ގައްދޫގެ ދެކުނު ސަރަހައްދުން ހިއްކާފައިވާ ސަރަހައްދު ވަރަށް ބޮޑަށް ގިރަމުން އެބަގެންދޭ
މިސަރަހައްދުގައި ރިވެޓްމެންޓެއްލުމަށް ހަމަޖެހިފައިވީނަމަވެސް އަދި މަސައްކަތް ފެށޭނެ ކޮޅުމައްޗެއް ފެނިފައެއް ނެތް
ގައްދޫގެ ދެކުނު ސަރަހައްދުން ހިއްކާފައިވާ ސަރަހައްދު ވަރަށް ބޮޑަށް ގިރަމުން އެބަގެންދެއެވެ. ގައްދޫގެ ބިން ހިއްކުމުގެ ޕްލޭންގައި މިސަރަހައްދުގައި ރިވެޓްމެންޓެއް ޖެހުމަށް ހަމަޖެހިފައިވީނަމަވެސް މި މަސައްކަތް އަދި ވަނީ ފެށޭގޮތް ނުވެފައެވެ. ރިވެޓްމެންޓްގެ މަސައްކަތް ފެށުމަށް ދުވަސްތަކެއް ނަގާނެކަމަށްބަލައިގެން ހިއްކާފައިވާ ސަރަހައްދުގެ ވަށައިގެން ފަސްބޭނުންކޮށްގެން އުސްކޮށް ތޮށިގަނޑެއްލާފައިވީނަމަވެސް މިތޮށިގަނޑުވެސް ވަނީ އެކި ސަރަހައްދު ތަކުން ގިރައިގެން ގޮސްފައެވެ. ޚާއްސަކޮށް ރަށުގެ ދެކުފަރާތުން މިތޮށިގަނޑު އެއްކޮށް ގިރުވާލައިފައިވުމުގެ އިތުރުން ހިއްކާފައިވާ ސަރަހައްދުގެ ބޮޑުބައެއްވެސް މިހާރުވަނީ ގިރައިގެން ގޮސްފައެވެ.
ގައްދޫގެ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކާފައިވާ ސަރަހައްދުގެ ފަސްގަނޑު ހަމަ ބިމަށްވުރެ އުސްވެފައިވުމުގެ ސަބަބުން ޖަމާވާ ފެންތައް ހިންދުމަށްޓަކައި ކާނު ސިސްޓަމެއް ހަދާގޮތަށްވެސް މި ޕްރޮޖެކްޓްގައި ހިމެނިފައިވެއެވެ. ގިނައިން ވާރޭވެހޭ މޫސުމްގައި މިގޮތަށް ގައްދޫގެ އުތުރު ސަރަހައްދުގައި ފެން ބޮޑުވަމުންދާތީވެ އެސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކަށް ގިނަ ގުނަ އުނދަގޫ ތަކެއް ދަނީ ކުރިމަތި ވަމުންނެވެ. އަދި ހަމަ އެއާއެކު އެފަރާތްތަކުން މިކަމުގެ ޝަކުވާ ތަފާތު ފަހަރުގެ މަތިން ވަނީ ރަށު އޮފީހުގައާއި އަދި ކަމާއިބެހޭ އެހެނިހެން ފަރާތްތަކުގައި ދަންނަވާފައެވެ.
މިމަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ނުވެފައިވަނީ އެކަމަށްބޭނުންވާ ފައިސާ ލިބިފައި ނެތުމުން ކަމުގައި އަޕަރ ސައުތް ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބް މުހައްމަދު ޝަރީފް ވިދާޅުވެފައިވެއެވެ. ހަމަ އެއާއެކު ގައްދޫ ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލައިގައިވެސް ރައްޔިތުންގެ ޝަކުވާ އިތުރުވެފައިވާތީ ބައެއް ރައްޔިތުންގެ އެދުމުގެ މަތިން ކުރީގެ ބަނދަރާއި ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު ފަސްނެގުމަށް ފުންކުރި ސަރަހައްދު ގުޅާލުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ގައްދޫ ރިވެޓްމެންޓްގެ މަސައްކަތް ކުރުމަށް ބޭނުންވާ ގާތަކުގެ ތެރެއިން ބައެއް ގާތަށް ކުރީގެ ސަރުކާރުން ގައްދުއަށް ގެނެސްފައިވެއެވެ. އެހެންނަމަވެސް މި ގަލުގެ ކޮލިޓީ އާއި ދޭތެރޭގައި ރައްޔިތުންވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި މިގާތަށް ބޭނުންކޮށްގެން ގައްދޫގެ ދެކުނުސަރަހައްދު ހިމާޔަތް ކުރެވިދާނެކަމަށްވެސް އެފަރާތްތަކުން ގަބޫލެއް ނުކުރައްވައެވެ. އަދި ހަމައެއާއެކު މިކަމަށްގެނެސްފައިވާ ގާތަކުގެ ތެރެއިން ބައެއް ގާތައް ބަޔަކުމީހުން ވަނީ ހަލާކުވެސް ކޮށްލާފައެވެ.



ކޮމެންޓްސް ފުނުއްވާ