ފުރަތަމަ ސަފްހާ | ވީޑިއޯއިން | ގައްދޫ ކުނާ: މުޅި ރާއްޖެއަށް މަޝްހޫރު އުފެއްދުމެއް

ގައްދޫ ކުނާ: މުޅި ރާއްޖެއަށް މަޝްހޫރު އުފެއްދުމެއް

ފޮންޓް ސައިޒް: Decrease font Enlarge font

ގައްދޫ ކުނަލެއްވަނީ އިނގިރޭސިވިލާތުގެ ދާރުލް އާސާރެއްގައި ބޭއްވިފައި.

ތުނޑުކުނާ ވިޔުމުގެ ފަންނުގައި މުޅި ރާއްޖެއަށް މަޝްހޫރު ގައްދު އަކީ މި ފަންނުގައި މުޅި ރާއްޖެއިންވެސް ފާގަކޮށްލެވޭ ދެވަނައެއްނެތް ނަމޫނާ ރަށެކެވެ. ގައްދޫގެ ހުނަރު ވެރި އަންހެންވެރިން ކުނާވިޔާ ފެންވަރަކަށް ކުނާ ވިޔުމުގެ މަސައްކަތް ކުރަން އެނގޭ ރަށެއް އަދި މިއަދާއި ހަމައަށްވެސް ރާއްޖޭގައެއް ނެތެވެ.

ކުރީ ޒަމާނުގައި ތުނޑުކުނާ ބޭނުންކޮށްފައިވަނީ ނިދުމަށާއި، އިށީނދެއިނުމަށާއި އަދި ނަމާދު ކުރުމަށެވެ. މި ވައްތަރުގެ ކުނާ ވަނީ ކުރީޒަމާނުގައި ސިލޯނުގައި ތިއްބެވި ހޮލެންޑް އަދި އިނގިރޭސި ވިލާތުގެ ގަވަރުނަރުންނަށް ވެދުމަށް އަރުވާފައެވެ. އަދި މިއަދާއި ހަމައަށްވެސް ގައްދޫ ތުނޑުކުނާ އަކީ ބޭރުގެ އެކި އިއްޒަތްތެރިންނަށް ދިވެހިރާއްޖެ ރަމްޒުކޮށްދޭ ހަދިޔާ އެއްގެ ގޮތުގައި އެރުވޭ އެއްޗެކެވެ. ބައެއް ރެޒޯރޓް ތަކުގައިވެސް ބިންމައްޗާއި ފާރުތައް ޒީނަތްތެރި ކުރުމަށްޓަކައި ގައްދޫ ތުނޑުކުނާ މިހާރުވެސް ބޭނުންކުރައްވަމުން އެބަގެންދަވައެވެ.އޭގެ އިތުރަށް މި ކުނަލަކީ ޓުރިސްޓް ސުވެނިއަރ އެއްގެ ގޮތުގައިވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާ އެއްޗެކެވެ. ގައްދޫ ކުނަލެއްވަނީ އިނގިރޭސި ވިލާތުގެ ދާރުލްއާސާރުގައި ބާއްވާފައެވެ. މި ކުނާ ދާރުލް އާސާރަށް ހަދިޔާ ކޮށްފައިވަނީ 1939 ވަނަ އަހަރު މަޝްހޫރު ތާރީޚީ ހޯދުން ތެރިއެއްކަމަށްވާ އެޗްސީޕީބެލް ގެ އަންހެން ދަރިފުޅު ޒޯ ބެލް އެވެ.

kunaa_gadhdhoo_814911191.jpgކުނާ ވިޔުމަށްޓަކައި ބޭނުންކުރާ "ހައި" އަކީ ގައްދޫ އިން އެހާ ގިނައިން ލިބޭ އެއްޗަކަށް ނުވުމުގެ ސަބަބުން އެއެއްޗެހިތައް ގައްދު އަށް ގެންނަނީ ގދ. ފިޔޯރީންނެވެ. ކުނާ ވިޔުމުގެ ކުރިން މި ހައި ތައް ރަނގަޅަށް ހިއްކާލުމަށްޓަކައި އަވީ ގައި ބައިތިއްބައެވެ.  ކުނާ ވިޔުމުގައި އާންމުކޮށް ބޭނުންކުރާ ތިން ކުލައިން ހުދުކުލަ ގެންނަނީ މިގޮތަށް ހައިތައް އަވީގައި ހަފްތާއެއްހާ ދުވަހު ބޭތިއްބުމަށްފަހު އެއެއްޗެހިތައް އަވީލައި ހިއްކާއިގެންނެވެ. ހައިތައް ހިކުމުގެ ކުރިން އެއެއްޗެހިތައް ހުންނަނީ ގަދަ ފެހި ކުލައިގައެވެ.

ކުނާ ވިޔުމަށް ބޭނުންކުރާ އާންމު ތިން ކުލައަކީ ހުދު ކުލަ އާއި، ރީނދޫ، އަދި ކަޅު ކުލައެވެ. ހައިތަކުގައި ޖައްސާ ކުލަ ތަކުގެ ތެރެއިން ރީނދޫ ކުލަ ޖައްސަނީ އެހި ގަހުގެ މޫތައް ނަގައިގެން ކޮށުމަށްފަހު ހައިތަކާއި މިމޫތައް ހޫނުފެނުގައި ގާތްގަނޑަކަށް ދެގަޑިއިރުވަންދެން ކައްކައިގެންނެވެ. މި ގޮތަށް ކައްކައިގެން އަންނަ ކުލަ އެހާ ގަދަ ނުވުމުގެ ސަބަބުން ކުލަ ގަދަކުރަން ހަދާ ގޮތަކީ ސާފް ފެނާއި ލޮނުފެނުގެ ތެރެއަށް ރީނދޫ އަޅައިގެން ގާތްގަނޑަކަށް އެއްގަޑި އިރު ވަންދެން ކައްކަނީއެވެ.

ހައި ގައި ކަޅުކުލަ ޖެއްސުމަށް ހަދާގޮތަކީ އެންމެފުރަތަމަ ހޫނު ފެނުގެ ތެރެއަށް އަޅިފެނާއި އޮނިގަހުގެ ތޮށި އަޅައިގެން ހައި ތައް މަޑުވަންދެން ކައްކަނީ އެވެ. މިގޮތަށް 6 ދުވަސް ވަންދެން ހައިތައް ކައްކާނެއެވެ. އޭގެ ފަހުން ކާށިފެނާއި ދަގަނޑު އަޅައިގެން ހަދާފައި ހުންނަ މިކްސްޗަރ އެއް (ދަނގަޑެ ރާ) ހައިތަކުގެ ތެރެއަށް އަޅައިގެން  ކެއްކުމުން ހައިތަކުގެ ކުލަ ކަޅުކުލައަށް ބަދަލުވެއެވެ. އެއަށްފަހު ހައިތައް ހިއްކާލުމަށްޓަކައި ބައިތިއްބަނީއެވެ. އަސްލު ކަޅު ކުލަ އަންނަނީ މިގޮތަށް ތިން ފަހަރު ކައްކާލައިގެންކަމަށްވެއެވެ. އެއަށްފަހު ހައިތަކަށް އޮފްކަން ގެނައުމަށްޓަކައި ސާފް ފެނުގެ ތެރެއަށް ކާށިތެޔޮ އަޅައިގެން އޭގެ ފެންހިނދުމާއި ހަމައަށް ހައިތައް ކައްކާނެއެވެ.

ތަފާތު ކަންކަމަށް ތައްޔާރުކޮށްފައިވާ ކުނާ ތަކުގެ ޑިޒައިންތައް ހުންނަނީ ތަފާތު ގޮތްގޮތަށެވެ. އެކުނަލެއް ބޭނުންކުރާ ބޭނުމެއްގެ މައްޗަށް ބިނާކޮށް ކުނަލުގައިވާ ޑިޒައިންތައްވެސް ތަފާތުވެއެވެ. މިގޮތުން ނިދާ ކުނަލާއި ނަމާދު ކުނާ، ކަރުދާހު ކުނާ، ބޯފިތްޖެހިކުނާ ފަދަ ކުނާތަކުގެ ޑިޒައިންތައް ތަފާތު ވާނެއެވެ. އަދި ޝާހީ އާއިލާގެ ބޭނުމަށް ޚާއްސަ ކުރެވިގެން ކުރީ ޒަމާނުގައި ކުނާ ތައްޔާރު ކުރާ ކަމަށްވެސް ވެއެވެ.

ކޮންމެ އަކަސް ތުނޑުކުނަލަކީ ގައްދޫގެ ފަޚްރެއް ކަމަށް ބެލެވޭ މުހިއްމު އުފެއްދުމެކެވެ. މިހުނަރު އާލާކޮށް އަންނަންތިބި ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެކެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  22 December, 2009 08:53:51
avatar
މީވއަރައް ރަގަޅު މައުލޫމާތުކޮޅެއް ވަރއް ކުރާހިތްވާ މަސައްކަތެއް މިމަސައްކަތް ދަސްކުރަން ހަދާނީ ކިހެނެތް ކަން ކިއުއްވާ ދެއްވިދާނެތޯ ދެއްވި ދާނެ ނަމަ ގުޅޭނެ ނަންބަރު މިކޮލަމައް ފޮނުއްވާ ދެއްވުން އެދެން
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0