނުއްވާ